މިދިޔަ ހޮނިހިރު ދުވަހު އައްޑޫ ސިޓީ ހިތަދޫ އިން ގެއްލުނު ދެ ކުދިން ހޯދުމަށް ޑައިވިން ރޮބަޓް ބޭނުންކޮށްގެން ކަނޑު އަޑި މިއަދު ބަލައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ޑައިވިން ރޮބަޓް ބޭނުންކޮށްގެން ކަނޑު އަޑި ބެލުމުގެ އިތުރުން ހެލިކޮޕްޓަރުގެ އެހީގައި ވައިގެ މަގުން ވެސް ކުދިން ހޯދުމުގެ މަސައްކަތް މިއަދުވެސް ކޮށްފައިވާ ކަމަށެވެ.

"މިއަދު ވެސް އޮއި ހުރިގޮތަށް ބަލާ ކުދިން ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ހަރަކާތްތެރިވެފަ" އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު މޫދަށް އެރި އުޅެނިކޮށް ގެއްލުނީ އައްޑޫ ސިޓީ ހިތަދޫ ޗަނބޭލީގޭ، އަލީ ފަހުމީ އާއި ޓޮޕާޒް، މަޔާމީން އަލީއެވެ.

އަލީ އާއި މަޔާމީންގެ އިތުރުން ރާއިފް ކިޔާ ކުއްޖަކު ހިތަދޫ ފުއްޓަރު ފަރާތައް މޫދަށް އެރި އުޅެނިކޮށް ތިން ކުދިން ރާޅާއި އެކު ބޭރަށް ދަމައިގަތެވެ. ނަމަވެސް އަތިރިމަތީގައި ހުރި ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް އެމަންޒަރު ފެނިގެން ރާއިފް ވަނީ ސަލާމަތް ކޮށްފައެވެ. އަނެއް ދެކުދިން ސަލާމަތް ކުރެވުމުގެ ކުރިން އެކުދިން ވަނީ ގެއްލިފައެވެ.

އަލީ އާއި މަޔާމީން ހޯދުމުގެ މަސައްކަތް ކަނޑު މަގުންނާއި ވައިގެ މަގުން އަދިވެސް ހުއްޓުމެއް ނެތި ދަނީ ކުރަމުންނެވެ.

ދެކުދިން ހޯދުމުގެ މަސައްކަތުގައި ސިފައިންނާއި ފުލުހުންގެ އިތުރުން ވަރަށް ގިނަ އަދަދެއްގެ އާންމުން ވެސް ދަނީ ބައިވެރި ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބޫބޫ

    އަދި މާއަވަހެއްނު ބަލަން..

  2. ޖަސްޓް އަ ތޯޓް

    އާދަޔާ ހިލާފު ބޮޑު ރާޅަކަށް ވިއްޔާ ގެއްލުނު ސަރަހައްދަށް ވުރެ މާދުރައްވެސް ގެންގޮސްފާނު އެކުދިން، ސަރަހައްދާ ދުރު ހިސާބުތައް ވެސް ބަލާލުން ބުއްދިވެރި.. ޕްރޮފެޝަނަލްސް ވިލް ނޯ ބެސްޓް .. މިއީ ހަމަ އަޅުގަނޑުގެ ހިޔާލެއް