ރާއްޖެ އިން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައި ތިބި އަށް މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫޚް ވިދާޅުވީ ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އިން ފައްސިވި ހުރި ފަސް މީހުން ރަނގަޅުވި ނަމަވެސް، އެމީހުން އަދިވެސް ތިބީ 30 ދުވަހަށް މޮނިޓަރިންގެ ހާލަތުގައި ކަމަށެވެ. އަދި ބަލި ޖެހިގެން މިހާރު ފަރުވާދޭ އަށް މީހުންގެ ހާލު ގޯސް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެ އިން މިހާތަނަށް 13 މީހެއްގެ ގައިން ވަނީ ބަލި ފެނިފައެވެ. އެއީ ރާއްޖެ އަށް އައި ބައެއް ފަތުރުވެރިންނާއި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ގައިންނެވެ.

މަބްރޫކް ވިދާޅުވީ މިހާތަނަށް ރަނގަޅުވެފައިވާ ފަސް މީހުން ވެސް އަދި ދޫކޮށްލާފައި ނުވާ ކަމަށެވެ.

"މި ބައްޔަށް ފަރުވާ ހޯދަމުން އަންނަ އަށް މީހުންނަށް ބަލާއިރު، އެމީހުންނަށް އަދިވެސް ދަނީ ފަރުވާ ދެމުން،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މިހާތަނަށް 732 ސާމްޕަލެއް ނަގައި ޓެސްޓު ކުރި އިރު، ނައްސި (ނެގަޓިވް) ވެފައި ވަނީ 719 ސާމްޕަލް ކަމަށެވެ. އަދި ނަތީޖާ ނުލިބޭ ދެ ސާމްޕަލެއް ހުރި އިރު، ސާމްޕަލްތަކުގެ ތެރޭގައި ތަކުރާރުކޮށް ނެގި ސާމްޕަލްތައް ވެސް ހިމެނޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިވަގުތު އައިސޮލޭޝަން ފެސިލިޓީގައި ތިބި މީހުންނަށް ބަލާއިރު ވެލިދޫ އައިލެންޑް ރިސޮޓުގައި 16 މީހުން، ދަރުމަވަންތަ ހޮސްޕިޓަލުގައި ތިން މީހަކު، އެހެނިހެން ކަރަންޓީނު ފެސިލިޓީ ތަކުގައި މިވަގުތު 574 މީހުން އެބަތިބި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު