ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް މިއަދު ބާއްވަން ތާވަލްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުމެއް މިއަދު 15:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވާއިރު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހިނގާފައި ނުވާކަމެއް ހިނގި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ދިނުމާއި ނިރުބަވެރިކަމުގެ ދައުވާގެ އަޑު އެހުމެއް މިއަދު 15:00 އަށް ތާވަލް ކޮއްފައެވެ.

އިލްހާމްގެ މައްޗަށް ނިރުބަވެރި އަމަލެއް ހިންގުމުގެ ދައުވާ އުފުލާފައިވަނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގަ އެވެ. އިލްހާމްގެ މައްޗަށް ނިރުބަވެރި ދައުވާ އުފުލުމަށްފަހު އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު އަމުރުކޮށްފަ އެވެ.

އިލްހާމް ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު އޭނާ ހޯދަން އިއުލާނުކުރުމާއި ގުޅިގެން ފުލުހުންގެ އިދާރާއަށް އޭނާ ހާޒިރުވުމުންނެވެ.

މަހްލޫފްގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް މިއަދު ބާއްވާއިރު އޭނާ މިހާރު ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.