ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރެގެން ދެ ރިސޯޓެއްގައި ތިބި މީހުންނާއި އުޅަނދެއްގައި ހުރީ މީހެއްގެ ގައިން ނެގި ސާމްޕަލްތައް ނައްސި (ނެގެޓިވް) ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ވިދާޅުވީ ކޮވިޑް-19 ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ވެލިގަނޑު އައިލެންޑް ރިސޯޓާއި، ސެންތާރާ ގްރޭންޑް އައިލެންޑް ރިސޯޓާއި، "އެލިއޯން" ކިޔާ އުޅަނދުން ނެގި ސާމްޕަލްތަކުގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށެވެ.

ވެލިގަނޑު އައިލެންޑް ރިސޯޓުން ޓެސްޓް ކުރީ ބިދޭސީއެކެވެ. ސެންތާރާ ގްރޭންޑް އައިލެންޑް ރިސޯޓުން ޓެސްޓް ކުރީ ދިވެއްސެކެވެ. އެލިއޯން ނަމަކަށް ކިޔާ އުޅަނދަކީ ސްރީލަންކާ އިން ރާއްޖެ އައި އުޅަނދެކެވެ. އެއުޅަނދުން ކޮވިޑް-19 އަށް ޓެސްޓް ކުރީ ބިދޭސީއެކެވެ.

ރާއްޖެ އިން މިހާތަނަށް 13 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރެއިން ތިން މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ.

މިހާރު ވެސް ރާއްޖޭގައި ބަލީގެ އަލާމާތްތައް ފެންނާތީ އާއި، ބަލި ޖެހިފައިވާ މީހުންނާއި ޑައިރެކްޓް ކޮންޓެކްޓް ވެފައި ވާތީ 17 މީހަކު އައިސޮލޭޝަންގައި އެބަތިއްބެވެ. އަދި 442 މީހަކު ކަރަންޓީން ކޮށްފައި އެބަތިއްބެވެ. ކަރަންޓީން ކޮށްފައި ތިބި ގިނަ މީހުންނަކީ ރާއްޖެ އަށް އައުން މަނާ ކޮށްފައިވާ ގައުމުތަކުން ރާއްޖެ އައި ދިވެހިންނެވެ.

ރާއްޖެ އިން ކޮވިޑް-19 ގެ ބަލިމީހަކު ނުފެންނަތާ މިހާރު ހަފްތާއެއް ވެފައި ވީނަމަވެސް އަދިވެސް ނުރައްކާ ކުޑަނުވާ ކަމަށް ސަރުކާރުން ގެންދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެހެންކަމުން މީހުން އެއްވެ ނޫޅުމަށާއި، ކޮންމެހެން ގެއިން ނިކުންނަން ޖެހިގެން ނޫން ގޮތަކަށް ގެއިން ނުނިކުތުމަށް ސަރުކާރުން ގެންދަވަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު