ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަހުން ސަލާމަތްވުމަށްޓަކައި ރާއްޖޭގެ ސިއްޙީ ދާއިރާގެ ކެޕޭސިޓީ އިތުރު ކުރުމުގެ ގޮތުން ނޭޕާލުން ރާއްޖެއަށް 51 ޑޮކްޓަރުންގެ ޓީމެއް އަނެއްކާވެސް އައުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުންނަށް މަޢުލޫމާތު ދެއްވުމުގެ ގޮތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ރެސްޕޯންސް ޓީމުގައި ސަރުކާރުގެ ފަރާތުން ހިމެނިވަޑައިގަންނާވާ ތަރުޖަމާނު، މަބްރޫކް އަބްދުލް އަޒީޒު އެވެ.

ކޮވިޑް-19 އާއި ގުޅިގެން ދިވެހި ސަރުކާރުން ވޮލަންޓިއަރުންގެ ގޮތުގައި އިތުރު ޑޮކްޓަރުން ގެނައުމަށް ހުޅުވާލި ފުރުސަތެއްގައި، ނޭޕާލުން ރާއްޖެ އަށް އިތުރު 51 ޑޮކްޓަރުން އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 ވަނަ ދުވަހުގައި ކަމަށް މަބުރޫކު ވިދާޅުވިއެވެ.

ރާއްޖެ އަށް މިހާރު އަންނަ އެންމެންވެސް ރާއްޖެ އައުމަށްފަހު، ފުރަތަމަ ދާން ހަމަޖެހިފައިވަނީ ކަރަންޓީނު ފެސިލިޓީ އަކަށެވެ. އެހެންކަމުން ޑޮކްޓަރުން ވެސް ފުރަތަމަ ދާނީ ކަރަންޓީން ފެސިލިޓީ އަކަށެވެ. ސަރުކާރެއްގެ ގޮތުން ކުރަން ޖެހޭ ކޮންމެ ކަމެއްވެސް ކުރަމުންދާ ކަމަށާއި، މިކަމުގައި ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއް ވެސް އޮތް ކަން ދަނެގެން ފަރުދީ ޒިންމާ އަދާކުރެއްވުމަށް މަބުރޫކު އިލްތިމާސް ކުރެއްވިއެވެ.

"މިއީ އެންމެ މިސްޓޭކަކުން މުޅި ޤައުމު ނުރައްކަލަށް ވެއްޓޭ ފަދަ ކަމެއް. އަޅުގަނޑު ޤަބޫލެއް ނުކުރަން މި ހާލަތުގައި ޤައުމެއް މަސައްކަތް ކުރަން ޖެހެނީ އޮބިއަޅައި، ހިފައްޓައިގެން ކަމަކަށް. މިކަމުގައި ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އޮންނާނެ. އަދި އެފަދަ މީހަކާ ދޭތެރޭ މުޢާމަލާތް ކުރާ ގޮތްވެސް، އަދި ކަން ކުރާ ގޮތްވެސް ޖެހެނީ އެކަހަލަ ހާލަތަކަށް ޤައުމު ވައްޓާލަފާނެ މީހަކާ ދޭތެރޭ ޢަމަލު ކުރާ ގޮތަށް." މަބުރޫކު ވިދާޅުވިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމަައި ދެއްކެވި ވާހަކައިގައި، މަބުރޫކު ވަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ރިސޯޓްތަކަށް ކުރާ ދަތުރުފަތުރު ހުއްޓާލުމަށް ނިންމާފައި އޮތް މި ދަނޑިވަޅުގައި، ތެލެސީމިއާ ކުދިންނަށް ލޭ ލިބޭ އަދަދުވެސް މަދުވެފައިވާ ކަން އަނެއްކާވެސް ފާހަގަ ކުރައްވާފައެވެ. އަދި މިހާލަތާއި ގުޅިގެން ރާއްޖޭގެ ތެލެސީމިއާ ސެންޓަރުގެ ފަރާތުން މިހާރު ލޭ ހަދިޔާ ކުރުމުގެ ޚާއްސަ ކޭމްޕްތަކެއް މާލޭގައި ކުރިއަށް ގެންދަވާ ކަމަށާއި، 83 ފަރާތަކުން މިހާރުވެސް މި ކޭމްޕުތަކަށް ލޭ ހަދިޔާ ކޮށްދީފައިވާ ކަމަށް މަބުރޫކު ވިދާޅުވިއެވެ.

މީގެ އިތުރުން މަބުރޫކު ވަނީ މާދަމާ ހެނދުނު 08 ޖަހާއިރު މާލެ ސިޓީ ކައުންސިލާއި، އެމްއެންޑީއެފް ގުޅިގެެން މާލެތެރެ "ޑިސްއިންފެކްޓް" ކުރުމުގެ ގޮތުން މާލެތެރެ އެއްކޮށް ސާފުކުރުމުގެ މަސައްކަތެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ޙަރަކާތް އެޗްޑީސީގެ ފަރާތުން ހުޅުމާލޭގައި ވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަން ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އެމަންޖެ

    އަހާނ ބަލަގަ ބަލި ގައުމަށް އައުން ނުހުއްޓުވާ ތިޔައްވުރެ ގިނަ ޑޮކުޓަރުން ބޭނުންވާނެ.

  2. ނާސިރު

    އިޓަލީން ޑޮކްޓަ ރުން ނާދޭތަ؟؟؟؟

  3. ަާަާައާދަނު

    ސުރުހީގަ އޮތީ ދިވެހި ޑޮކްޓަރުން އަންނަ ވާހަކަ

  4. ނަސީދު

    ކޮބައިތަ އިންޑިޔާއިން އައީ 20 ޑޮކްޓަރުން