މި އަހަރުގެ ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި ހިފުޒުކޮށް އިމާމުވެ ތަރާވީހް ނަމާދު ކޮށްދޭނެ ހާފިޒުން ހޯދަން އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި އެވެ.

ރާއްޖޭގެ ރަށްރަށުގައްޔާއި ސިޓީތަކުގެ މިސްކިތްތަކުގައި ހިފްޒުކޮށް އިމާމްވެ ތަރާވީހް ނަމާދު ކުރާނެ ދިވެހި ހާފިޒުން ހޯދުމަށް އިސްލާމިކް މިނިސްޓްރީން މީގެ ކުރިން އިއުލާނުކޮށްފައިވާއިރު އެ އިއުލާނުގެ މުއްދަތު ހަމަވާނީ މި މަހުގެ ނިޔަލަށެވެ.

އެހެން ނަމަވެސް އިސްލާމިކް މިނިސްޓްރީއިން މިއަދު ކުރި އިއުލާނުގައި ބުނީ، އެ މުއްދަތު އަންނަ މެއި މަހުގެ ތިން ވަނަ ދުވަހަށް އިތުރު ކޮށްފައިވާ ކަމަށެވެ.

އަދި ހިފްޒުކޮށް އިމާމްވެ ތަރާވީހް ނަމާދު ކުރުމަށް އެދޭ މީހުން، އެކަމަށް އެދޭ ފޯމް ފުރިހަމަކޮށް އެދުވަހު މެންދުރު ފަހު 2:00ގެ ކުރިން އިސްލާމިކް މިނިސްޓްރީއަށް ހުށައަޅަން ޖެހޭނެ ކަމަށްވެސް އެއިލުނާނުގައިވެއެވެ.

އަދި މާލެ ސިޓީ ފިޔަވައި އެހެން ސިޓީއެއްގެ މިސްކިތެއްގައި ތަރާވީހް ނަމާދު ކުރާ ނަމަ ފޯމް ހުށަހަޅަން ޖެހޭނީ އެ ރަށެއްގައި ހުންނަ އިސްލާމިކް މިނިސްޓްރީގެ ޔުނިޓަށް ކަމަށާއި ރަށު ކައުންސިލެއްގެ މިސްކިތެއްގައި ތަރާވީހު ނަމާދު ކުރާ ނަމަ ފޯމް ހުށަހަޅަން ޖެހޭނީ ރަށު ކައުންސިލުގެ އިދާރާއަށް ކަމަށްވެސް އެ އިއުލާނުގައިވެއެވެ.

އަދި ދިވެހި ހާފިޒުންނަށް އިމާމުވެ ހިފްޒުކޮށް ތަރާވީހް ނަމާދު ކުރާ ނަމަ ތަރާވީހް ނަމާދު ކުރާ ކޮންމެ ރެޔަކަށް 400 ރުފިޔާ ދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި އެ އެލެވެންސަށް އެދުމުގެ އެންމެ ފަހު ތާރީހަކީ ޖުލައި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު ފަހު 2:00ގެ ކުރިން ކަމަށްވެސް އިސްލާމިކް މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.