އާންމުންނަށް ދުކޮށްފައިވާ ލޯނުތަކާއި ވިޔަފާރިތަކަށާއި އެކި ބޭނުމަށް މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ނަގާފައިވާ ލޯނުތައް ދެއްކުމުގައި ލުއިތަކެއް ހޯދައި ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ބޭންކުން ބުނެފިއެވެ.

އިސްލާމިކް ބޭންކުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މުޅި ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރި ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން އުނދަގޫތަކެއް ދިމާވެފައިވާ މި ދަނޑިވަޅުގައި އެ ބޭންކުގެ ކަސްޓަމަރުންނަށް އެކަމުގައި އެހީތެރިވުމުގެ ގޮތުން ލުއި ގޮތްތަކެއް ހޯދައި ދިނުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ. އެކަމާއި ބެހޭ އިތުރު މައުލޫމާތު ކުރިއަށް އޮށްތަނުގައި ހިއްސާ ކުރާނެ ކަމަށް އެމްއައިބީ އިން ވަނީ ބުނެފައެވެ.

އެގޮތުން ވިޔަފާރި ތަކަށާއި އާންމުންނަށް ދޫކޮށްފައިވާ ލޯނުތައް ދެއްކުމުގައި ލުއިތަކެއް ދިނުމާ ބެހޭ ގޮތުން މަރުކަޒީ ބޭންކް (އެމްއެމްއޭ) އާއި އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މިފަދަ ހާލަތެއްގައި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އިސްލާމިކް ބޭންކުން ބުނެފައިވަނީ އެބޭންކުގެ މުވައްޒަފުންނާއި ކަސްޓަމަރުންގެ ރައްކާތެރިކަމަށް އިސްކަމެއް ދޭ ކަމަށެވެ. އެގޮތުން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ބޭންކް ވަކި ދުވަސްވަރެއްގައި ހުޅުވާފައި ހުރި ކަމުގައި ވިޔަސް، ފައިސާ މޯބައިލް އަދި ފައިސާ ނެޓް ބޭނުން ކުރުމަށް އިލްތިމާސް ކުރާ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

އިސްލާމިކް ބޭންކްއިން ނަގާފައިވާ ލޯނުތަކަށް ލުއި ގޮތްތަކެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ބޭންކުން ބުނެފައިވާއިރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމުންނަށް ދޫކޮށްފައިވާ ޕާސަނަލް ލޯނާއި ހައުސިން އަދި ބިޒްނަސް ލޯނުތަކަށް ފައިސާ ދެއްކުން ހަ މަހަށް ފަސްކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަރަންޓު

    ސްކީމްތައް ހިމެނޭބާ މީގެ ތެރޭގައި

    2
    1