ރާއްޖެއިން ކޮވިޑް-19 އާއި ގުޅިގެން އިސްކުރީ މީހުންގެ ސިއްހަތު ކަމަށް ޗައިނާ ސަފީރު ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާއި ގުޅިގެން، ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދިން ތަކެތި ހަވާލުކުރުމަށް ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ޗައިނާ ސަފީރު ވިދާޅުވީ ރާއްޖެއިން ކޮވިޑް-19 އާއި ގުޅިގެން އެޅި ފިޔަވަޅުތައް ރަނގަޅުކަމަށެެވެ.

އަދި ކޮވިޑް-19 އާއި ގުޅިގެން، ރާއްޖެއަށް ޗައިނާއިން ފޯރުކޮށްދޭ އެހީތެރިކަމަކީ ޗައިނާ އިން ކޮވިޑް-19 ފެނުނު އިރު، ރާއްޖެއިން ޗައިނާ އާއި މެދު ބެހެއްޓި ގާތްކަމާއި، ލިބުނު އެއްބާރުލުމާއި، ޒަމާންވީ ގާތް ގުޅުމުގެ ނަތީޖާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

" ރާއްޖެއަށް އެއްޗެހި ގެނައުމުގަ ދަތިކަމެއް އެބަ ހުރި ފްލައިޓްތައް ނެތީމަވެސް މިވަގުތު. އެހެންނަވެސް އިތުރު ތަކެތި ގެނައުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ." އޭނާ ވިދާޅުވިއެވެ.

އަދި ބައެއް ކަހަލަ ތަކެތި ރާއްޖެ ގެނައުމަށް، ދަތިކަން ކުރިމަތިވެފައި ވަނީ އެތަކެތި ޗައިނާގެ މާކެޓްގައި ވެސް މިވަގުތު ލިބެން ނެތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ޗައިނާ އިން ރާއްޖެއަށް ހަދިޔާކުރި ތަކެތީގެ ތަފްސީލު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މީގެ އިތުރުން ރާއްޖެއަށް ހާލަތަށް ބެލުމަށް ފަހު ރާއްޖެއަށް ޗައިނާއިން ޑޮކްޓަރުން ފޯރުކޮށްދިނުމުގެ މަޝްވަރާވެސް ކުރަމުންދާނެ ކަމަށް ޗައިނާ ސަފީރު ވިދާޅުވިއެވެ.

ޗައިނާއިން ރާއްޖެ އަށް ފޯރުކޮށްދިން އެހީތެރިކަމަށްޓަކައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ޗައިނާގެ ރައީސް އަށާއި ޗައިނާގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެެ.

ކޯވިޑް-19 އާއި ގުޅިގެން ޗައިނާ އިން ރާއްޖެއަށް ހަދިޔާކުރި ތަކެތީގެ ތަފްސީލު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އަދި ކޮވިޑް-19 އާއި ގުޅިގެން އެއްވެސް ޤައުމަކަށް އެކަނި މަސައްކަތްކޮށްގެން، ކާމިޔާބު ނުވާނެ ކަމަށާ، ގައުމުތަކުން މި ބަލިން އަރައިގަތުމަށް މަސައްކަތް ކުރަން ޖެހޭނީ އެކުގައި ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

"އެއްވެސް ޤައުމަކަށް އެކަނި މި ކަމުން އަރައި ނުގަނެވޭނެ. ޗައިނާ އާއި ރާއްޖެއިން އޮންނާނީ މިދަނޑިވަޅުގައި އެކުގައި." ޝާހިދު ވިދާޅުވިއެވެ.

ކޮވިޑް-19 ޗައިނާއިން ފެނުމުން އެ ޤައުމުން އެޅި ފިޔަވަޅުތައް ހަރުދަނާވެފައި އަވަސްކަމަށް ފާހަގަކުރައްވާ މިނިސްޓަރ ޝާހިދު ވަނީ އެކަމަށް ތައުރީފްކުރައްވާފައެވެ.

ޗައިނާއިން މިއަދު ރާއްޖެއަށް ފޯރުކޮށްދިނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ އަށް އެ ގައުމުން ފޯރުކޮށްދޭން ނިންމާފައިވާ ތަކެތީގެ ތެރެއިން ފުރަތަމަ ޝިޕްމެންޓެވެ.

އެތަކެތީގެ ތެރޭގައި ހިމެނެނީ 843.7 ކިލޯގެ ސިއްހީ ވަސީލަތްތަކެވެ. އޭގެ ތެރޭގައި 10،080 މެޑިކަލް ޕްރޮޓެކްޓިވް މާސްކާއި، 30،000 ސަރޖިކަލް މާސްކް، 10،000 އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ސްޓެރިލް ރަބަރ އަންގި، 500 ސްޓެތޮސްކޯޕް، 200 ޕްރޮޓެކްޓިވް ގޮގްލްސް އަދި 500 ޕްރޮޓެކްޓިވް ކްލޯތިންއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ހުސޭނުބޭ

  އެހެނަސް ކައިރީގައި ތިހުރި ބޭފުޅާއަށް ކާޕެޓެއް ނުދައްކަވާތި!

  13
 2. ކކކކ

  ހައްދާލާ ހައްދާލާ. ވަރަށް އުފާވާނެ. ގެރިމޯޑީ ފައްސާލައްޗޭ.

  15
 3. މޮނާކޯ

  ޗައިނާ ވަރެއްނެތް

  18