ސުޕްރީމް ކޯޓުން ފެބްރުއަރީ 01 ގައި ކުރި އަމުރަށް ފަހު ސަރުކާރާއި ދެކޮޅު ހަރަކާތްތަކެއް ހިންގާ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ފަހުން ވަޒީފާ އިން ވަކިކުރި ހުރިހާ ފުލުހުން ވެސް މިއަދު ގޭބަންދަށް ބަދަލު ކޮށްފިއެވެ.

އެމީހުން މިއަދު ގޭބަންދަށް ބަދަލުކުރީ ބަންދުގެ މުއްދަތު އިތުރު ކުރަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެކޯޓުންނެވެ. ގޭ ބަންދަށް ބަދަލު ކުރީ 30 ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް އެމީހުންގެ މައްޗަށް މިހާރު ދައުވާ އުފުލާފައިވާ މައްސަލައިގެ ޝަރީޢަތް ފެށުމުން ބަންދަށް ބަދަލެއް ގެނައުން އެކަށީގެންވެއެވެ.

ހައްޔަރު ކުރުމަށް ފަހު ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައި ވަނީ އެސްއޯގެ ޕްލެޓޫނެއްގެ ކުރީގެ ކޮމާންޑަރު އިނިސްޕެކްޓާ އޮފް ޕޮލިސް ސައިފު ހުސައިންއާއި، ސްޓޭޝަން އިނިސްޕެކްޓާ ފާއިޒު މުހައްމަދާއި ފުލުހުންގެ ސްވޮޓު ޓީމުގައި މަސައްކަތް ކުރި ސާޖަންޓު އަބްދުﷲ ރިޔާޒާއި ކޯޕްރަލް އަލީ ނަސީރާއި ކޯޕްރަލް ހަސަން ނަސީރާއި ކޯޕްރަލު މުހައްމަދު ޝާމިންއާއި ސާޖެންޓު އަހުމަދު އާސިމް އަދި ސާޖެންޓް މުހައްމަދު ރިޝްވާނެވެ.

އެމީހުން ގޭބަންދަށް ބަދަލުކުރިއިރު އެމީހުންގެ ނުރުމުގައި ކަރެކްޝަނަލް ސާވިސް އިން އެމީހުންގެ ބޯ ބޭލި ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.