ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ސަބަބުން ތެލެސީމިއާ ކުދިންނަށް ލޭ ލިބުން ދަތިވެފައިވާ ދަނޑިވަޅެއްގައި އިއްޔެ އެކަނި 83 ފަރާތަކުން ލޭ ހަދިޔާކޮށްފައިވާ ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސް އިން ބުނެފިއެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ސަބަބުން ތެލެސީމިއާ ކުދިންނަށް ލޭ ލިބުން ދަތިވެފައިވާތީ، ވީހާވެސް ގިނަ ފަރާތްތަކުން ލޭ ހަދިޔާ ކޮށްދިނުމަށް ތެލެސީމިއާ ސެންޓަރުން ވަނީ އެދިފައެވެ.

"ތެލެސީމިއާ ކުދިންނަށް އަޅާ ލޭގެ ބޮޑު ބަޔަކީ ރިސޯޓްތަކަށް ގޮސް ކޭމްޕްތައް ބާއްވައިގެން ލިބޭ ލޭ. އެހެންނަމަވެސް މިހާރު އޮތް ރިސްޓްރިކްޝަން އާއި އެކީގައި މިވަގުތު ނެތް ކޭމްޕްތައް ބޭއްވޭކަށް. ތެލެސީމިއާ ސެންޓަރުން ވަރަށް ބޮޑަށް އެބައެދޭ މިކަމުގައި އެހީތެރިވުމުގެ ގޮތުން އާއްމު ރައްޔިތުން ތެލެސީމިއާ ސެންޓަރަށް ލޭ ހަދިޔާ ކުރެއްވުމަށް." ކޮވިޑް-19ގެ މައުލޫމާތު އާއްމު ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑާާސެކެރެޓަރީ މަބްރޫކް އަޒީޒް ވިދާޅުވިއެވެ.

އެ ސާވިސް އިން އިއްޔެ ބުނީ، ލޭ ހަދިޔާ ކުރި ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމަަށާއި، ކުރިއަށް އޮތްތަނުގައިވެސް އެންމެންގެ އެއްބާރުލުން މިކަމުގައި ލިބޭނެކަމަށް އުއްމީދު ކުރާ ކަމަށެވެ.

ބްލަޑް ސާވިސް އަށް ހަފުތާއަކު 160 ޔުނިޓްގެ ލޭ ބޭނުންވެ އެވެ. އެތަނުގައި އެއަށްވުރެ ގިނައިން ލޭ ރައްކާކުރެވުނަސް ސްޓޯރޭޖުގައި މިވަގުތު އެންމެ ޔުނިޓެއްގެ ލޭ ވެސް ނެތް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.