ކޮވިޑް-19 ފެތުރުނަ ނުދިނުމަށް މާލޭގައި ހުރި ހުރިހާ ގާޑިޔާތަކެއް ބަންދުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ހޮނިހިރު ދުވަހުގެރޭ 12 އިން ފެށިގެން މާލެ ސަރަހައްދުގައި ހިންގާ ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ބަންދު ކުރުމަށް ހަމަޖައްސާފައިވާތީ ކައުންސިލްގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ގާޑިޔާތައް ވެސް ބަންދުވާނެ ކަމަށެވެ. މާލެ ސިޓީ ކައުންސިލްގެ އެ އެންގުމާ އެއްގޮތަށް މާލޭގެ ހުރިހާ ގާޑިޔާތަކެއް ވަނީ މިހާރު ބަންދުކޮށްފައެވެ.

އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރެންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ހިދުމަތްދޭ އެންމެހާ ތަންތަނުގައި ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް ފިޔަވާ އެހެނިހެން ހިދުމަތްތައް ދިނުން ހުއްޓާލުމަށް އަންގާ ކަމަށެވެ.

އެގޮތަށް ހަމަޖެއްސީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ކޮވިޑް-19 އިން ރާއްޖެ ސަލާމަތް ކުރުމަށްޓަކައި ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެތެރޭގައި ބައެއް ގައުމުތަކުން ރާއްޖެ އަށް މީހުން އައުން މަނާކުރުމާއި ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތައް ބަންދު ކުރުން ފަދަ ކަންކަން ހިމެނެއެވެ.

ރާއްޖޭގައި މިހާތަނަށް 13 މީހެއްގެ ގައިން ކޮވިޑް-19 ފެނިފައިވާ އިރު، ތިން މީހަކު ވަނީ ރަނގަޅުކޮށްފައެވެ. މި ބަލި ދިވެއްސެއްގެ ގައިން ފެނިފައި ނުވި ނަމަވެސް، ޝައްކު ކުރެވޭ ބައެއް ދިވެހިންގެ ސާމްޕަލްތައް ވަނީ ނަގައިފައެވެ.