ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެގެން އިސްތިއުނާފް މަރުހަލާ ނިމުމުން، އެފަނޑިޔާރަކު ފަނޑިޔާރު ކަމުން ވަކިވާ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފިއެވެ.

މިމައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުން ވިދާޅުވެފައި ވަނީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނަ އަޑުއެހުމެއްގައި ޙުކުމް ކުރައްވާނެ ކަމަށެވެ. އެހެންކަމުން މާދަމާ އޮންނަ އަޑުއެހުމުގައި ޙުކުމް ކުރާނެ ކަމަށް ބެލެވެއެވެ.

ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހް ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އަދި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް އެވެ.

މިމައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލްކޮށްފައި އޮތީ މާދަމާ މެންދުރު ފަހު 13:30 ގައެވެ.

ގާނޫނު އަސާސީގައި ބުނެފައި އޮންނަނީ ފަނޑިޔާރުން މަގާމުން ވަކި ކުރެވޭނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހަށެވެ. ނަމަވެސް ފަނޑިޔާރުންގެ ގާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން ފަނޑިޔާރެއްގެ މައްޗަށް ކުށެއް ސާބިތުވެ އިސްތިއުނާފް މަރުހަލާ ނިމިއްޖެ ނަމަ އޮޓަމެޓިކުން ފަނޑިޔާރުކަމުން ވަކިވާނެ އެވެ.