އެކްސްކާޝަންގެ ގޮތުގައި އެއްވެސް ތަނަކުން (ރަށްރަށުން، ރިޒޯޓުތަކުން، ސަފާރީތަކުން، ގެސްޓްހައުސްތަކުން) މީހުން އައުމާއި ދިޔުން ހުއްޓާލަން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަންގަވައިފިއެވެ.

ދެންމެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ނެރުއްވި އެންގެވުމެއްގައި ވަނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތެއް، 12 މާރިޗު 2020 ގައި، މިނިސްޓަރ އޮފް ހެލްތު އިޢުލާނު ކޮށްފައި ވާތީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން އަހުރެންނަށް ލިބިދޭ ބާރުގެ ދަށުން އެކްސްކާޝަންގެ ގޮތުގައި އެއްވެސް ތަނަކަށް ދިއުން މަނާކޮށްފައެވެ.

މި އެންގުން އަންގާ ވަގުތުން ފެށިގެން، ވަކި ގޮތެއް އަންގަންދެން، އެކްސްކާޝަންގެ ގޮތުގައި އެއްވެސް ތަނަކުން (ރަށްރަށުން، ރިޒޯޓުތަކުން، ސަފާރީތަކުން، ގެސްޓްހައުސްތަކުން) މީހުން އައުމާއި ދިޔުން ހުއްޓާލަން އަންގާ ކަމަށާއި މިކަމަށް ފުރިހަމަޔަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާކަމަށް އެންގުމުގައި ވިދާޅުވެފައިވެއެވެ.

އަދި، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެންމެހައި ފަރާތްތަކަށް ވަނީ އަންގާފައެވެ.

މި އެންގުން ޢަމަލުކުރަން ފެށުމުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީން 13 މާރިޗު 2020 ގައި އެންގި އެންގުން ވަނީ ބާތިލް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފުނީސް

    ރައްރަށުގައި ސަރުކާރުން ހިންގާ މަޝްރޫއު ތަށް ހުއްޓާނުލާ ކުރިޔަށް ގެންދިއުމުގެ ސަބަބުން މީހުން އެކަހެރި ވެ ތިބުމަށް ބުރޫއަރާ ދަތުރު ފަތުރު ކުރަންޖެހޭ މައި އޮފީސް ހުޅުވަންޖެހޭ މިކަމުގެ ސަބަބުން އެތަށް ބަޔަކަށް ބަލިޖެހުމުގެ ފުރުސަތު ވަނީ ހުޅުވިގެން ގޮސްފައި މި ދަންނަވަނީ އެމްޓީސީސީ ވާހަކަ

  2. ކޮންފަދަ ބޮޑު ނިޢުމަތެއްތޯ

    އެކްސްކާޝަން އަށް ދިވެހި ބަހެއް ނެތީތޭ؟

  3. ލަތީފާކަރީމް

    150 ވަރަކަށް ގެސްޓުން މިހާރު އަންނަނީ ދުވާލަކު. ޢެވަރުމަދު ޓޫރިސްޓުންކޮޅަކަށް އެއަރޕޯޓު ހުޅުވާލައި ބޭއްވުންވެސް ބޮޑުހަރަދެއްނޫންތޯ! ޓޫރިސްޓުން އައުން އެއްކޮށް ބަންދުކޮށް ގައުމު މިބަލީގެބިރުން ސަލަަމަތްކޮށް މިވަގުތު އުފެއްދުންތެރި އެހެންމަސައްކަތަކަށް ހުރިހާ ދިވެހިން އެނބުރެންވީ. ފަޅޮލާއި ބަރަބޯ، ކަރާ ފަތްކެޔޮއިންދައި ދެންތިބިބަޔަކު މަސްވެރިކަންކުރަން ނުކުންނަންވީ. ގައުމުގައި ކޮވިޑް19 ނެތްކަން ޔަގީންކޮށްފައި މިކަމާއުަޅެންވީ.