ކޮވިޑްް-19 އާއި ގުޅިގެން ރާއްޖޭގެ ހާލަތު ބަދަލުވިކަމަށް ނުނިންމާ ކަމަށާ، ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތައް ވެސް ލުއިނުކުރާ ކަމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަދައްކަވަމުން ޑރ މުރާދު ވިދާޅުވީ، ރާއްޖެއިން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް)ވި 13 މީހުންގެ ތެރެއިން އަށް މީހަކު ބަލިން ރަނގަޅުވުމާއި މިހާރު ފަރުވާދެމުންދާ ފަސް މީހުންގެ ހާލު ރަނގަޅުވުމަކީ މި ވަގުތަށް ލިބޭ ހަމަޖެހުމަކަށްވީނަމަވެސް އަދިވެސް ވިސްނަން ޖެހޭ ބައިވަރުކަންކަން ހުރިކަމަށެވެ،

އަދި ސަލާމަތަށްޓަކާ ކަމާއި ބެޙޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ބޯލެބުން ވަރަށް މުހިއްމުކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ހާލަތު ބަދަލު ނުވާނެ ކަމަށް ނިންމީކީ ނޫން. ހަމަ އަޅުގަނޑުމެން އަދިވެސް ވަރަށް ބޮޑަށް ބަލަމުން ގެންދަން ޖެހޭ. ހަމަ އަޅުގަނޑުމެން ކުރިންވެސް ތިބި ސްޓޭންޑްްގައި އަޅުގަނޑުމެން ތިބެން މި ޖެހެނީ. އަޅުގަނޑުމެން އެ ނަގާފަިއ ހުރި ސަމާލުކަން ދޭންވީ ކަންތައްތަކަށް އަދިވެސް ސަމާލުކަން ދީގެން، މިކަން ދުނިޔޭގައި ފެތުރިގެން ދަ ގޮތް ނުވަތަ މިކަން ބަދަލުވަމުންދާ ގޮތް އަޅުގަނޑުމެން މި ވަގުތަށް ބަލަހައްޓައިގެން ތިބެން މިޖެހެނީ." އޭނާ ވިދާޅުވިއެވެ.

އަދި ދިވެހިން އަދިވެސް ތިބެންޖެހޭނީ ކުރިން އަޅާފައި ހުރި ފިޔަވަޅުތަކުގެ މަތީގައި ކަމަށާއި ދުނިޔޭގައި ކޮވިޑް-19ގެ ކަންކަން ބަދަލުވަމުންދާ ގޮތް ކައިރިން ބަލަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. މުރާދު ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ކޮވިޑް-19 އާއި ގުޅިގެން ކުރާ މަސައްކަތްތަކަށް އެއްވެސް ލުއިކަމެއް ނާންނަ ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، އެންމެ ފުރަތަމަ ދުވަހެކޭ އެއްގޮތަށް ވަރަށް ބުރަ މަސައްކަތްތަކެއް އަދިވެސް ކުރާ ކަމަށެވެ.

ރާއްޖެ އިން 13 މީހެއްގެ ގައިން ކޮވިޑް-19 ފެނި، އޭގެ ތެރެއިން ފަސް މީހުން ބަލިން ރަނގަޅުވެ، ނައްސި (ނެގަޓިވް) ވި ނަމަވެސް އެކަން ލުއި ގޮތަކަށް ނުނެންގެވުމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު މުރާދު މީގެ ކުރިން ވެސް އިލްތިމާސްކުރެއްވިއެވެ.

އޭރު ޑރ. މުރާދު ވިދާޅުވީ ބަލި ޖެހިފައިވާ 8 މީހަކު ރަނގަޅުވުމަކީ މިކަން އެއްވެސް ގޮތަކަށް ލުއިކޮށް ނަގަން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށެވެ. އަދި ފައްސިވި މީހުންގެ ނަތީޖާތައް ނައްސިވުމަކީ އެއްވެސް ގޮތަކަށް ބަލިން ސަލާމަތްވި ކަމަށް ނިންމަން ޖެހޭ ސަބަބެއް ނޫން ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝަމީމް

    ރާއްޖޭގައި މިބަލި ފެތުރިގަންނާނީ ހުޅަނގު މޫސުމުގައި ކަމައް ލަފާކުރެވޭ.. ހޫނު މޫސުމުގައި މި ބަލި ފެތުރުމައް އުނދަގޫވޭ.. އެކަމަކު ވާރޭވެހެންފެށޭއިރަށް ބަލި ފެތުރުމުގެ ފުރުސަތުބޮޑުވޭ.. ވީމާ އަދި ރާއްޖޭގައި ވައިރަސް އުޅުނަސް ނުފެތުރި އޮތުން އެކަށީގެންވޭ. އެމެރިކާއިން ބަލަމުން އެދަނީ ހޫނު މޫސުމާއި އެކު މި ބަލި ފެތުރުން މަޑުޖެހިފައި ފިނި މޫސުމައް އަނެއްކާ ދެވަނަ ވޭވަކައް ފެތުރެންފަށާނެކަމަށެވެ.

  2. ވަތަނީ

    މިބައްޔަކީ ވަރަށްނުރައްކާތެރި އަދި އަވަހަށް ފެތުރޭ ބައްޔެއް
    ކަމަށްވާތީއާއި ރާއްޖޭގެ ކަންކަން ހުރިގޮތުން މިފަދަ ނުރައްކާ
    ބަލިމަޑުކަމެއް އަޅުގަނޑުމެންގެ ތެރޭގައި ފެތުން ފަށައިފި
    ނަމަ އެއީ ރާއްޖެއަށް ކުރިމަތިވާނެ ވަރަށް ބޮޑުމުސީބާތަކަށް ވެގެންދާނެއެވެ އެހެންކަމުން އެކަމާދެކޮޅަށް އަޅާފައިވާ
    އެއްވެސް ފިޔަވަޅެއް ލުއިނުކުރުމަށް ސަރުކާރަށް އިލްތިމާސް ކުރަމެވެ.