ކޮންމެ ވަގުތެއެްގައިވެސް އިންތިހާބެއް ބާއްވަން ޖެހުނަސް ތައްޔާރަށް އޮތް ކަމަށް އިލެކްޝަން ކޮމިޝަން އިން ވިދާޅުވެއްޖެއެވެ.

" ވަގުތަށް" ދެއްވި އިންޓަވިޔުއެއްގައި އިލެކްޝަން ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރާނީ ގާނޫނާއި ގަވައިދުގެ ތެރެއިން ކަމަށާއި އަދި ސްޕްރީމް ކޯޓުގެ ކޮންމެ ހުކުމަކަށް އިލެކްޝަން ކޮމިޝަން އިން ފުރިހަމައަށް ބޯލަބާ ކިޔަމަންވާނެ ކަމުގައެވެ. އަދި ކޮންމެ އިރެއްގައި އިންތިހާބެއް ބާއްވަން ޖެހުނަސް އެކަމަށް ތައްޔާރަށް އޮތް ކަމުގައެވެ.

" އިލެކްޝަން ކޮމިޝަން މިއޮތީ އިންތިހާބެއް ބާއްވަން ޖެހިއްޖެ ކޮންމެ ހިނދެއްގައި އެކަމަށް ފުރިހަމައަށް ތައްޔާރުވެ. އަދި އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރާނީ ގާނޫނާއި ގަވައިދުތަށް ބުނާ ގޮތަށް" އަކްރަމް ވިދާޅުވިއެވެ.

އިންތިހާބެއް ބާއްވަން ޖެހިއްޖެ ކޮންމެ ހިނދެއްގައި އިންތިހާބު ބާއްވަން ތައްޔާރަށް އޮތް ކަމަށް އިލެކްޝަން ކޮމިޝަން އިން ބުނެފައިވާއިރު އެންޓި ޑިފެކްޝަން ބިލަކީ ސައްހަ ބިލެއް ކަމަށާއި އެ ބިލްގެ ދަށުން 12 މެންބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅައިފައިވާ މިދަނޑިވަޅުގައި ގެއްްލުނު ގޮނޑިތަކަށް މެންބަރުން އިންތިހާބު ކުރުމަށް ބައި އިލެކްޝަން އެއް ބާއްވަން ޖެހޭނެއެވެ.

ނަމަވެސް ބައި އިލެކްޝަން ބާއްވާނެ ވަކި ތާރީހެއް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައެެއް ނުވެއެވެ.

އިލެކްޝަން ކޮމިޝަން އިން މީގެ ކުރިން ބުނެފައިވަނީ އެ ކޮމިޝަން އަކީ ވަރަށް މިނިވަންކަމާއި އެކު މަސައްކަތް ކުރާ ކޮމިޝަނެއް ކަމަށާއި އިންތިހާބުގެ ހުރިހާ ކަމެއް ދާނީ ވަަރަށް ފުރިހަމައަށް ދެފުއް ފެންނަ ގޮތަށް ކަމަށެވެ. އަދި އިންތިހާބުގެ ކުރިން ސިޔާސީ ޕާޓީތަކާއި މަޝްވަރާ ކޮށްފައިވާ ކަމަށާއި އަދިވެސް މަޝްވަރާތަށް ކުރިއަށް ގެންދާނެ ކަމަށް އިލެކްޝަން ކޮމިޝަން އިން ބުނެފައިވެއެވެ،