ރިސޯޓުތަކުން މީހުން އަރާ ފޭބުން މަނާކޮށްފައި ވަނިކޮށް ކ. އަތޮޅު ރިސޯޓަކުން ފިލައިގެން ޏ. ފުވައްމުލަކަށް ދިޔަ ދެ ދިވެހިން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މާލެ އަތޮޅު ރިސޯޓެއްގައި މަސައްކަތް ކުރާ ދެ މުވައްޒަފުން، އެ ރިސޯޓުން ފުރުން މަނާކޮށްފައި ވަނިކޮށް، މިދިޔަ ބުރާސްފަތި ދުވަހު އަމިއްލަ އަށް ދަތުރު ހަމަޖައްސައިގެން ފުވައްމުލަކަށް ގޮސްފައިވާ ކަމަށެވެ. މި ދެ މީހުން ރިސޯޓުން ފުރައިގެން ފުރަތަމަ ދިޔައީ މާލެ އަށް ކަމަށް ފުލުހުން ބުންޏެވެ.

އަދި ޖެހިގެން އައި ދުވަހަކު ދެ މީހުން ދިޔައީ ފުވައްމުލަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ދެމީހުން ފުވައްމުލަކު ސިޓީއަށް ދިއުމުން ހުއްޓުވައި، ހުކުރު ދުވަހުގެރޭ 23:25 ހާއިރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 29 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ ފިލައިގެން ދިޔަ އެ ދެ ދިވެހިންގެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގައި ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ހިލާފުވާ މީހުންނާ މެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރިސޯޓުން ފިލައިގެން ފުވައްމުލަކަށް ދިޔަ ދެ ދިވެހިން ހައްޔަރު ކުރިއިރު، އައްޑޫގެ ރިސޯޓަކުން ފަތާފައި މީދޫ އަށް އެރި ދިވެއްސަކު ދާދި ފަހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި އެމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން އެ މީހާ ވަނީ 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަލިބެ

    ޤާނޫނު ތަކާއި ޤަވާއިދުތައް މިގޮތަށް ތަންފީޒުކުރުމުގެ ބާރު މުއައްސަސާތަކަށް އަބަދުވެސް ލިބިދީފައި އޮންނަންޖެހޭ. އިންސާނީ ޙައްޤު ކަމަށްބުނެ ހިތުހުރިކަމެއް ކުރެވިގެންނުވާނެ. މަގުތަކާއި އެހެނިހެން ތަންތާގައިވެސް އެހެންމީހުންނަށް އުނދަގޫތައްވާގޮތަށް ޢަމަލުކުރާ ފަރާތްތަކަށް އަދަބެއް ދެވެންޖެހޭނެ. ކޮންމެކަމެއްކޮށްފައި އެއީ ތިމަންނަގެ ޙައްޤެކޭ ނުބުނެވޭނެ.