ބެލްޖިއަމްގެ ފުޓުބޯޅާ ކުޅުންތެރިޔާ މާރުއާން ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓްވެގެން އެކަހެރިކޮށް ކޮވިޑް-19 އަށް ޓެސްޓްކުރި ދެ ދިވެއްސަކު ނެގެޓިވްވެފައިވާތީ އެ ދެ މީހުން ދިރިއުޅޭ ގެއަށް މީހުންނަށް ވަދެވޭ ގޮތް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ މަބުރޫކު އަބްދުލްއަޒީޒު މިރޭ ވިދާޅުވީ މާލޭގައި ފުރަބަންދު (ލޮކްޑައުން) ކޮށްފައިވާ ދެ ގެއަކީ ފެލައިނީއާ ކޮންޓެކްޓްވެގެން ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިޔަ ދެ ދިވެހިން ދިރިއުޅޭ ގެ ކަމަށާއި އެ ދެ މީހުންގެ ނަތީޖާ މިރޭ ލިބުނުއިރު ދެ މީހުން ވެސް ކޮވިޑް-19 އަށް ނައްސި (ނެގެޓިވް) ވެފައި ވުމުން ދެގެއަށް މީހުން ވަދެ ނުކުމެ އުޅުމުގެ ހުއްދަ ދިނުމުގެ ކަންކަން މިހާރު ކުރިއަށްދާ ކަމަށެވެ.

އެދެގެއިން ވެލިސީ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިޔަ ދެމީހުން ނައްސި ވެފައި ވީނަމަވެސް އެމީހުން އަދިވެސް ބައިތިއްބާނީ އެރަށުގައެވެ. އެއީ އެމީހުންގެ ގައިން އަލާމާތްތަކެއް ފެނިފައި ވާތީ އާއި، އެމީހުންނަކީ ފެލައިނީ އާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ބަޔަކަށް ވާތީއެވެ.

ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ހަދާ ޓެސްޓްތަކެއް ދުނިޔޭގެ އެހެން ގައުމުތަކުގައި ފުރަތަމަ ނައްސި ވިނަމަވެސް ފަހުން ފައްސި (ޕޮޒިޓިވް) ވެފައި އެބަހުއްޓެވެ. އެހެންވެ ކޮވިޑް-19 އަށް ފައްސިވާ މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވާ އެންމެން ބައިތިއްބަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެކަހެރިކޮށްފައެވެ.

ފެލައިނީ ރާއްޖެ އިން ފުރީ މިމަހުގެ 12 ވަނަ ދުވަހު އެވެ. އޭނާ އަށް ކޮވިޑް-19 ޖެހިފައިވާކަން އެނބުނީ 20 ވަނަ ދުވަހު އެވެ. އޭނާ އަށް ކޮވިޑް-19 ޖެހުނީ ޗައިނާ އަށް ދިޔަ ފަހުން ކަމަށް ބެލެވުނު ނަމަވެސް އޭރު އޭނާ ރާއްޖެ އިން ފުރިތާ 14 ދުވަސް ނުވާތީ ރާއްޖެ އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ.