ކޯވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ގްރޭންޑް ޕާރކް ކޮއްދިއްޕަރު މޯލްޑިވްސްގައި ހުރި ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ، އެ މީހާގެ ޓެސްޓުތައް ހެދުމަށްފަހު ‏ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓު ވަނީ މޮނިޓަރިންގްއަށް ލެވިފައި ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 13 މީހެކެވެ. ފަހުން ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ޓެސްޓުތައް ހަދާ އެންމެންގެ ނަތީޖާތައް ވަނީ ނައްސި (ނެގެޓިވް)ވެފައެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖޭގައި ފަރުވާދެމުންދާ 13 މީހުންގެ ތެރެއިން އަށް މީހަކު ރަނގަޅުވެފައިރު، ދެން ތިބި ފަސް މީހުންގެ ހާލު ވެސް ރަނގަޅުކަމަށް ޑޮކްޓަރުން ވަނީ ހާމަކޮށްފައެވެ.

ރާއްޖެއިން އަދި ދިވެއްސަކަށް ކޮވިޑް-19 ޖެހިފައި ނުވާއިރު، ޔޫއޭއީގައި ދިރިއުޅެމުންދާ ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވެފައިވާކަމަށް އެ ގައުމުގެ ނޫސްތަކުން ވަނީ ބުނެފައެވެ.

އެކަމާއި ގުޅިގެން ސަރުކާރުން މިރޭ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.