ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގެ އަލާމާތްތަކެއް ހުރުމުން، ލަންކާ އިން ރާއްޖެއަށް ދަތުރުކުރި އުޅަނދެއްގައި ހުރި މީހެއްގެ ޓެސްޓު ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިކަން ހާމަކޮށް މިރޭ ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު ލަންކާ އިން ރާއްޖެ އަށް އައި "އެލިއޯން" ނަމަކަށްކިޔާ އުޅަނދަކުން ދަތުރުކުރި މީހެއްގެ ގައިން ކަމަށެވެ.

އެޗްޕީއޭއިން ވިދާޅުވެފައިވާ ގޮތުގައި، އެ އުޅަނދުން ރާއްޖެއަށް އައުމަށްފަހު އަލާމާތްތަކެއް ފެނިފައި ވަނީ ބިދޭސީއެއްގެ ގައިންނެވެ. މިކަމާއި ގުޅިގެން، ރައްކާތެރިކަމުގެ ގޮތުން އަމަލުކުރަންޖެހޭ އުސޫލުގެ ދަށުން، އޭނާގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް އެޗްޕީއޭ އިން ވިދާޅުވެއެވެ.

އެޗްޕީއޭ އިން ވިދާޅުވިގޮތުގައި، ކޮވިޑް-19 ގެ އަލާމާތްތައް ފެނުނު މީހާ ދަތުރުކުރި އުޅަނދު، އޭނާގެ ޓެސްޓުގެ ނަތީޖާ ލިބެންދެން އޮތީ މޮނީޓަރިން ހާލަތުގައެވެ.

ލަންކާއިން ރާއްޖެއަށް އައި މީހެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރުމުގެ މަސައްކަތް ކުރިޔަށްދާއިރު ލަންކާ އިންވެސް ކޮވިޑްގެ ގިނަ ކޭސްތައް ދަނީ ފެންމަތިވަމުންނެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 77 މީހަކަށް މި ވައިރަސް ޖެހިފައި ވެއެވެ. އޭގެތެރެއިން ފަސް މީހަކު ފައްސިވެފައިވަނީ މިއަދު އެވެ. އިދާރާތަކުން ހާމަކުރާ ގޮތުގައި އެޤައުމުގައި މި ބައްޔަށް ފައްސިވި މީހުންގެ ތެރެއިން ރަނގަޅުވީ ތިން މީހެކެވެ. އަދި ދެމީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައެވެ.

ލަންކާއަށް ކޮވިޑް-19 ނުރައްކާ މިހާރު ބޮޑުވެފައިވުމާއެކު އެޤައުމުން ވައިރަސް ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން ބޭރުގެ ޤައުމުތަކުން އެޤައުމަށް ދަތުރުކުރުން ހުއްޓުވާފައިވާއިރު، މުޅި ލަންކާގައި މިވަގުތު ވަނީ ކާފިއު އިއުލާނުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު