ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރުމަށް ނިންމާފައިވާ ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން މިހާރުން މިހާރަށް އުވާލުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ކޮވިޑް-19 ގެ ސަބަބުން އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް މީގެކުރިން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ކުރިން އިއުލާން ކޮށްފައިވާ ތާރީހުގައި ނުގެންދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާ ކަމަށެވެ. އަދި އެ އިންތިހާބު ދެން ބޭއްވޭނީ މިހާރުގެ ހާލަތުން އަރައިގެނެވިގެން ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވެސް ގަބޫލުކުރާ ކަމަށް ބަޔާނުގައިވެއެވެ.

އިދިކޮޅުގެ ބަޔާނުގައި ބުނީ އެ އިންތިހާބުގައި ގިނަ އަދަދެއްގެ ސިވިލް ސާވިސް ވަޒީފާތަކުގައި ތިބި މުވައްޒަފުންތަކެއް ވެސް ވާދަ ކުރުމަށް ނިންމާފައިވާއިރު އެ މުވައްޒަފުން އިންތިހާބުގައި ވާދަ ކުރާތީ ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އިންތިހާބު ބޭއްވޭނެ ސީދާ ދުވަހެއް ނޭނގުމުގެ ސަބަބުން އެ މުވައްޒަފުންނަށް އެތައް ދައްޗެއް ކުރިމަތިވަމުން އަންނަ ކަމަށް އިދިކޮޅުން ބުނެއެވެ. އަދި އެކަމުގެ ޝަކުވާތައް ހުދު އެ ކޯލިޝަނަށް ވެސް ލިބެމުން އަންކަން ފާހަގަކޮށް އިދިކޮޅުން ބުނީ އެ މުވައްޒަފުންގެ ތެރޭގައި އެކޯލިޝަނާއި ވާދަވެރި ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުންވެސް ހިމެނޭ ކަމަށެވެ.

"އެހެންކަމުން އިންތިހާބުގައި ވާދަކުރާ ސިވިލް ސާރވިސް މުވައްޒަފުންގެ ސަސްޕެންޝަން މިހާރުން މިހާރަށް އުވާލުމަށް ކަމާބެހޭ ފަރާތްތަކަށް މިކޯލިޝަންގެ ފަރާތުން ގޮވާލަމެވެ. ހަމައެއާއެކު މިހާރު ހަމަޖެހިފައިވާ ތާރީހުގައި ވޯޓު ނުނެގޭނެ ކަމަށް އިލެކްޝަންސް އިން އިއުލާނު ކުރި ތާރީހުން ފެށިގެން އެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ހިނގާނެ ގޮތަކަށް އިންތިޒާމުތައް ހަމަ ޖެއްމަށްވެސް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލަމެވެ،" އެ ބަޔާނުގައި ބުނެފައިވެއެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ އިންތިހާބުތައް ބޭއްވުމާއި، އިންތިހާބުގެ ތާރީހު ކަނޑައެޅުމާއި، އިންތިހާބުތައް ހިނގަމުން ދަނީ އިންސާފުވެރިކަމާއި އެކު އެއްވެސް ބިރުވެރިކަމެއް އަދި ބިރުދެއްކުމަކާއި ތަޅާފޮޅުމަކާއި އަދި ނުރަނގަޅު ނުފޫޒަކާއި ކޮރަޕްޝަނެއް ނެތި މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ހައްގު ފުރިހަމައަށް އަދާކުރެވޭ ގޮތަށްކަން ކަށަވަރު ކުރުމަކީ ގާނޫނޫ އަސާސީގެ 170 ވަނަ މާއްދާ އިން އިލެކްޝަންސް ކޮމިޝަނަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ޒިންމާ އަދާ ކުރުމުގައި ފަސްޖެހެމުންދާކަން ގަބޫލުކުރެވޭ ކަމަށް އިދިކޮޅުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ޒިންމާ އަދާ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ހުރަސް އަޅަމުން ގެންދާ ކަމަށާއި އެކަމާއި މެދު ކަންބޮޑުވާ ކަމަށްވެސް އެ ބަޔާނުގައި އިދިކޮޅު ކޯލިޝަނުން ބުނެފައިވެއެވެ. ރާއްޖޭގެ މިވަގުތުގެ ހާލަތަށް ބަލާ، އެހާލަތުން އަރައިގަނެ އާންމު ހާލަތަކަށް އަންނަންދެން އިންތިހާބު ފަސް ކުރުމުގެ ފުރިހަމަ ބާރު ގާނޫނުއަސާސީގެ 170 ވަނަ މާއްދާއިން އެކަނިވެސް އިލެކްޝަންސް ކޮމިޝަނަށް ލިބިދީފައިވާ ކަމަށާއި އަދި އެކަމުގައި ސުވާލު އުފެދޭނަމަ އެކަމުގެ ފަރުވާ ހޯދުމަށް އެދެން ޖެހޭ ފަރާތަކީ ރާއްޖޭގެ ކޯޓުތައް ކަމަށްވެސް އިދިކޮޅުގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ. އެކަމުގެ ފަރުވާ ހޯދަން ޖެހޭ ތަނަކީ ރައްޔިތުންގެ މަޖިލިސް ނޫން ކަމަށާއި އެތަނަކީ ގާނޫނުތައް ހެދުމާއި ގާނޫނުތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރާ ތަނެއް ކަމަށް އިދިކޮޅު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް އެކަމަކީ މަޖިލީހުގެ އިހުތިސޯސުގެ ތެރޭގައި އޮތް ކަމަކަށްވީ ނަމަވެސް މި ދަނޑިވަޅުގައި އެކަމަށް ފަރުވާ ހޯދަން ޖެހޭނީ ޝަރުއީ ކޯޓުތައް މެދުވެރިކޮށް ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ. ގާނޫނީ ގޮތުން ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި ޓަކިޖަހަން ޖެހޭ ދޮރަކީ ރައްޔިތުންގެ މަޖިލިސް ކަމަށްވާނަމަ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ގަޑުބަޑުވެ އެއްބާރުގެ ތެރެއަށް އަނެއް ބާރަށް އަރް ބޭނުމުގެ ފަލްސާފައެއް އުފެދިގެން ހިނގައިދާނެތީ އެކަމާއި މެދު ކަންބޮޑުވާ ކަމަށްވެސް އިދިކޮޅުގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން މިނިވަން މުއައްސަސާތަކަށް އައްޔަން ކުރެވޭ މެންބަރުންނަކީ ސަރުކާރުގެ ޕަޕެޓުން ކަމަށް ދޭހަވާ ގޮތަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރަކު ސޯޝަލް މީޑިއާގައި ވިދާޅުވެފައިވާ ވިދާޅުވުމުން އެކަނިވެސް، މިނިވަން މުއައްސަސާތަކުގެ ތެރެއަށް ސަރުކާރާއި މަޖިލީހުގެ ނުފޫޒު އޮތް މިންވަރު ހާމަވެގެންދާ ކަމަށާއި އެފަދަ ކަންކަން ހިނގަމުން ދިއުމަކީ އެ ކޯލިޝަން ގަބޫލު ކުރާނޭ ކަމެއް ނޫން ކަމަށް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.