ފެބުރުވަރީ މަހުގެ އެއްވަނަ ދުވަހު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ޝަރުއީ ދާއިރާގެ ތެރެއިން ގެންނަން އުޅުނު ބަޣާވާތުގެ ތުހުމަތުގައި، ކުއްލި ހާލަތުގެ ދަށުން ހައްޔަރު ކުރި އަދި އެ މައްސަލައިގައި ދައުވާާތަކެއް ކޮށްފައިވާ ކުރީގެ ރައީސް މައުމޫން, ފަނޑިޔާރު އަލީ ހަމީދު އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ވަކީލުން ވިދާޅުވެއްޖެއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ފަސް ގަޑިއިރަށް ދިގުދެމިގެން ދިޔަ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި މިގޮތައް ވިދާޅުވެ ބަހުސް ކޮށްފައި ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޒާ ހިސާން ހުސެއިން އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޒް މަހްފޫޒް ސައީދުއެވެ. މީގެ އިތުރުން މި ދެ ބޭފުޅުންގެ ނުކުތާއަށް ބާރުދީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލް އުސްތާޒް މުހައްމަދު ފައިސަލް ވެސް ވާހަކަ ދެއްކެވިއެވެ.

މިއަދުގެ އަޑުއެހުމުގައި ހިސާން ވިދާޅުވީ އެ މައްސަލަ އިސް ގާޒީ އާދަމް އާރިފް ބެއްލެވުމަކީ މަސްލަހަތު ފުށޫ އަރާ ކަމެއް ކަމަށެވެ. އޭނާ އެހެން ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކޮށްފައިވާ އެހެން ދައުވާއެއްގައި، ރިޝްވަތުގައި ހިފައިގެން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އެމަނިކުފާނަށް ދެކޮޅަށް ހުށަހެޅޭ ހެކީގެ ގޮތުގައި ގާޒީ އާދަމް އާރިފްގެ ދެ ކޯޓު އަމުރެއް ހިމެނޭތީ އެވެ.

އަދި އެ އަމުރުތަކަކީ ސިއްރު ހެކިން ބުނި ގޮތައް ނުފޫޒު ފޯރުވާފައިވާކަން އެންގުމަށް ހުށަހަޅާފައިވާ ހެކިތަކެއް ކަން ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ސިއްރު ހެކިންނަކީ ކްރިމިނަލް ކޯޓުގެ ގާޒީން ކަމުގައިވެސް ވެދާނެކަން ހިސާން ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން އެ މައްސަލައާއި މިއަދުގެ މައްސަލަ ވަނީ ގުޅި ލާމެހިފައި ކަން ފާހަގަކޮށް ހިސާން ވަނީ ކްރިމިނަލް ކޯޓުގެ ހަތަރު ގާޒީންނަށް މި މައްސަލަ ނުބެލޭނެ ކަމަށް ވިދާޅުވެފައެވެ.

އަލީ ހަމީދުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މަހްފޫޒު ސައީދު ވަނީ މީގެ ކުރިން ހައިކޯޓުން ނިންމި މައްސަލައެއްގައި ފަނޑިޔާރުން ހެކިންނަށް ވާތީ އެ މައްސަލަ އެހެން ކޯޓަކުން ބެލުމަށް ނިންމާފައިވާ ކަން ފާހަގަ ކޮށްފައެވެ. އަދި އެއް މަސަލައިގައި ހެއްކަކަށް ވެފައި އަނެއް މައްސަލައިގައި މައްސަލަ ބަލާ ގާޒީ އަށް ވުމަކީ އާންމު މީހާގެ ހިތުގައި ޝައްކު އުފެދޭނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

އެ ވާހަކަތަކައް ބާރުދީ މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ފައިސަލް ވިދާޅުވީ ގާޒީ މިއަދު ދެއްކި ވާހަކައިންވެސް ގާޒީއާއި މެދު ޝަައްކު އުފެދިފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ގާޒީ އާދަމް އާރިފް ވަނީ އެއީ ތަފާތު ދެ މައްސަލައެއްކަން ފާހަގަ ކުރައްވާފައެވެ. އަދި އަނެއް މައްސަލައިގައި އޭނާގެ އެއްވެސް ބައިވެރިވުމެއް އޮންނާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އެހެން ކަމުން މައްސަލަ ކުރިއަށް ގެންދަން ނިންމަވާ ކަމަށެވެ. ގާޒީ ވަނީ ފައިސަލް ދެއްކި ވާހަކަތަކުގައި ގާޒީއާއި މެދު ޝައްކު އުފެދިފައިވާ ކަމަށް ވިދާޅުވުމުން އެ އިބާރާތްކުރުން ރަނގަޅު ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ގާޒީ ދެއްކެވި ވާހަކަތަކަކީ މައްސަލައިގެ ވަށައިގެންވާ ކަންކަން ސާފު ކުރެއްވުމަށް ދެއްކެވި ވާހަކަތަކެއް ކަމަށް ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި އެންމެ ފުރަތަމަ އިޖުރާއީ ނުކުތާ ނެންގެވި ރައީސް މައުމޫންގެ ވަކީލު، މައުމޫން ހަމީދު ވަނީ ލިޔެކިޔުންތަކުގައި ހުރި މައްސަލަތައް ފާހަގަ ކުރައްވާފައެވެ. އެގޮތުން ވިދާޅުވީ ދައުވާ ހުށަހެޅި ފޯމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 81 ވަނަ މާއްދާގައިވާ ފޯމު ނޫން ކަމަށާއި ފޯމު ހުށަހަޅާފައި ވަނީ ގާނޫނު ލާޒިމު ކުރާ ގޮތަކަށް ނޫން ކަމަށެވެ. އެހެން ކަމުން ދައުވާ ކުރިއަށް ގެންދެވޭނެތޯ ސުވާލު އުފެއްދެވިއެވެ.

އެކަމާއި ގުޅިގެން ގާޒީ އާދަމް އާރިފް ވިދާޅުވީ އެކަމާ ގުޅޭ އާ ގަވާއިދު ވަނީ ސުޕްރީމް ކޯޓަށް ފޮނުވާފައި ކަމަށާއި މައްސަލަ ހުށަހަޅާފައި ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ޑްރާފްޓާއި އެއްގޮތްވާގޮތުގެ މަތިން ކަމަށެވެ. އަދި އެ ޑްރާފްޓު އާންމު ކޮށްފައި ނުވާ ނަމަވެސް އޭގައިވާާ އުސޫލަށް އަމަލު ކުރެވޭނެ ކަމަށް ނިންމެވިއެވެ.

ދިފާއަށް ލިބެން ޖެހޭ ބައެއް ލިޔެކިޔުންތައް ލިބިފައި ނުވުމުން އެކަމާއި ގުޅޭގޮތުން ވެސް މިއަދު ވަނީ ވާހަކަދެކެވިފައެވެ. ގާޒީ ވަނީ ސިއްރު ކޮށްފައިވާ ލިޔުންތައް ފިޔަވައި ދެން ހުރި ހުރިޔާ ލިޔުމެއް ދިފާއަށް ހުށަހެޅުމަށް އަމުރު ކުރައްވާފައެވެ.

މިއަދުގެ އަޑުއެހުމުގައި ވަނީ ދައުވާ ލިބޭ ތިން ބޭފުުޅުންނަށް ދައުވާ އިއްވާފައެވެ. އެ ތިން ބޭފުޅުންގެ މައްޗަށް ވެސް ދައުވާ ކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 530 ވަނަ މާއްދާގެ (ހ)ގެ 2 އާއި ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުންނެވެ. މި ދައުވާ ސާބިތުވެއްޖެ ނަމަ އެ ބޭފުޅުންގެ މައްޗަށް އަންނާނެ އެންމެ ބޮޑު ހުކުމަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ހުކުމެކެވެ. އެންމެ ކުޑަވެގެން އަންނާނެ ހުކުމަކީ 7 މަހާއި 6 ދުވަހުގެ ހުކުމެކެވެ.

މިއަދު ކުރީގެ ރައީސް މައުމޫން އާއި އުއްތަމަ ފަނޑިޔާރު ވަނީ ދައުވާ ސާފު ނުވާ ކަމަށް ވިދާޅުވެފައެވެ. އަދި ސާފު ނުވާ ކަންކަމާއި ބެހޭގޮތުން ބަހުސް ކުރުމަށް ފަހު ދައުވާ އަށް ދެ ބޭފުޅުންވެސް ވަނީ އިންކާރު ކުރައްވާފައެވެ. ނަމަވެސް ފަނޑިޔާރު އަލީ ހަމީދަށް ދައުވާއާއި ބެހޭގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު މިއަދު ވަނީ ލިބިވަޑައިނުގަނެފައެވެ.

ކުރީގެ ރައީސް މައުމޫންގެ ސިއްހީ ހާލަތު ހުރިގޮތުން އަޑުއެހުން ދިގުލައިގެން ދިއުމަކީ އެދެވިގެންވާ ކަމަކަށް ނުވާތީ އެމަނިކުފާނުގެ ވަކީލު ފައިސަލް ވަނީ އަލީ ހަމީދުގެ އަޑުއެހުމުގެ ބައި އެހެން ދުވަހަކަށް ތާވަލު ކުރުމަށް އެދިވަޑައިގެންފައެވެ. އެ އެދިވަޑައިގަތުމަށް ގާޒީ ވަނީ މިއަދުގެ އަޑުއެހުން ކުރު ކުރުމަށް ނިންމައި އަލީ ހަމީދުގެ އަޑުއެހުން މާދަމާ އަށް ތާވަލު ކުރުމަށް ނިންމާފައެވެ.

އެކަމާއި ގުޅިގެން އަލީ ހަމީދުގެ ވަކީލު މަހްފޫޒު ސައީދު ވިދާޅުވީ މާދަމާއަށް ތާވަލު ކުރުމުން ބައްދަލުވުންތައް ބާއްވައި މަޝްވަރާ ކުރެއްވުމަށް ދަތިވާ ކަމަށެވެ. އެހެން ކަމުން އަންނަ ހަފްތާއަށް އަޑުއެހުން ފަސް ކުރުމަށް އެދިވަޑައިގެންނެވިއެވެ. އެ ކަމަށް ބާރުދީ މައުމޫން އާއި އަބްދުﷲ ސައީދުގެ ވަކީލުންވެސް ވާހަކަފުޅުު ދެއްކެވިއެވެ. ނަމަވެސް ގާޒީ ނިންމެވީ ފުރަތަމަ ނިންމެވި ގޮތުގައި ދެމި ހުންނާށެވެ.

މިއަދުގެ އަޑުއެހުން ތާވަލު ކުރީ މެންދުރު 13:00 އަށެވެ. ނަމަވެސް އަޑުއެހުން ފެށުނީ 14:00 ވި ފަހުންނެވެ. އަދި 16:15 ހާއިރު 30 މިނެޓުގެ ބްރޭކެއް ނެގުމަށް ގާޒީ ނިންމެވި އިރު މިއަދުގެ އަޑުއެހުން ނިންމާލާފައި ވަނީ ރޭގަނޑު 7:30 ހާއިރުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނުރަބޯ

    މައްސަލަ ބެލޭނެކަން ނުވަތަ ނޫންކަން އެނގޭނީ 3 ބާޣީން ނަކަށް ނޫން.....!!!

    • ކާޑުބަކުރު

      ތިޔަ މަސްއަލަ ބަލާ ފަނޑިޔާރުންނަށް ވާން ޖެހޭނީ ކެނެރީގޭ މުޙައްމަދު ނަޝީދާ، މާމިގިލި ބުރުމާ ޤާސިމާ، އުތަ؟

  2. އަލީ

    މީ ކުއްވެރިވެގެން ގެންދާމީހުންގެ ހާލު. ނުބެހޭ ކަމެއް ނޯވޭ. މައްސަލަ ނިމެންދެން ކެއްނުކޮށްލެވިގެން މިއުޅެނީ ހަމަ ރަނގަޅަށްވެސް ކުށްވެރިވީމަ ބާ؟

  3. ހުސޭނުބޭ

    މައްސަލާގައި ހައްޔަރުކުރެވޭނެކަމަށް މައްސަލަ ކުރިޔަށް ގެންދެވޭނެކަމަށް ކުށްވެރިން ޤަބޫލެއް ނުކުރާނެ. ތި ވަކީލުންނަށްވެސް ރީއްޗަށް އެނގޭ ތި ތިބީ ބެދިފައިކަން. އެހެންވެ ބޯދަމާގަންނާނެ ގޮތެއް ހޯދަނީ.