ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ކޮވިޑް-19 އަށް ފައްސިވި ދިވެހި މީހާގެ ހާލު ރަނގަޅު ކަމަށް އެގައުމުގެ ސަރުކާރާއި ހަވާލާދީ ޔޫއޭއީގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޔޫއޭއީގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ޕްރިވެންޝަން އިން ބުނީ އެގައުމުން ކޮވިޑް-19 އަށް މިއަދު ފައްސިވި 50 މީހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އޭގެ ތެރޭގައި ދިވެއްސަކު ހިމެނޭ ކަން ކަށަވަރު ކޮށްދިނުން ފިޔަވައި އަދި އޭނާ އާއި ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް ޔޫއޭއީގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ޕްރިވެންޝަން އިން ބުނީ މިއަދު ފައްސިވި ގިނަ މީހުންނަކީ މީގެ ކުރިން އެގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންނާއި ބައްދަލުވެފައިވާ މީހުންނާއި، ވަރަށް ގާތުން އެކުގައި އުޅެފައިވާ މީހުން ކަމަށެވެ.

ޔޫއޭއީގައި ވަރަށް ގިނަ ދިވެހިން ވަޒީފާ އަދާކުރެއެވެ. ގިނަ މީހުން ވަޒީފާ އަދާކުރަނީ އޭވިއޭޝަން ދާއިރާގައެވެ. އޭގެ ތެރޭގައި ޕައިލެޓުންނާއި، އެއާކްރާފްޓް އިންޖިނިއަރުންނާއި، އޭވިއޭޝަން ދާއިރާގެ އެހެން ވަޒީފާތައް އަދާކުރާ މީހުން ހިމެނެއެވެ.

ނަމަވެސް މިއަދު ކޮވިޑް-19 އަށް އެގައުމުން ފައްސިވި ދިވެއްސަކީ ޔޫއޭއީގައި ވަޒީފާ އަދާކުރާ ދިވެއްސެއް ކަމެއް ނުވަތަ ނޫންކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވީ ޔޫއޭއީގައި ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވި ކަމަށް މީޑިއާގައި ރިޕޯޓް ކޮށްފައި ވާތީ އެކަން ބަލަމުންދާ ކަމަށެވެ. "ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން އެކަން ކަށަވަރު ކުރުމަށް ދަނީ މަސައްކަތް ކުރަމުން." ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ޔޫއޭއީ މިހާތަނަށް 248 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އޭގެ ތެރެއިން ދެމީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަޝީދު އަބްދުއްސަމަދު

    އަދި މިހާތަނަށް ކޮވިޑް19 އަށް ޕޮޒޮޓިވްވި ފުރަތަމަ ދިވެހިމީހާ...މިދަނޑިވަޅު ދިވެހީންނަށް އެންމެއެހީވަނީ ނަސީބު..މިކަމުގެ ސިއްރަކީ ދުޢާ. ފެލައިނީ ކައިރީގައި އުޅުނު އެއްވެސް ދިވެއްސަކު ޕޮޒޮޓިވް އެއްނުވި. މާތްﷲޝުކުރުވެރިވެބަލަ..
    ކަރާމާތެއްފަދަކަމެއް..

    28
    • .....

      ދިވެހިންނަށް އެހީވަނީ ނަސީބޭ....އެއީ އެހީވެވޭ އެއްޗެއް ކަމެއް ނުދެނަ ހުރިން..ނަސީބަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނޯންނާނެ....ހުރިހާ ސަބަބަކީވެސް ﷲގެ ރަހުމަތްފުޅު....އެއަށް ޝުކުރުވެރިވުން ހައްގުގޮތުގައި ޝުކުރުވެރިވާން އަހަރެމެން އެބަޖެހެއެވެ...އެއީ ﷲ އެނަގެވި ގޮތަށް އުޅުމެވެ...ހެޔޮ ސިއްހަތެއްގެ ބޭނުން ﷲ އެންގެވިގޮތުގައި ކުރުމެވެ..

  2. Anonymous

    އަވަސް ޝިފާ މިންވަރު ކުރައްވާށި އާމީން

    26