ބޭރު ޤައުމުތަކުން އައުމުން ކަރަންޓީން ކުރާ ދިވެހިންނާއި ގުޅޭ މައުލޫމާތު ފޯރުކޯށްދިނުމަށް ހޮޓްލައިނެއް ކަނޑައަޅައިފިއެެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކޮވިޑް 19އިގެ މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ މަބްރޫކް އަޒީޒް ވިދާޅުވީ، 7290223 އަށް ގުޅުއްވައިގެން، އެ ފަރާތްތަކުގެ އާއިލާތަކަށް ވެސް މައުލޫމާތު ހޯދޭނެ މަގު މިހާރު ފަހިކޮށްދީފައިވާ ކަމަށެވެ.

”މިކަމާއި ގުޅިގެން އެއްވެސް ސުވާލެއް އޮތްނަމަ، ނުވަތަ މި ކުދިންނާއި ގުޅޭ ގޮތުން ކުރަން ބޭނުންވާ އެއްވެސް ސުވާލެއް އޮތްނަމަ، ގުޅޭނެ ހޮޓްލައިނެއް މިވަނީ ވަކި ނަމްބަރެއް ކަނޑައެޅިފައި. އެ ނަމްބަރަކީ 7290223. މި ނަމްބަރަށް ގުޅައިގެން މި ކުދިންނާއި ގުޅޭ ކަންކަމުގައި ވާހަކަދެއްކޭނެ. މި ނަމްބަރު އެކްޓިވްވާނެ ގަޑިތަކަކީ، ހެނދުނު 9 އިން ރޭގަނޑު 11 އަށް. އަދި ހުކުރު ދުވަހު މެންދުރު 02:30 އިން ފެށިގެން ރޭގަނޑު 11 އަށް." މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން ކަރަންޓީންގައި ތިބި ދިވެހިންނަށް ތަކެތި ފޯރުކޮށްދެވޭނެ މަގުވެސް ފަހިކޮށްދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެބަ ތިބި ކޮރަންޓީން ފެސިލިޓީތަކުގައާއި އައިސޮލޭޝަން ފެސިލިޓީތަކުގައި. އާއިލާތަކުން އެ ބޭފުޅުންނަށް ފޮނުވަން ބޭނުންވާ ތަކެތި، ޕާރްސަލް، މިފަދަ ތަކެތި ފޮނުވުމުގެ އިންތިޒާމެއް އޮތީ ރޭވިފައި. އަދި އެ ޕާރްސަލްތައް ބަލައިގަންނަ ގަޑި މިވަނީ ހެނދުނު 9 އިން 11 ޖެހުމަށް ހެދުނު ގަޑި އިތުރުކުރެވިފައި." މަބްރޫކް ވިދާޅުވިއެވެ

ކޮވިޑް-19 އަށް ރާއްޖެ އިން މިހާތަނަށް 13 މީހަކު ވަނީ ފައްސި (ޕޮޒިޓިވް) ވެފައެވެ. ނަމަވެސް އަދި މިހާތަނަށް ދިވެއްސަކު މިބައްޔަށް ފައްސިވެފައެއް ނުވެއެވެ. ރާއްޖެ އިން ފައްސިވެފައި ވަނީ ފަތުރުވެރިންނާއި، ރާއްޖޭގެ ރިސޯޓްތަކުގައި މަސައްކަތް ކުރާ ބިދޭސީ ބައެއް މުވައްޒަފުންނެވެ.