ކޮވިޑް-19 އާއި ގުޅިގެން މިވަގުތު ރާއްޖެ ބަންދުކޮށް ކާފިއު އިއުލާން ކުރުމުގެ އެއްވެސް ވިސްނުމެއް އަދި ސަރުކާރުން ނުގެންގުޅުއްވާ ކަމަށް ރައީސް އޮފީހުގެ އަންޑަސެކްރެޓަރީ މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، ބައެއް ގައުމުތަކުގައި މިހާރު ކާފިއު އިއުލާނު ކުރަމުން އަންނަ ކަމަށާއި އެގައުމުތަކުން އެގޮތަށް ނިންމާފައިވަނީ ފުރަތަމަ ބަލި ފެތުރެން ފެށުމުން އެންމެ އެކަށީގެންވާ ފިޔަވަޅެއް ނޭޅުމުން ކަމަށެވެ. މަބްރޫކު މިސާލެއްގެ ގޮތުން ވަނީ ބަލި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ އިޓަލީ ނަންގަވާފައެވެ.

އިޓަލީގައި އެއް މަސް ތެރޭގައި އެހާ ގިނަ އަދަދެއްގެ މީހުން މަރުވެ އެ ބައްޔަށް ފައްސި (ޕޮޒިޓިވް) ވެފައިވާއިރު އެގައުމުން ފުރަތަމަ އެ ބަލި ފެތުރެން ފެށުމުން އެހާ ސީރިއަށް ކަމެއް ދީފައެއް ނުވެއެވެ. ރައްޔިތުން ވެސް އެހާ ކަންބޮޑު ވުމެއް ނެތި ސަރުކާރުން ވެސް އެކަށީގެންވާ ފިޔަވަޅެއް އެކަމަށް ނާޅާއެވެ.

މަބްރޫކު ވިދާޅުވީ، މިހާރު ސަރުކާރުން އަޅާފައިވަނީ މި ދަނޑިވަޅުގައި ރައްޔިތުންނަށްވެސް އެންމެ އެކަށީގެންވާ ފިޔަވަޅު ކަމަށާއި މިކަންކަމުގެ އިތުރަށް ހަރުކަށި ފިޔަވަޅެއް އަޅާނަމަ ކާފިއު އިއުލާނުކޮށް ވަކި ގަޑިއަކަށް ފަހު މަގުމަތީގަ އުޅުން ގާނޫނީ ކުށަކަށް ހެދުމާއި ވަކި ގަޑިއަކަށް ފަހު ފިހާރަތައް ބަންދުކުރުމާއި، އައިޑީކާޑު ދައްކައިގެން ވަކި ދުވަސްތަކެއްގައި ވަކި ބަޔަކަށް އެއްޗިސް ގަންނަން ބޭރަށް ނިކުމެވޭގޮތަށް ވެސް ހެދޭނެ ކަމަށެވެ.

"ކާފިއު އިއުލާނު ކުރުން. ޤާނޫނު ކުށަކަށް ހެދުން ވަކި އިރަކަށް ފަހު މަގުމަތީގައި އުޅުން، ފިހާރަތައް ބަންދު ކުރުން ވަކި އިރު ތަކެއްގައި ވަކި ބަޔަކަށް އެއްޗެހި ގަނެވޭ ގޮތަށް. މިސާލަކަށް އައިޑީ ކާޑު ދައްކާފަ 3 ދުވަހުން އެއްދުވަހު ފިހާރައަށް ދެވޭގޮތަށް އެކަން އެބަ ކުރޭ އިޓަލީގެ ބައެއް ސިޓީތަކުގައި" މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވަނީ އެފަދަ ފިޔަވަޅު ތަކަކީ އެހެން ބައެއް ގައުމުތަކުގައި ވެސް މިހާރު އަމަލު ކުރަމުން އަންނަ ފިޔަވަޅު ކަމަށް ވިދާޅުވެފައެވެ. މަބްރޫކު އިތުރަށް ވިދާޅުވީ، ކުރިއާއި އަޅާ ބަލާއިރު މިހާރު މަގުމައްޗަށް ނުކުމެ އުޅޭ މީހުންގެ އަދަދު މަދު ކަމަށާއި އެކަމުންވެސް ކާފިއު އުލާނު ކުރުމަކީ އެންމެ ރަނގަޅުކަން ނޫން ކަން ގަބޫލު ކުރައްވާ ކަމަށެވެ. ލޮކްޑައުން ކޮށްފިނަމަ ހާލަތު ވަރަށް ގޯސްވާނެ ކަމަށް މަބްރޫކު ފާހަގަކުރެއްވިއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ 13 މީހުންނެވެ. އޭގެތެރެއިން އެ ބަލިން ފަސް މީހަކު މިހާރު ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެމީހުން އަދި ދޫ ނުކުރާ ކަމަށާއި އެމީހުން ދޫކުރާނީ ބަލީގެ އެއްވެސް އަލާމާތެއް އެމީހުންގެ ގައިން ނުފެންނަ ކަމަށްވާ ނަމަ ކަމަށް ސަރުކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރައީސުގެ މީހާ

    ސަޔަށް ދާންވީ ގްރޫޕް ހަދަން ވީ.. ބަންގާޅީން ވިޔަފާރި ކުރަންވީ..

    އަދި އެހާރިސްކެތް ނޫން އެހެންވީމާ ކާފިއު ހިންގާކަށް ނުވިސްނަން..

    އެކަމަކު މިސްކިތައް ނުދާތި.. ބަނދުކުރޭ.. ކޮރޯނާ ޖެހިދާނެ..!

    އީމާން ތެރިކަމުގެ ކަންފުޅެއްވެސް ނެތީ ދޯ.. ހުރިހާކަމެއް ކުރެވޭ ނަމާދު ނުކުރެވެނީ.. ހުކުރުނުކުރެވެނީ..

    މިއީ އަންނި ގެންނަށް ބުނި އެޖެންޑާ-19 އަކީ.. ދީން ވަޅުލާ އެހެންކަން ކަން ކުރިޔަސް ހެޔޮ..

    4
    1
  2. އީތޭން

    ކާފިއު އިއުލާން ނުކުރިއަސް މި ބޭކާރުކޮށް ދުއްވާ، މަގުމަތީގަ ބުރު ޖަހާ ޒުވާނުން ގެ އަށް ވައްދަބަލަ.... އިޓަލީގަ ގަދަކަމުން ގެޔަށް ވައްދަން ޖެހުނީ... ދިވެހި ރާއްޖޭގަ ވެސް ހަމަ މިހެން ވައްދަން ޖެހުނީ....