ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރަނގަޅު ފެންވަރެއްގެ ފުޓްބޯޅަ ދަނޑުތައް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓުގެ ތެރެއިން ނ. ހޮޅުދޫގައި ތަރައްގީކުރި ހިތްގައިމު ޓާފް ދަނޑުގެ މަސައްކަތް ނިންމާލައި އެ ރަށުގެ ރައްޔިތުންނަށް ވަނީ ދޫކޮށްލައިފައެވެ.

ފަސް އަހަރު ތެރޭގައި ސަތޭކަ ޓާފް ދަނޑު އެޅުމުގެ ބޮޑު ބިޔަ ޕްރޮޖެކްޓުގެ ދަށުން، ފުރަތަމަ ދަނޑު ހޮޅުދޫގައި ތަރައްގީކޮށްފައިވާއިރު މިއީ ހޮޅުދޫގެ އިތުރުން މުޅި ނ. އަތޮޅުގެ ފުޓްބޯޅަ އަށް ލިބިގެންދިޔަ ބޮޑު ހަދިޔާ އެކެވެ. ހޮޅުދޫގެ ދަނޑުގެ ހިތްގައިމު ފޮޓޯތަކެއް މީސް މީޑިއާއަށް ދޫކޮށްލައްވަމުން ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވެސް ވިދާޅުވީ ހަމަ އެހެންނެވެ.

މަހްލޫފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ސޯލިހް، އަތޮޅު ތެރޭގައި ފުޓްބޯޅަ ދަނޑުތައް ތަރައްގީ ކުރެއްވުމަށް ވެވަޑައިގެންނެވި ވައުދުފުޅުގެ ދަށުން ހޮޅުދޫގައި ތަރައްގީ ކުރެވިގެންމިދިޔަ ދަނޑަކީ އެ ރަށުގެ ދެޖިންސުގެ ކުދިބޮޑު އެންމެންނަށް ލިބޭ ބޮޑު ހަދިޔާއެއް ކަމަށާއި މި ދަނޑާއެކު މޮޅެތި ކުޅުންތެރިންތަކެއް ހޮޅުދޫ އިން އުފެދޭނެ ކަމަށް އުއްމީދުކުރަައްވާ ކަމަށެވެ.

މިނިސްޓަރު މަހްލޫފްގެ އުއްމީދުތައް ހަގީގަތަކަށް ހެދުމަށް މުޅި ހޮޅުދޫ އޮތީ ތައްޔާރަށެވެ. އެ ރަށަކީ ފުޓްބޯޅައިގައި އާދައިގެ ރަށެއް ނޫނެވެ. އެކަން އެ ރަށުގެ ފުޓްބޯޅަ ޓީމުން އަންނަނީ ސާބިތުކޮށްދެމުންނެވެ. 1980 ގެ ފަހުކޮޅާއި ނުވަދިހައިގެ ކުރީކޮޅު ނ. އަތޮޅު ނިސްބަތްވާ ޒޯނުގައި ރަސްކަން ކުރުމަށްފަހު ހޮޅުދޫ ދެން އެންމެ ބޮޑަށް ވިދާލީ 2014 އިން 2018 ވަނަ އަހަރާއި ހަމައަށް އެ އަތޮޅުގައި ބޭއްވި އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގައެވެ.

އެ މުބާރާތް ބޭއްވި ފަސް އަހަރު ވެސް ސެމީ ފައިނަލާ ހަމައަށް ހޮޅުދޫ ދަތުރުކުރި އިރު 2015 އަދި 2016 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޮޅުދޫ ފުޓްބޯޅަ ޓީމުން ހޯދިއެވެ. އެހެންކަމުން ޓާފް ދަނޑާއެކު އެ ކާމިޔާބީތައް ތަކުރާރުކޮށް އިހުނަށްވުރެ ބޮޑަށް ފުޓްބޯޅައިގެ ތެރެއަށް ފީނައިގަނެ އަތޮޅު ފުޓްބޯޅަ ފަހަނައަޅައި ޖަޒީރާ ޗެމްޕިއަންޝިޕްގެ ޒަރީއްޔާއިން ފުރަތަމަ ޑިވިޝަނަށް ކޮންމެވެސް ދުވަހަކުން ހޮޅުދޫ ފުޓްބޯޅަ ޓީމް ގެންދިއުމަކީ އެ ރަށުގެ ކޮންމެ ރައްޔިތަކުވެސް މިހާރު ދެކެމުން އަންނަ ހުވަފެނަކަށް ވާނެކަން ޔަގީނެވެ.

އާބާދީގައި ގާތްގަނޑަކަށް 2200 މީހުން ދިރިއުޅޭ ހޮޅުދޫ އަކީ ކުޅިވަރުގައި އެ އަތޮޅުގެ އެއް ވަނަ ރަށައްވީ އިރު އަލަށް ތަރައްގީ ކުރެވިގެންމިދިޔަ ޓާފް ދަނޑާއެކު ހޮޅުދޫ އިން ޒުވާން ފުޓްބޯޅަ ތަރިން އުފެދިގެންދާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މި ޓާފް ދަނޑަކީ ފުޓްބޯޅަ ކުރިއަރުވަން އެ ރަށުގައި ކުރަމުން އަންނަ މަސަތްކަތަށް ހުޅުވުނު އިތުރު ދޮރެކެވެ. މިއާއެކު ރާއްޖޭގައި ބޭއްވޭ ބޮޑެތި މުބާރާތްތަކުގައި ރަނގަޅު ވާދައެއް ކުރުމުގެ ފުރުސަތު އެ ރަށުގެ ފުޓްބޯޅަ ޓީމެއް ލިބިގެންދިއުމުގެ އިތުރުން ކުރިއަށްއޮތް ތާގައި ބޮޑެތި މުބާރާތްތައް ހޮސްޓް ކުރުމުގައިވެސް ހޮޅުދޫ އަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އަނެއްކޮޅުން ރާއްޖޭގެ ފުޓްބޯޅަ ޓީމުތަކުން އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ހަމައެކަނި މާލޭގައި ކޭމްޕް ކުރުމުގެ ބަދަލުގައި އަތޮޅު ތެރޭގައި ކޭމްޕް ކުރުމަށް އެފްއޭއެމް އިން އަންނަނީ ފަހަކަށް އައިސް ވަރަށް ބޮޑަށް ބާރު އަޅަމުންނެވެ. ހޮޅުދޫގައި ގާއިމްކުރެވިގެންމިދިޔަ ޓާފް ދަނޑާއެކު އެ ރަށް ވެގެންދާނީ ފުރަތަމަ ޑިވިޝަން ކްލަބުތަކުގެ ޕްރީ ސީޒަން ކޭމްޕްތަކަށް ފުރިހަމަ މަންޒިލެއްގެ ގޮތުގައެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އަމަލީ މަސަތްކަތް ފެށި ހޮޅުދޫ ޓާފް ދަނޑުގައި މިހާރު ކުރަމުންދަނީ އެއްކޮށް ނިންމާލުމުގެ ކުދިކުދި މަސައްކަތްތަކެވެ. ރަސްމީކޮށް ދަނޑު އަދި ރަށުގެ ރައްޔިތުންނަށް ހުޅުވާފައިނުވި ނަމަވެސް އެކަމަށް ދެން މާގިނަ ދުވަހެއް ނެތެވެ. ޓާފް ދަނޑަކަށް އެތައް އަހަރެއް ވަންދެން ފުޓްބޯޅަ އަށް މަރުދޭ ހޮޅުދޫގެ ޒުވާނުން ކުރަމުން އައި އުއްމީދުތައް މިއަދު ހަގީގަތަކަށް ވެގެންގޮސްފައިވާއިރު އެރަށުގެ ދެކުނުކޮޅުން މިހާރު ފެންނަން އޮތް ޓާފަކީ ކުރިއަށްއޮތް ތާގައި ހޮޅުދޫގެ ފުޓްބޯޅަ އާ އުސްމިންތަކަކަށް ގެނުވާނެ ދަނޑެއް ކަމަށް އެ ރަށުގެ ޒުވާނުން ގަބޫލުކުރެއެވެ.

ކޮންމެއަކަސް ހޮޅުދޫ ޒުވާނުން ދެކެމުން އައި ޓާފް ދަނޑުގެ ހުވަފެނުގައި ކުލަ ޖެހިފައިވާއިރު އަތޮޅު ތެރޭގެ ފުޓްބޯޅަ މިހާރަށްވުރެ ފޯރިގަދަކުރުމުގެ ގޮތުން ސަރުކާރުން އަންނަނީ ފުޓްބޯޅަ ދަނޑުތަކުގެ ޕްރޮޖެކްޓަށް ހާއްސަ ސަމާލުކަމެއް ދެމުންނެވެ. މިހާރުވެސް ރާއްޖޭގެ 40 ރަށެއްގައި ފުޓްބޯޅަ ދަނޑުތައް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު ދެން އަވަހަށް ހުޅުވޭނެ ކަމަށް މިނިސްޓަރު މަހްލޫފް ވިދާޅުވީ ފ. ނިލަންދޫ ފުޓްބޯޅަ ދަނޑެވެ.

މިދިޔަ ދެ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި ފ. ނިލަންދޫގައި ތަރައްގީ ކުރަމުން އަންނަ ދަނޑުގައި ޓާފް އެޅުމާ ގާތްވެފައިވާއިރު ސަރުކާރުގެ އަމާޒަކީ އަންނަ މަހު އެރަށުގެ ދަނޑުގެ މަސައްކަތް މުޅިން ނިންމާލުމެވެ. ނިލަންދޫ ދަނޑުގެ އިތުރުން މިވަގުތު ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި އިތުރު 15 ދަނޑެއްގެ މަސައްކަތް ނިންމާލުން ކަމަށް ކުޅިވަރާ ބެހޭ މިނިސްޓްރީން މައުލޫމާތުދެ އެވެ.

ޓާފް ދަނޑުތަކުގެ އިތުރުން އެފްއޭއެމް އިން ވަނީ ދާދި ފަހުން ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ސްކައިވިންޑް ގްލޯބަލްއާ އެކު މި މަހުގެ ކުރީކޮޅުގައި 20 ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެފްއޭއެމުން ބުނީ މި 20 ދަނޑުގެ ތެރެއިން ތިން ދަނޑު އަޅާނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ކަމަށާއި ބާކީ 17 ދަނޑުގެ ގޮތެއް ނިންމާނީ ކުޅިވަރާ ބެހޭ މިނިސްޓްރީއާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ވީޕީއެން

    ވަޑިފަތި ނުވާހެން ދަނޑު ކުރެހީމަ ވަރަށް ދެރަ

    5
    1
  2. ޕާޓޭ ގެ ޑެޑީ

    PPM PNC ގަ އުޅޭނެހަޖަމްނުވާކުދިން ނިކަން ބުނެބަލަ ޝުކުރިއްޔާ ޔާމީނުއޭ....

    5
    16
  3. ޝާހް ރ.ވާދޫ

    އިޝްތިހާރެއް ޖަހާލައިފި. ތި ހިތްހެޔޮ ސަރުކާރުން ރައްރަށުގެ ގިރާސަރަހައްދުތައް ހިމާޔަތްކުރަންނޫޅެ ދޫކޮށްލާފަ އެއޮތިއްޔޯ؟ މިމީހުންގެ ފެންވަރެއްނޫން މާސިންގާ ޕްރަޖެކްޓް ހިންގުމަކީ! މިކަހަލަ ސިމްޕަލް ކަމަކުން ދަޅަދައްކައިގެން ބޮޑެތިކަންކަން ކުރާކަމަށް ވެގަނެގެން މީޑިޔާގަ އިޝްތިހާރުވެގެން ތިބުން ނޫނަކަމެއް ކުރެވޭ ސަރުކާރެއްނޫންކަން ރައްޔިތުން މިޔަދު ޔަގީންކުރޭ!

    11
    1
  4. މަ

    އާކުކުޅަކަށް ގާ ބިހެއް އެޅިއްޖެ
    ކޮންމެ ސަރުކާރެއް އޮތަސް ކުރަން ޖެހޭ ކަންކަން ތިއީ
    ޙަޖަމު ނުވެގެން މީގެ ކުރިން އުޅުނީ ކޮންބައެއްތޯ... ބުރިޖް ނޭޅޭނެ އޭ ގޮވީ

    12
    1
  5. ޙަސަނާ

    ފުރަތަމަ 5 އަހަރު 100 ދަޑު ޢަޅާށޯ ވައުދުވީ 16 މަސް ސަރުކާރައްވީ އަދީ މިޢެޅުނީ އެންމެ ދަޑެއް ދަންނަވަންތޯ މިސަރުކާރަކީ ސޯސަލްމީޑިއާގަ ތަރައްގީ ކުރާސަރުކާރެއް ވާނީވެސް އެހެންތާ 7 އަހަރުވަންދެން މަގުމަތީ ތިމަންނައިޅުނީ ބުނާކޮންމެ ބޮލަކައް ވަޒީފާއެއްދީފަ މަސައްކަތަކީ ޓުވީޓުކުރުމޭ ބުނީމަ މުޅިން އެކަމުގަ މުސާރަނަގައިގެން މިއުޅެނީ ދައުލަތައްލިބޭ ލާރިކޮޅު އެކުޓިވިސްޓުންނައްބަހާ ސަރުކާރެއްމިއޮތީ ރައްޔިތުން ހޭއަރާބަލަ ކޮންމެސް ލޮކަލްކައުންސިލްގަ ވޯޓުނުދޭތި މިބައިގަޑައް

  6. Mh

    You people come fast A.A Thoddoo

  7. ޖުމުހޫރީ މައިދާނުން

    މިދަނޑު އެޅުން އެންމެ ރަނގަޅީ މިލަދޫގައި. ނ. ޢަތޮޅުގެ ފުޓްބޯޅައިގާ އެންމެކުރީގައި އޮތީ މިލަދޫ. ވޯޓެއް ނުލިބޭނެ. މިނިސްޓަރު ފެއިލްވީ.

  8. ކާނިވާއިން

    މިދަނޑު އެޅުން އެންމެ ރަނގަޅީ މިލަދޫގައި. ނ. ޢަތޮޅުގެ ފުޓްބޯޅައިގާ އެންމެކުރީގައި އޮތީ މިލަދޫ. ވޯޓެއް ނުލިބޭނެ. މިނިސްޓަރު ފެއިލްވީ.

  9. ބުއްޅަ ބެ

    ރައީސް ޔާމީން ފެއްޓެވި މަސައްކަތް ނިންމަވާ ދެއްވީތީ ޝުކުރިއްޔާ.