ދިވެހިރައްޔިތުންގެ ކުރިއެރުމާއި ލާބައާއި މަންފާއަށްޓަކައި ސަރުކާރުން ފާއިތުވެދިޔަ ހަތަރު އަހަރު ހިންގަވާފައިވާ ޤައުމީ ތަރައްޤީގެ މަޝްރޫޢުތަކުގެ އުސްއަލިތައް ހިމަނައިގެން އެކުލަވާލާފައިވާ ޚާއްޞަ ފޮތް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ.

"ރަށްވެހި ތަރައްޤީ" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކުލަވާލެއްވި މި ފޮތް އިފްތިތާޙްކޮށްދެއްވީ މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މިފޮތަކީ، ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ފެނިފައި ނުވާފަދަ ބޮޑެތި ބިޔަ މަޝްރޫޢުތަކެއްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި، މަދަނިއްޔަތާއި ތަހުޒީބު ލިބިގެންވާ ތަރައްޤީއެއް ދިވެހިރާއްޖެއަށް ގެންނެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު ހިމެނޭ ފޮތެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.

ރައީސް އޮފީހުން ވިދާޅުވީ މިއީ ދިރާސާކުރާ ފަރާތްތަކަށާއި ޔުނިވަރސިޓީތަކުގައި ތަޢުލީމު ޙާސިލުކުރާ ދަރިވަރުންނަށް، މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ ދެކެފައިވާ ބަދަލުތަކާގުޅޭ ވަރަށް ތަފްސީލީ މަޢުލޫމާތުތަކެއް ލިބޭނެ ފޮތެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި ހިންގަވާފައިވާ، އަދި ހިންގަވަމުން ގެންދަވާ ތަރައްޤީގެ މަޝްރޫޢުތަކުގެ މަޢުލޫމާތުގެ އިތުރުން، 2009 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުން ހިންގަވާފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ މަޢުލޫމާތުވެސް މި ފޮތުގައި ހިމަނާފައިވެއެވެ.

މިފޮތަށް، މަޢުލޫމާތު ފޯރުކޮށްދީފައިވަނީ ދައުލަތުގެ ވުޒާރާތަކާއި، ކުންފުނިތަކާއި، ކަމާބެހޭ އިދާރާތަކުންނާއި، ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށްރަށުގެ ކައުންސިލް ތަކުންނެވެ.

މި ފޮތް އިފްތިތާޙްކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނާއި، ދައުލަތުގެ އިސްވެރިންނާއި، ސްކޫލްތަކުގެ އެންމެ އިސް ދަރިވަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

"ރަށްވެހި ތަރައްޤީ"ގެ ކޮޕީއެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކޮށް ގަވާއިދުން އަޕްޑޭޓް ކުރަމުންދާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަބްދުﷲ

    ތި ފޮތް ގަންނަން (ނުވަތަ ހިލޭ) ލިބޭ ތަނެއް ވަގުތުން އޮޅުންފިލުވައިދީބަލަ!

  2. ވގ

    ކުރެވުނުހުރިހާ ކަމެއްލިޔެފަވާނެކަމައްހީކުރަން

  3. ނިހާނު

    ހަތަރު އަހަރު ކުރި ވައްކަމުގެ ވާހަކަ ލިޔެފަ ފޮތެއް ނެރެންވީނު.