ރިސޯޓުތަކުގެ ސްޕާތައް ފިޔަވައި އެހެން ސްޕާތަކާއި ސެލޫންތައް ބަންދު ކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މުއުމިނާ އަބޫބަކުރު މިރޭ ނެރުއްވި އެންގުމެއްގައި ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން އޭނާއަށް ލިބިދޭ ބާރުގެ ދަށުން، 2020 މާރިޗު 19 ވަނަ ދުވަހުގެ ރޭ 12:00 އިން ފެށިގެން، ވަކި ގޮތެއް އަންގަންދެން، ރިޒޯޓްތަކުގައި ޤާއިމުކޮށްފައިވާ ސްޕާތައް ފިޔަވައި ދިވެހިރާއްޖޭގައި ހިންގާ އެހެނިހެން ސްޕާތައް ބަންދު ކުރުން (މީގެ ތެރޭގައި ސެލޫންތަކުގައި ހިންގާ ސްޕާތައްވެސް ހިމެނޭ) އަންގާ ކަމަށެވެ.

މިކަން ތަންފީޛުކޮށް، އެ ފިޔަވަޅަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާކަމަށް ވެސް އެންގުމުގައި ވެއެވެ. އަދި، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެންމެހައި ފަރާތްތަކަށް ވެސް ވަނީ އަންގާފައެވެ.

ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަމަށްޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، އެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް، 12 މާރިޗު 2020 ގައި، މިނިސްޓަރ އޮފް ހެލްތު އިޢުލާނުކޮށްފައިވާތީ މީގެ ކުރިން ވެސް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޕިސްޕިސް

    އަދި ކިރިޔާދޯ.

    12
    3
  2. ......

    ދެން ހުޅުވުގެ ހުއްދަ ނުދިނުމަށް އެދެން...

    4
    2
  3. މަހުދީ

    ކޮވިޑް19 ގެ ހައްލަކީ މަސާޖުޕާލާތައް ބަންދުނުކޮށް އެންމެ ފުރަތަމަ ފިޔަވަޅަކީ މިސްކިތް ބަންދުކުރުންތޯ؟

    5
    4
  4. ޝީޒާ

    ސެލޫންތައް ބަންދު ކުރީމަ ދެން ކިހިނެއް ބޯ؟

  5. ޕަރީ

    ކެފޭ ރެސްޓޯރަންޓްތައް ބަންދު ކުރުމަކީ މީހުން ބޭކާރުގޮތުގައި ބޭރަށްދިއުން ހުއްޓުވުމަށް ކުރެވޭނެ އެންމެ ރަނގަޅު ފަރުވާ.

    3
    2