އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ޝަރީއަތަށްފަހު ލޯންޗަށް އަރުވަނީ - ވަގުތު އިމޭޖްސް: އަމީން ފަހުމީ

އެމަނިކުފާނުގެ ޝަރީއަތް ކުރިއަށް ގެންދަނީ ވެކްސިންދޭ ދުވަހު ވެކްސިން ޖަހާ އުސޫލުން ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު މިގޮތަށް ވިދާޅުވީ މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ "އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ" ދައުވާގެ އަޑުއެހުމުގައެވެ.

މި ދައުވާ އެމަނިކުފާނާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކޮށްފައި ވަނީ އެކެއް ފެބްރުއަރީގެ ހުކުމާއި ގުޅިގެން ތުހުމަތު ކުރެވޭ މައްސަލަތަކެއްގައި އެބޭފުޅުންގެ ފޯނުގައި ހެކިތަކެއް ވާ ކަމަށް ބެލެވިފައި ވަނިކޮށް އެ ފޯނުތައް ތަހުގީގަށް ހަވާލު ކުރުމަށް ދެކޮޅު ހެދުމުންނެވެ. އުއްތަމަ ފަނޑިޔާރު ވަނީ އެ ދައުވާއަށް މިއަދު އިންކާރު ކޮށްފައެވެ.

ބަންދުގައި ބަހައްޓައިގެން ޝަރީއަތް ބާރު ދުވެލީގައި ކުރިއަށް ގެންދާތީ އެކަމަކީ "ވެކްސިން ދުވަހުގައި ވެކްސިން ދޭ ގޮތައް" ކުރިއަށް ގެންދާ ކަމެއް ކަމަށް ވިދާޅުވުމުގެ އިތުރުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މައްސަލަތައް ކުރިއަށް ގެންދާއިރު ގިނަ އަދަދެއްގެ ދުސްތޫރީ މައްސަލަތައް ފާހަގަ ކުރެވޭ ކަމަށެވެ. އަދި ވަކީލުންނާއި ބައްދަލުކޮށް މަޝްވަރާ ކުރުމަށް ވެސް ފުރުސަތު ނުލިބޭ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ބަހައްޓާފައި ހުންނަނީ ސޮލިޓަރީގައި ކަމަށްވެސް ފާހަގަ ކުރެއްވިއެވެ. އަދި ފަނޑިޔާރަކު އެގޮތަށް ބަންދުގައި ބެހެއްޓުމަކީ ގާނޫނު ހުއްދަ ކުރާ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

ޖަލު ބަންދުގައި ބަހައްޓައިގެން ކޮންމެ ދުވަހަކު ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދާއިރު ފަނޑިޔާރުުންގެ ސިއްހީ މައްސަލަތަކަށް ސަމާލުވުމަށް ވެސް އުއްތަމަ ފަނޑިޔާރު އެދިލެއްވިއެވެ. އެގޮތުން ފަނޑިޔާރު އަލީ ހަމީދުގެ ސިއްހީ ހާލަތު ހުރިގޮތުން ކޮންމެ ރެއަކު 21:00 ގައި އޮކްސިޖަން ގުޅައިގެން ނިދަން ޖެހޭކަންވެސް ފާހަގަ ކުރެއްވިއެވެ. އަދި ހުދު އެމަނިކުފާނަކީ ވެސް އެކި ސިއްހީ މައްސަލަތަކަށް ބޭސް ނަގަމުން އަންނަ ފަރާތެއްކަން ފާހަގަ ކުރެއްވިއެވެ.

އުއްތަމަ ފަނޑިޔާރާއި ދެކޮޅަށް އިއްވާފައިވާ ދައުވާ ސާފުވޭތޯ ސުވާލު ކުރުމުން ތަކުރާރުކޮށް ވަނީ ސާފު ނުވާ ކަމަށް ވިދާޅުވެފައެވެ. އަދި ދައުވާގައި އިބާރާތްކޮށްފައި ހުރިގޮތުންނާއި ދައުވާގެ ސީއާގައި ތަފްސީލު ނެތުމުން އެކަމާއި ބެހޭގޮތުން އެމަނިކުފާނުގެ ވަކީލުން މިއަދުގެ އަޑުއެހުމުގައި ބަހުސް ކުރެއްވިއެވެ.

އަދި ފޯނުގައި ހެކިތަކެއް ހުރިކަމަށް ބެލެވޭތީ ދައުވާ ކޮށްފައިވާއިރު އެމަނިކުފާނު ފޯނު ގެންގުޅެއްވި ކަމެއްވެސް ބައްލަވާފައި ނުވާ ކަމަށް ވިދާޅުވިއެވެ. އަދި ފޯނެއް ގެންގުޅުއްވި ކަން ބެލިތޯ އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ.

މީގެ އިތުރުން އެމަނިިކުފާނުގެ މައްޗަށް ދައުވާ ކުރާއިރު ކުރިމަތިވެފައިވަނީ މާ ބޮޑެތި މައްސަލަތަކެއް ކަމަށް ދޭހަވާ ގޮތައް ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން މިއަދު ގާނޫނު އަސާސީ "ފުނޑާލައި މުގުރާލައި" އޭގެ ބާރު ކަނޑުވާލާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އަދުލު އިންސާފުގެ ބާރުވެސް ކަނޑުވާލާފައިވާ ކަމަށް ވިދާޅުވިއެވެ.

މިއަދުގެ އިބްތިދާއީ އަޑުއެހުން ވަނީ ފަސް ގަޑިއިރަށް ދެމިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހެހެހެ މިހާރު އަދިކިރިޔާ ތިކަން އިހްސާސްވީދޯ! 30 މިލިޔަންގެ ބާރުގައި ހާދަ ކަންތައްތަކެއް ހިންގައިލައިފިޔޭދޯ؟ ހުރިހާ ކޯޓްތަކުގެ އައްޕަ ކަމުގައި ހެދިގެން އެމީހުން ކުރާ ހުކުމްތައް ބާތިލް ކުރަމުން ދަނިކޮށް ތިއޮތީ މަޅިފަތީގައި ޖެހި ގޮވާފަ!

  2. އުއްތަމަ ފަނޑިޔާރަށް ވެކްސިން ނުލިބޭ ކަންނޭގެ ކުޑައިރު

  3. ލަދު ކޮބާ ބަލަ މިހާތަނަށް ތިމާގެ ވެރިކަމުގަ ރައްޔަތުން ކުރި ތަހައްމަލު ތިކުރަނީ. ޢެއްޗެއް ވިސްނޭނެ މިހާރު

  4. އަދި ލަދުކުޑަކަމުން އެބަ އަނގަ އަރުވަޔޭދޯ. ޖަލަށްދާން ތައްޔާރުވޭ....!

  5. ބަސްނާހާތީ ދޯ ވެކްސިން ދޭން ޖެހުނީ. ޢިއްޒަތުގަ އުޅުނު އިރު ނުޖެހުނޭނުން ވެކްސިން ޖަހާކަށް. ދެން ހިއްވަރުކޮށްލާ.

  6. ވަލުގެ އަހުމަދު

    ނަސީބެއްނު ގަޑިހަމަކޮއްފަ ވެކްސިން ޖަހާކަންވެސް.މަނިކުފާނު އެގޮނޑީގަ އިންނަވައިގެން ފެބުރުއަރީ01 ވަނަދުވަހު ވެކްސިން ޖެއްސެވީ ހުރިހާ ވެކްސިން އެއްފަހާރާ ވިއްޔާ،އަސްލު މިހާރު ތިވާގޮތަކީ އެދުވަހު މަނިކުފާނު ޖެއްސެވި ވެކްސިންގެ ސައިޑްއިފެކްޓް ތި ފެންނަނީ.

  7. މަނިކުފާނު މިއޮތް ހުރިހާ ދުވަހު ވެކްސިން ޖެހި ތަން ފެނިވަޑައި ނުގެންފައި މިއަދު ކޮންވެކްސިނެއްގެ ވާހަކަތޯ ތިދައްކަވަނީ. އެއިރު ވެކްސިން ރަނގަޅު މިއަދު ވެކްސިން ކަމަކުނުދޭ.

  8. ނާއިންސާފުން ހުކުމް ކުރި ކޮންމެ ފަނޑިޔާރެއް އޭގެ ހިތިރަހަ މިދުނިޔޭގައި ދެކޭނެ. މިއީ އެކަމަކު ކުޑަކުޑަ މިސާލެއް.
    ތިހެން ކިތައްމީހުންނަށް ޢަބްދުﷲ ސައީދު ވެކްސިން ޖެހެއްސެވިން ތޯ؟

  9. އެހެންވިއްޔާ ކަލޭގެ ސަލާމަތަށްޓަކައި ހާދަ ރަގަޅަކަށޭ ޝަރީޢަތް އެދަނީ. ވެކްސިނަކީ ދިފާޢީ ބާރުގަދަކޮށް ސަލާމަތްވުމަށް ޖަހާ އެއްޗެއް. އެކަމާ އުފާކޮށް ކުޑަކޮށް ތެޅިއަރުވާ ބަލަ......... ކަލޭގެ އަޢުވާނުން ފަދައިން.

  10. ފަނޑިޔާރަކު އެގޮތަށް ބަންދުގައި ބެހެއްޓުމަކީ ގާނޫނު ހުއްދަ ކުރާ ކަމެއް ނޫން ކަމަށް ވިދާޅުވިއީރު ކޮބައިތޯ ރިސްވަތުގެ ކަޅުފައިސާއިން ކުރަން އުޅުނު ނުބައި ޢަމަލު .. ފަނޑިޔާރަކަސް ކަށިޔާރަކަސް ޤާނޫނުގެ ކުރިމަތީގައި ހުރިހާ މީހުން ވާނީ އެއްވަރު 30 މިލިއަންގެ ރުފިޔާގެ ބާރު ހުރިހިސާބުން ހުރިހާކަމެއް ނުނިންމޭނެ ނަސްރުދެއްވާނީ ހައްޤަށް އެމީހަކު ކުޅަޢަމަލެއްގެ ސަޒާ އެމީހަކު މިދުނިޔޭގައި އަދި އާޙިރަތުގައިވެސް ދެކޭނެކަން ކަށަވަރު. ވައްސަލާމް..

  11. ކަލޭ ކުއްލިއަކަށް ބިޔަ މާސިންގާ އަމުރެއް ނެރުނީ ކިހިނެތް؟ ކަމެއް ކުރަންއުޅޭކަން ވެސް އެންމެ ކުޑަމިނުން ނާންގާ ރޭގަނޑު ފުރަމެންދަމު..، ވަގުން ވައްކަން ކުރާހެން، ލަދުހަޔާތްކޮބާ،

    ބަލަ މީ ކަލޭމެން އެކަނި ޤައުމެއްތަ ހޭބަލިވަނީ.......

    މިކަހަލަ މީހުންނާހެދި ނުކިޔާން ހުންނަ އެއްޗެހިވެސް އެބަކިޔޭ