ރާއްޖެ އިން ކޮވިޑް-19 ފެނިފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވިލިމާލޭގެ މަގުތައް ކްލޮރިން އަޅައިގެން ދޮވުމުގެ މަސައްކަތް ފަށައިފިއެވެ.

ވިލިމާލޭގެ މަގުތައް ދޮވުމުގެ މަސައްކަތުގައި އެމްއެންޑީއެފާއި މާލެ ސިޓީ ކައުންސިލުން ބައިވެރިވެއެވެ. އެމްއެންޑީއެފާއި މާލެ ސިޓީ ކައުންސިލުން މިހާރު ވެސް މާލޭގެ މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެމްއެންޑީއެފާއި އެޗްޑީސީ ގުޅިގެން ހުޅުމާލޭގެ މަގުތައް ވެސް ދަނީ ސާފު ކުރަމުންނެވެ.

ވިލިމާލޭގެ މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަނީ. --- ފޮޓޯ: އެމްއެންޑީއެފް

ރާއްޖެއިން ކޮވިޑް-19 އަށް 13 މީހަކު ފައްސިވުމާ ގުޅިގެން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެން މާލެ ސިޓީ ކައުންސިލާއި ސަރުކާރުން އަންނަނީ އާންމުންގެ ރައްކާތެރިކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން އަށް މީހުން މިހާރު ވަނީ ރަނގަޅުވެފައެވެ. މިވަގުތު ބަލި ޖެހިގެން ފަރުވާދެނީ ފަސް މީހަކަށެވެ. ރާއްޖެ އިން މި ބައްޔަށް ފައްސި (ޕޮޒިޓިވް) ވެފައި ވަނީ ޗުއްޓީ ހޭދަކުރުމަށް އައި ފަތުރުވެރިންތަކަކާއި ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންތަކެކެވެ.

ބަލީގެ އަލާމާތްތައް ހުރެގެން ބައެއް ދިވެހިންގެ ގައިން ސާމްޕަލް ނަގައި ޓެސްޓް ކުރި ނަމަވެސް، އެއްވެސް މީހެއްގެ ގައިން ބަލި ފެނިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ނިހާން ބިރުގަތީތަ

  2. ދަންބެރު

    އެއަރޕޯޓު ސެނިޓައިޒާ ކޮށްބަލަ ރަށްޔަތުންގެ ލޮލުގައި ކަޅު އަނދުން އަޅުވަން ނޫޅެމާ ބަހީ.