ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން ބަލި އިތުރަށް ފެތުރިޔަނުދީ ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތަށް އެހީތެރިކަން ހޯދުމުގެ ގޮތުން ނޭޕާލްގައި ޑޮކްޓަރުކަން ކިޔަވަމުންދާ ދިވެހި ދަރިވަރުން ރާއްޖެއަށް ގެނައުމަށް ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގައި ކޮވިޑް-19 ފެތުރިޔަ ނުދިނުމަށް މަސައްކަތްކުރާ އިމަޖެންސީ ރެސްޕޮންސް ޓީމާއި އެކު ހަރަކާތްތެރިވެ، އެހީތެރިވުމަށް ނޭޕާލްގައި ޑޮކްޓަރުކަން ކިޔަވަން ތިބި ބައެއް ދަރިވަރުން މިރޭ ރާއްޖެ އައުމަށް ފުރަން ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި އެކުލަވާލާފައިވާ އިމަޖެންސީ ރެސްޕޮންސް ޓީމަށް އެހީތެރިވުމަށް ރާއްޖެއަށް ގެންނަނީ ނޭޕާލްގައި ޑޮކްޓަރުކަން ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ރާއްޖެއަށް އަންނަން ބޭނުންވާ ދަރިވަރުންނެވެ. މި ދަރިވަރުން ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައި ވަނީ ސަރުކާރުގެ ޚަރަދުގައެވެ.

ނޭޕާލްގައި ޑޮކްޓަރުކަން ކިޔަވަމުންދާ 40 އަށްވުރެ ގިނަ ދިވެހި ދަރިވަރުން އެބަތިއްބެވެ. އޭގެތެރޭގައި ޑޮކްޓަރުކަމުގެ ލައިސަންސް އޮތް ދަރިވަރުން ވެސް ހިމެނެއެވެ.

ނޭޕާލްގައި ޑޮކްޓަރުކަން ކިޔަވަމުންދާ ދަރިވަރުން ރާއްޖެއަށް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ އިރު، ބޭރުގައި ތިބި ދިވެހި ޑޮކްޓަރުންނާއި ސިއްހީ އެނޫންވެސް ދާރިރާތަކުގައި މަސައްކަތް ކުރާ ދިވެހިން، ކޮވިޑް-19 އާއި ދެކޮޅަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަށް ހެލްތު މިނިސްޓަރ އަމީން ވަނީ އެދިވަޑައިގެންފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޖުމްލަ 13 މީހަކު ފައްސި ވެފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ ބޭރުގެ ޤައުމުތަކަށް ނިސްބަތްވާ މީހުންނެވެ. މި މީހުންގެ ތެރެއިން މިހާތަނަށް ތިން މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އަދި ކިޔެވުން ފުރިހަމަ ނުވެ ތިބި ސެމި ކޮލި ފައި ޑޮކްޓަރުން ލައްވައި ދިވެހީން މަރަން ތަ ތިއުޅެނީ

    1
    5
    • ސައިޓަމާ

      ތިކަހަލަ ގަމާރުން މަރުވިޔަސް ރަގަޅުވާނެ

      • Anonymous Daddy

        Anonymous ކަލޭތީ ކިޔެވުން ފުރިހަމަކޮއް ފިތުނަ ފަސާދަ ޑިގްރީ ނަގާފަ ހުރިމީހެއް... ކަލޭ ވިސްނަބަ ކަލޭގެ ފަރާތުން މިގައުމައްވަނީ ކޮންފައިދާއެއްތޯ.. މީހާޔައްވުރެއް އަންގަ ބޮޑީ