ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖެއިން ފެނިފައިވާއިރު ސިއްހީ މާހިރުން ދެއްވާ އިރުޝާދުތައް އަޑު އައްސަވައިގެން ބޭރަށް ނުގޮސް ރައްޔިތުން ގޭގައި މަޑު ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި ނޫސްވެރިންނާއި ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ، ކޮވިޑް-19 އިން ދިވެހި ރައްޔިތުން ރައްކާތެރި ކުރުމަށްޓަކައި ޗައިނާއިން މި ބަލި ފެތުރެން ފެށުމާ އެކު ޖެނުއަރީ 6 ވަނަ ދުވަހުން ފެށިގެން ސަރުކާރުން ރާއްޖޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ ހާލަތާއި ގުޅޭ ގޮތަށް ކަންކަން ބަދަލު ކުރަމުން އަންނަނީ ސިއްހީ ތަޖުރިބާކާރުންގެ ލަފަޔާއި އެއްގޮތަށް ކަމަށެވެ.
ރައީސް ވިދާޅުވީ، މިފަދަ ދަނޑިވަޅެއްގައި އެންމެ އިސްބަހާއި އެންމެ ފަހު ބަސް ވެސް ބުނާނީ ސިއްހީ ތަޖުރިބާ ކާރުން ކަމަށެވެ. އެހެން ކަމުން އެފަދަ ބޭފުޅުން ދެއްވާ އިރުޝާދުތައް ގަބޫލު ކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
"މިއަދު ލޮބުވެތި ރައްޔިތުންނަށްވެސް ދަންނަވަން އޮތީ މިއަދު ތިޔަ ބޭފުޅުންވެސް އަމަލު ކުރަންވީ، ސިއްހީ ތަޖުރިބާ ކާރުން ދެއްވާ އިރުޝާދުތަކާއި ލަފާޔާ އެއްގޮތަށޭ. އެބޭފުޅުން އެ މަސައްކަތް ކުރަނީ ތިޔަ ބޭފުޅުންނަށްޓަކައި. ތިޔަ ބޭފުޅުން ކޮށްދެއްވަންވީ ކަމަކީ ބޭރަށް ނުކުމެވަޑައިނުގެން ގޭގައި މަޑު ކޮށްދެއްވުން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިބަލިން ރައްކާތެރިވުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާންމު ދިރިއުޅުމުގެ ވަރަށް ގިނަ ކަންތަކަށް ހުރަސް އެޅޭ ކަން ގަބޫލު ކުރައްވާ ކަމަށާއި ސަރުކާރުން އަޅާ އެފަދަ ފިޔަވަޅުތަކަކީ ހުރިހާ ރައްޔިތުންގެވެސް ރައްކާތެރިކަމަށްޓަކައި ކޮންމެހެން އަޅަން ޖެހޭ ފިޔަވަޅުތަކެއް ކަމަށެވެ. މިހާލަތާއި ގުޅޭގޮތުން އިތުރަށް ފިޔަވަޅުތަކެއް އަޅަން ޖެހިއްޖެ ހާލަތެއްގައި އެކަންވެސް ކުރައްވާނެ ކަން ރައީސް ވަނީ ވިދާޅުވެފައެވެ.
ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން މިއަދާއި ހަމައަށް ސަރުކާރުން ވަނީ ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ތެރޭގައި މިއަދު ރައީސް ވަނީ މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން ބޭރުން ރާއްޖެއަށް ފަތުރުވެރިންނަށް ނާދެވޭ ގޮތަށް އޮންއެރައިވަލް ވިސާ ދިނުން ސަރުކާރުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތަކާއި ޔުނިވާސިޓީތައްވެސް އިތުރު އެއް ހަފްތާއަށް ބަންދު ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައިވާ 13 މީހަކު ރާއްޖެއިން ފެނިފައިވާއިރު އޭގެ ތެރެއިން މިހާތަނަށް 8 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
އިންޓަނެޓް އަގުހެޔޮ ކުރައްވާ އަވަހަށް. ވެރިޔާއަށް ސުޕަ ސްޕީޑް ލިބުނަސް ރައްޔތުންނަށް މިލިބެނީ ވަރަށް ހާލުން.
ދުވަހު އާމްދަނީ އަށް އުޅޭމީހުން ކާނީ ކިހިނެއް މަނިކުފާނަށް އޮވެވުނަސް އެަެންމީހުން ނުކުންނަން މަޖްބޫރު
ސަރުކާރު ބަންދު ކޮއްލީީ....ފިހާރަ ތަކުގަ މީހުންތައް ތޮއްޖެހިފަ ....މީވާކަމެއް...
އަދިކިރިޔާ ތޯ ގޭގައި ތިބެންޖެހޭ ކަން ރައްޔިތުންނަށް އެންގުނީ. ރައްޔިތުން ގޭގައި ތިއްބަނޫންތަ މިއޮތް ހުރިހާ ދުވަހު ބޭރުމީހުން އެތެރެކުރީ. ހަމަހޭފުޅޫގައިތޯ
ކޮން އާދޭހެއް ކުރާކަށްތަ... ފިހާރަތައް 0 24 ގަޑިއިރު ވިޔަފާރި ކުރަން ދީފައިވާ ހުއްދަ މަޑުޖައްސާލަބަލަ.. ކާފިއު އިއުލާންކޮއްބަލަ.. ކޮންމެވެސް ގަޓެއް ހުރެގެންދޯ ގައުމެއް ހިންގޭނީ..
ގޭގަ ތިބޭނީ އިންޓަނެޓު އަގު ހެޔޮކުރީމަ ނޫނީ ނުތިބޭނަން .
އޭ ބޭބޭ މަ މިއޮތީ ގޭގަ