ސްޓެލްކޯގެ ކަސްޓަމަރުންގެ ތެރެއިން މޯބައިލް ނަންބަރު އެ ކުންފުންޏަށް ދީފައިވާ ކަސްޓަމަރުންގެ ފޯނުތަކަށް ކަރަންޓު ބިލު ފޮނުވަން ނިންމައިފިއެވެ.

ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ދެމުން އަންނަ މައި އެ ކުންފުނި، ސްޓެލްކޯ އިން ކުރި ޓުވީޓެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ދަށުން އެކުންފުނީގެ ކަސްޓަމަރުންގެ ތެރެއިން މޯބައިލް ނަންބަރު ދީފައިވާ ކަސްޓަމަރުންނަށް ޕްރިންޓު ކޮށްފައިވާ ބިލު ނުފޮނުވާނެ ކަމަށެވެ. އަދި ސްޓެލްކޯ އަށް ނަންބަރު ނުދީ ތިބި މީހުންގެ ބިލު ގްރައުންޑް ފްލޯ އަށް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް ވެސް ސްޓެލްކޯގެ ޓުވީޓުގައިވެއެވެ.

މިއީ ކޮވިޑް-19 ރާއްޖެ އިން ފެނުމާ ގުޅިގެން އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯއިން ކުރި ޓުވީޓުގައި ވަނީ އެ ކުންފުންޏަށް ބިލް ދައްކަން ދިއުމުގެ ބަދަލުގައި އޮންލައިންކޮށް ފައިސާ ދައްކަން އެދިފައެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ސަރުކާރުން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ޒަރޫރީ ބޭނުމެއް ނެތި އާންމުން ބޭރުގައި ނޫޅުމަށް އިލްތިމާސްކޮށްފައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް 13 މީހަކު ވަނީ ފައްސިވެފައެވެ. އޭގެ ތެރޭގައި ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންތަކަކާއި ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަށް އައި ފަތުރުވެރިންތަކެކެވެ. މިހާތަނަށް ދިވެއްސަކު ފައްސިވެފައެއްނުވެއެވެ.

މި ބަލިން ރައްކާތެރިވުމުގެ ގޮތުން ގިނަ ގިނައިން އަތް ދޮވުމަށާއި ސެނިޓައިޒާ ބޭނުން ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކެއްސާ ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ރަނގަޅަށް ނިވާކުރުމަށާއި ކެއްސާ ކިނބިހި އަޅާއިރު ޓިޝޫ ނުވަތަ އަތުގެ އުޅަނބޮށި ބޭނުންކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އިރުޝާދު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައިސްތު

    ވެމްކޯ އިން އަބަދުވެސް މެސެޖް ކުރަނީ.

  2. ޢަލީކޮއި

    ފުލެޓް ތަ ކުގަ ދިރިއުޅޭ މީހުން އެ ކި ފުލޯތަ ކުގަ ދިރިއުޅެނީ ރާއްޖޭގެ އެ ކި ހިސާބުގެ އެ ކި އާއިލާތަށް، ހާއްސަ ކޮށް ހުޅުމާލެ، ދެން ގުރައުންޑުގެ ސިޑިގޮޅީގެ ތަޅުންމައްޗަށް ބިލު އެއްލާލަނީތޯ؟ ކާ ކުތޯ ބިލާ ހަވާލުވަނީ؟ ކާ ކުތޯ ޒިންމާވާނީ؟ ވަރަށް ޒިންމާދާރު ކަމެއް ތިޔައީ، ރައްޔިތުން ގަނަތަޅުވަނީތިޔަ.

    • ހަމަދު

      މި ދުވަސްކޮޅު ރަގަޅީ ބިލް ހަވާލުނުކުރުން ހަވާލު ނުކޮއް ބިލްގެ މުއްދަތު އިތުރުކޮއްލަދީ