މާލޭގައި އޮންނަ ބިންކޮޅު ދޫކޮށްލައި ހުޅުމާލެއިން ބިމެއް ލިބޭ ޕްރޮގްރާމްގައި ބައިވެރިވި މީހުންގެ ތެރެއިން ހައުސިން މިނިސްޓްރީ އަށް ލިއުންތައް ހުށަނާޅައިވާ މީހުންނަށް އެލިއުންތައް ހުށަހެޅުމުގެ މުއްދަތު މިހާރު ރާއްޖެއިން ފެނިފައިވާ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން އިތުރުކޮށްފިއެވެ.

މިއަދު މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން ނެރެފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ ހަލުވިކަމާއި އެކު ދުނިޔޭގެ އެހެން ގައުމުތަކުގައި ފެތުރެމުން އައި ކޮވިޑް-19 ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ސަރުކާރުން އަޅައިފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ދަށުން ސަރުކާރު ބަންދުކުރުމާއި އެކު މި މުއްދަތުގައި މިނިސްޓްރީވެސް ބަންދުކޮށްފައި ހުރުމުން، ލިއުންތައް ހުށަނޭޅި ތިބި މީހުންނަށް އެފުރުސަތު ދިނުމުގެ ގޮތުން ސަރުކާރު ހުޅުވާ ތާރީހުން ފެށިގެން ތިންދުވަހުގެ މުއްދަތެއް އިތުރު ކުރުމަށް ނިންމާފައި ވާކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ވެށިފަހި މާލެ މަޝްރޫއުގެ ދަށުން މާލޭން 507 ބިމެއް ހުސްވެފައިވާ ކަމަށެވެ.

ވެށިފަހި މާލެ ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ހުޅުމާލެ އިން ގޯތި ނުލިބޭ 160 ވަރަކަށް މީހުން އަދި އެބަތިބި ކަމަށް ވެއެވެ.

ވެށިފަހި ޕްރޮގްރާމްގެ ދަށުން ސަރުކާރަށް ދޫކޮށްލާފައިވާ ބިންކޮޅުތަކުގެ ތެރޭގައި 50 އަކަފޫޓާއި 1،000 އަކަފޫޓަށް ވުރެ ބޮޑެތި ބިންތައް ވެސް ހިމެނެއެވެ.

ވެށިފަހި މާލެ ޕްރޮގްރާމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފައްޓަވާފައިވާ ޕްރޮގްރާމެކެވެ. މިހާރު އެމްޑީޕީން ގެންދަނީ ވެށިފަހި ޕްރޮގްރާމުން ގޯތި ނުލިބޭ މީހުންނަށް ހުޅުމާލެ އިން ގޯތި ދިނުމަށް ގޮވާލަމުންނެވެ. އެޗްޑީސީން ވަނީ އެފަރާތްތަކަށް ގޯތި ލިބޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.