ކޮވިޑް-19 ރާއްޖެ އިން ފެނުމާއި އެކު ރިސޯޓްތަކުން މީހުން ފޭބުން މަނާ ކޮށްފައި ވާތީ ތެލެސީމިއާ ކުދިންނަށް ބޭނުންވާ ވަރަށް ލޭ ލިބުމުގައި ދަތިތައް ދިމާވަމުން ދާތީ އާއްމުންގެ އެހީތެރިކަމަށް ތެލެސީމިއާ ސެންޓަރުން އެދިއްޖެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައުލޫމާތު ނޫސްވެރިންނާއި ހިއްސާ ކުރައްވާ ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ މިހާރު ލޭ ލިބުމުގައި ދިމާވެފައިވާ ދަތިކަމަށް ހައްލެއް ހޯދުމަށް އާއްމު ރައްޔިތުން ތެލެސީމިއާ ސެންޓަރަށް ގޮސް ލޭ ހަދިޔާ ކުރުމަށް ތެލެސީމިއާ ސެންޓަރުން އެދިވަޑައިގަންނަވާ ކަމަށެވެ.

"ތެލެސީމިއާ ކުދިންނަށް އަޅާ ލޭގެ ބޮޑު ބަޔަކީ ރިސޯޓްތަކަށް ގޮސް ކޭމްޕްތައް ބާއްވައިގެން ލިބޭ ލޭ. އެހެންނަމަވެސް މިހާރު އޮތް ރިސްޓްރިކްޝަން އާއި އެކީގައި މިވަގުތު ނެތް ކޭމްޕްތައް ބޭއްވޭކަށް. ތެލެސީމިއާ ސެންޓަރުން ވަރަށް ބޮޑަށް އެބައެދޭ މިކަމުގައި އެހީތެރިވުމުގެ ގޮތުން އާއްމު ރައްޔިތުން ތެލެސީމިއާ ސެންޓަރަށް ލޭ ހަދިޔާ ކުރެއްވުމަށް." މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19 ރާއްޖެ އިން ފެނުނު ފަހުން ތެލެސީމިއާ ސެންޓަރަށް ލޭ ލިބުން ދަތިވެގެން މީގެ ކުރިން ވެސް އެސެންޓަރުން ވަނީ އެކަން އާއްމުންގެ ސަމާލުކަމަށް ގެނެސްފައެވެ.

ބްލަޑް ސާވިސް އަށް ހަފުތާއަކު 160 ޔުނިޓްގެ ލޭ ބޭނުންވެ އެވެ. އެތަނުގައި އެއަށްވުރެ ގިނައިން ލޭ ރައްކާކުރެވުނަސް ސްޓޯރޭޖުގައި މިވަގުތު އެންމެ ޔުނިޓެއްގެ ލޭ ވެސް ނެތް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސޮނިފުހޭ

    ލޭ ދެއްވައިގެން އިންސާނެއްގެ ފުރާނަ ސަލާމަތް ކޮށްދެއްވާ ﷲ އިހްސާންތެރިންނަށާއި ގުރްބާނީ އަށް ލޯބި ކުރައްވައެވެ

  2. އަދާލަތު

    އަޅުގަނޑަކީ، ޢާއްމުކޮށް ލޭދޭ މީހެއް މިފަހަރަކު ނުގުޅުއްވާ.

  3. ޢަހަރެން?

    ޢަޅޭ....
    ޢަހަންނަށް ވެސް ދެވޭނަމަ...??????