ނުރައްކާތެރި ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އަންނަމުންދާ ހީނަރުކަން ކުޑަ ކުރުމަށްޓަކައި ސަރުކާރުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކާއި އެ ފިޔަވަޅުތައް އެޅުމަށް ނިންމި ސަބަބުތައް ސާފު ކުރުމަށް ސަރުކާރުގެ އިގްތިސޯދީ އަދި މާލީ ކަންކަމާއި ބެހޭ އިސް ފަރާތްތައް މަޖިލީހުގެ އިގްތިސޯދީ ކޮމެޓީއަށް ހާޒިރު ކޮށްދިނުމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އެދިވަޑައިގެންފިއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސައީދު ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައިވަނީ ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ދިމާވެފައިވާ ހުރަސްތައް ދެނެގަނެ މިކަމުގައި އަވަސް ފިޔަވަޅުތަކެއް ސަރުކާރުން އެޅުން މުހިއްމު ކަމަށް ދެކިވަޑައިގަންނަވާ ކަމަށް އިގްތިސޯދީ ކޮމެޓީގައި އެމަނިކުފާނު ވިދާޅުވެފައިވާނެ ކަމަށެވެ. އިގްތިސޯދަށް އަންނަމުންދާ ހީނަރުކަން ކުޑަ ކުރުމަށްޓަކައި ސަރުކާރުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކާއި އެ ފިޔަވަޅުތައް އެޅުމަށް ނިންމި ސަބަބުތައް ސާފު ކުރުމަށް ސަރުކާރުގެ އިގްތިސޯދީ އަދި މާލީ ކަންކަމާއި ބެހޭ އިސް ފަރާތްތައް ކޮމެޓީއަށް ހާޒިރު ކޮށްދެއްވުމަށް ސައީދު ވަނީ މަޖިލިސް ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ.

ސައީދު ވިދާޅުވީ ސަރުކާރުގެ އިގްތިސޯދީ އަދި މާލީ ކަންކަމާއި ބެހޭ އިސް ފަރާތްތައް ކޮމެޓީއަށް ހާޒިރު ކުރަން ބޭނުންވާ ސަބަބަކީ ސަރުކާރުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރި ކުރާ ފަރާތްތަކާއި މާލީ ދާއިރާތަކާއި މުޅި އިގްތިސޯދަށް ކުރާނެ އަސަރު ދެނެގަތުމަށް ކަމަށެވެ.

މީގެ އިތުރުން އޭނާ ވަނީ ސަރުކާރުގެ މާލީ އަދި އިގްތިސާދީ ދާއިރާގެ އިސްވެރިން ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިޔަފާރިތައް ބަނގުރޫޓުވިޔަ ނުދިނުމަށް ދައުލަތުގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ނިންމާފައިވާ ކަން އިއުލާން ކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. ނަމަވެސް އެކަމުގެ ތަފްސީލް ހިއްސާކޮށްފައި ނުވާތީ ސައީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި އިގްތިސޯދޯ ވަޒީރުކަން ކުރެއްވި ސައީދުގެ ސިޓީގައި ވަނީ އިގްތިސޯދީ މިފަދަ ހާލަތެއްގައި މަޖިލީހުގެ ދައުރު އިސް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެހެން ކަމުން މަޖިލީހުގެ ކޮމެޓީއަށް ވީ އެންމެ އަވަހަކަށް އެދާއިރާތަކުގެ އިސްވެރިން ހާޒިރުކުރުން މުހިންމު ކަމަށް އޭނާ ފޮނުއްވެވި ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ސަރުކާރުން ތައާރަފު ކުރަން ނިންމާފައިވާ 2.5 ބިލިއަން ރުފިޔާގެ ރިކަވަރީ ލޯނަކީ ކޮވިޑް-19 ގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް ވެފައިވާ ހީނަރުކަން ކުޑަ ކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށެވެ.

އަމީރު ވިދާޅުވީ ވިޔަފާރިތަކުގެ ވޯކިން ކެޕިޓަލް ރަނގަޅު ކުރުމަށް ދޫކުރާ މި ޕެކޭޖުގެ ދަށުން ފައިސާ ދޫކުރާނީ ހަ މަހުގެ ގްރޭސް ޕީރިއަޑަކާއެކު ހަ ޕަސެންޓު އިންޓްރެސްޓުގައި ކަމަށެވެ. އެ ފައިސާ އަނބުރާ ދެއްކުމަށް ތިން އަހަރުގެ މުއްދަތެއް ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ސަރުކާރުން ޖުމްލަ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފު ކުރުމަށް ވަނީ ނިންމާފައި. އޭގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ވިޔަފާރިތަކަށް ވޯކިން ކެޕިޓަލްގެ ގޮތުގައި ވޯކިން ކެޕިޓަލް ހޯދޭނެ ފެސިލިޓީތަކެއް ބައެއް ބޭންކުތައް މެދުވެރިކޮށް ފޯރުކޮށްދިނުން. މިއީ ޖުމްލަ ދެ ބިލިއަން ރުފިޔާ އާއި ހަމައަށް ލޯނު ދޫކުރެވޭނެ ޕެކޭޖެއް،" މިނިސްޓަރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ އިގްތިސާދަށް އަންނަމުންދާ ލޮޅުމުގެ ސަބަބުން ވިޔަފާރިތަކުގެ ކޭޝްފްލޯ އަށް ދަތިވެ، ވިޔަފާރިތައް ހިންގުމަށް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މުޝީރު

    ރާއްޖެ ފުރަބަދުކުރުންތޯ ރަނގަޅީ ނުވަތަ ގޭބަންދުގައި މަސައްކަތެއް ނުކޮށް ތިބުންތޯ ރަނގަޅީ . މިވަގުތު ކުރަންވީކަމަކީ ގައުމު ހަލާކުވުމުގެ ކުރިން ، މުޅީރާއްޖެ ފުރަބަންދުކޮށް ދަނޑުވެރިކަމާއި ، މަސްވެރިކަމާއި ދެންވެސް އިގްތިސާދީގޮތުން ކުރެވެންހުރިކަމެއް ކޮށް އެތެރޭގެ އިގްތިސާދު ރަނގަޅޫކޮށް މިނިވަންކަމާއި އެކު ހަރަކާތްތެރިވެވޭނެ މާހައުލަކަށް އައުން ، އެއީ އެއްވެސް ބަޔަކަށް ބޭރުން އެތެރެނުވެވޭގޮތް ހެދުން. .. އަފަހަތަށް 50 އަހަރު ޖެހެންބޭނުމެއްނޫން

  2. އަލްޖިބްރާ

    ކަލޭބުނާއިރަށް ކަލޭބުނާހާ ބަޔަކު ހާޒިރެއް ނުކުރެވޭނެ ! އަގަމަޑުންލައިގެން ހުރޭ ! ކަލޭމެންގެ ވެރިކަމުގައި ހާޒިރު ކޮށްދިނީ ކޮންބައެއްތަ ؟ އަދިވެސް އަގަހުޅުވާތި !

    2
    5
  3. ބަލަން ނުހުރޭ

    އެއީ ގައުމަށް ހެޔޮ އެދޭތީވެ.

    4
    2
  4. ނިކަމެތި ރައްޔިތު މީހާ

    ސައީދު ބުނާ ވާހަކަ ރަނގަޅައް ވިސްނާ ލުން ބުއްދިވެރި.

  5. ކޮވިޑް

    އަނގަމަޑުން ލައިގެން ނުހުންނާނެ! ޖަހާހާ ބެރަކަށް ނުނަށާނެ! ރައްޔިތުންތަކެއް ހޮވާފައި މަޖިލީހަށް ފޮނުވާފައި އެހުރީ ރައްޔިތުން ބޭނުންވާ ކަންތަކުގައި ވާކާލާތުކުރަން ޤާބިލް ބޭފުޅެއް، އެކަން އެބޭފުޅާ ކުރައްވާނެ! މަޖިލީހުން ޖެހޭނީ އެމަނިކުފާނު އެދޭކަންތައްވެސް ކުރަން!