އަވަށްޓެރި ސްރީ ލަންކާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވެފައި ތިބި މީހުންނަށް ހާއްސަ ފްލައިޓެއް ހަމަޖެއްސުމަށް ނިންމައިފިއެވެ.

ސްރީލަންކަން އެއާލައިންގެ ޖެނެރަލް ސޭލްސް އެޖެންޓެއް ކަމަށްވާ އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު މީޑިއާތަކަށް ވިދާޅުވީ އެ ފްލައިޓު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު ކަމަށެވެ. އެއީ ޗާޓާ ފްލައިޓެއް ކަމަށް ވެސް ފިރާގު ވިދާޅުވިއެވެ.

ފިރާގު ވިދާޅުވީ ޗާޓާ ފްލައިޓަކަށް ވާތީ ވަކި އަގެއް އަދި ކަނޑައަޅާފައި ނުވި ނަމަވެސް، އެ ފްލައިޓުން އަންނަން ބޭނުންވާ މީހުން ރަޖިސްޓްރީވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ރަޖިސްޓްރީވާ މީހުންނަށް ހާއްސަ އަގުތަކެއް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށް ފިރާގު ވިދާޅުވިއެވެ.

ފިރާގް ވިދާޅުވީ މި ފްލައިޓު ހަމަޖެއްސުމަށް ސަރުކާރާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"ވަރަށް ގިނަ ބަޔަކު އެދެމުން އެބަދޭ ރާއްޖެ އަންނަން ބޭނުންވެގެން. އަޅުގަނޑުމެން މި ބަލަނީ 27 ގައި ފްލައިޓު ބާއްވަން. މި ފްލައިޓު ބާއްވާނެ އަގެއް އަދި ނުނިންމަން، ޗާޓަ ފްލައިޓެއްވީމަ ޑިމާންޑް އޮންނަ ވަރަށް ބަލައި އަޅުގަނޑުމެން އަގެއް ހަމަޖައްސާނީ،" ފިރާގު ވިދާޅުވިއެވެ.

ރާއްޖެ އަންނަން ބޭނުންވާ ދިވެހިން އެކުންފުނީގެ ނަންބަރު 3336886 އަށް ގުޅުމުން ނަންނޯޓު ކުރެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ލަންކާގައި ނާދެވި ގިނަ ބަޔަކު ތާށިވެފައި ވަނީ އެގައުމުގައި ކޮވިޑް-19 ފެތުރެން ފެށުމާ އެކު ކާފިއު އިއުލާން ކުރުމާ ގުޅިގެންނެވެ.