ކުރިއަށް އޮތް އެއް މަހަށް ވާ ވަރަށް ކާޑުގެ ބާވަތްތައް ކޮންމެ ރަށެއްގައިވެސް ހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރަށްރަށުގައި ހުރި ކާޑުގެ ސްޓޮކްތަކާއި ގުޅޭ މައުލޫމާތުތައް ސަރުކާރުން ބަލަމުން އަންނަ ކަމަށާއި އެކަމުގައި އެއްވެސް ރަށަކަށް އިހުމާލެއް ވިޔަ ނުދެއްވާ ކަމަށެވެ. ރައީސް ވިދާޅުވީ އެގޮތުން އަންނަ މަހުގެ ތެރޭގައި 10 މަސް ދުވަހުގެ މުއްދަތައް ވާ ވަރަށް ހަނޑުލާއި ހަކުރު ރާއްޖެ އެތެރެކުރާނެ ކަމަށެވެ. އަދި ފަސް މަހަށް ވާވަރަށް ފުށްވެސް އަންނަ މަހު ރާއްޖެ ގެންނާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"ކޮންމެ ރަށެއްގައި ޓާސްކް ފޯހެއް ވަނީ ހަދާފައި. ކާޑުގެ ބާވަތްތަކުގެ ސްޓޮކްގެ މައުލޫމާތު ކޮންމެ ރަށަކުން ހޯދަމުން މިދަނީ. މަދުވާ މިންވަރު ފޮނުވަމުން މިދަނީ. އެއްވެސް ރަށަކަށް އިހުމާލު ނުވެ، މިކަމުގައި އެހީތެރިކަން ފޯރުކޮށްދޭނަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވެފައިވާއިރު ކާޑުގެ ބާވަތްތައް ރާއްޖެއަށް އެތެރެ ކުރާ ސަރުކާރުގެ ކުންފުނި އެސްޓީއޯ އިން ވެސް ވަނީ ކާޑުުގެ ބާވަތްތައް ހުސްނުވެ ރައްޔިތުންނަށް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ދީފައެވެ. މީގެއިތުރުން އިންޑިއާ ހައިކޮމިޝަނުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ދުނިޔޭގައި ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ލޮޖިސްޓިކަލް ދަތިތަށް ދިމާވި ނަމަވެސް ހަނޑޫ، ފުއް އަދި ހަކުރު ފަދަ ކާޑުގެ ބާވަތްތަށް މެދުނުކެނޑި އިންޑިއާއިން ލިބިލިބި ހުންނާނެ ކަމު ގެ ޔަގީންކަން އަރުވާ ކަމަށެވެ.

ހަނޑުލާއި ހަކުރުގެ 20 ދުވަހުގެ ސަޕްލައި މިހާރު ވަނީ އިންޑިއާއިން ޝިޕް ކުރެވި، ވަރަށް އަވަހަށް ރާއްޖެ އައުމުގެ މަގުމަތީގައި ކަމަށް ވެސް ހައިކޮމިޝަނުން ވިދާޅުވިއެވެ. އިތުރު 1500 މެޓްރިކް ޓަނުގެ ހަނޑުލާއި 500 މެޓްރިކް ޓަނުގެ ހަކުރުގެ ޝިޕްމެންޓެއް ޓުޓިކޯރިން ޕޯޓުގައި ދަނީ ލޯޑު ކުރެވެމުން ކަމަށް ވެސް ހައިކޮމިޝަނުން މައުލޫމާތު ދެއްވައެވެ.

މީގެއިތުރުން އެ ކޮމިޝަނުން ވެސް ވަނީ މި ދަނޑިވަޅުގައި އެއްވެސް ރައްޔިތަކުވެސް ހާސްކަން މަތީގައި ތިބެގެން ގަނޑުކޮށް ކާޑުގެ ބާވަތްތަށް ނުގަތުމަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ކަލޭނޭ މިހިރަ ދޮގުވެރި އިންސާނެއް. ޔާﷲ މިނުލަފާ ދޮގުވެރިޔާގެ ކިބައިން އަޅަމެން ސަލާމަތް ކުރައްވާނދޭވެ. އާމީން.

  2. ޖަންބޯ

    ދޮގުވެރިޔާ ދޮގުނަހަދާ އަހަރުމެން ރަށުގަ ކާޑެއްނެތް

  3. ......

    އެހެން ރަށެއްގެ ގޮތެއް ނޭނގޭ...އަހަރެން ނިސްބަތް ވާ ރަށަށް ހަފްތާއަކު ދެފަހަަރަށް ގެނެސްގެން ވަނީ...