ރާއްޖެއިން ކޮވިޑް-19 ޖެހުނު އިތުރު ދެ މީހަކު ރަނގަޅުވެއްޖެއެވެ.

ރާއްޖެ އިން މިހާތަނަށް 16 މީހަކު މި ބައްޔަށް ފައްސިވެފައިވާ އިރު، މިއަދު ރަނގަޅުވި ދެ މީހުންނާ އެކު، މި ބަލިން މިހާތަނަށް 11 މީހަކު ސަލާމަތް ކުރެވިފައިވެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު މުއާޒް މޫސާ ވިދާޅުވީ މި ބައްޔަށް ރާއްޖޭގައި މިހާރު ފަރުވާދެނީ ތިން މީހަކަށް ކަމަށެވެ. އަދި އަނެއް ދެ މީހުން މިހާރު ތިބީ ރަޝިޔާގައި ކަރަންޓީންކޮށްފައެވެ. ދެ މީހުންގެ ނަތީޖާ އިއްޔެ ލިބުނު އިރު، އެމީހުން ވަނީ އިޓަލީ އަށް ދަތުރު ފަށައިފިައެވެ.

"ކޮވިޑަށް ޓެސްޓު ކުރެވިގެން ޕޮސިޓިވް ވެފަ ތިބި ބަލިމީހުންގެ ތެރެއިން އިރާދަކުރެއްވީތީ މިއަދު އަޅުގަނޑުމެންނަށް ދެ ބަލިމީހަކު ރަނގަޅު ކުރެވިއްޖެ. އެހެންވީމަ ޖުމްލަ މިހާތަނަށް 11 މީހަކު މި ބަލިން މި ވަނީ ރަނގޅު ކުރެވިފަ." މުއާޒް ވިދާޅުވިއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ފައްސިވީ މީހުންގެ އަދަދު ހަ ލައްކައަށް އަރާފައިވާ އިރު، މި ބަލިން ރައްކާތެރި ވުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް ރާއްޖެއިންވެސް އަންނަނީ އަޅަމުންނެވެ. އެގޮތުން، ޖަމާއަތުގައި ނަމާދުކުރުން ވެސް މިވަނީ އަންނަ ހޮނިހިރު ދުވަހާ ހަމައަށް މަނާކޮށްފައެވެ.

މީގެ އިތުރުން ރަށަކަށް އަރާ ފޭބުން ސަރުކާރުން މަނާކޮށްފި ނަމަ، އެ ރަށެއްގައި ވެސް އެ ހާލަތު ދެމިއޮތްހާ ހިނދަކު، ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާއަތް މިސްކިތްތަކުގައި ނުހެދުމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.

މީގެ އިތުރުން، ސަރުކާރުގެ އޮފީސްތަކާއި، ކެފޭ ރެސްޓޯރެންޓް ތައްވެސް ވަނީ ބަންދުކޮށްފައެވެ. އަދި އިއްޔެ އިން ފެށިގެން އޮން އެރައިވަލް ވިސާ ދިނުންވެސް ވަނީ ހުއްޓާލާފައެވެ.

ކޮންޓްރޯލްވުމެއް ނެތި ދުނިޔޭގެ އެކި ކަންކޮޅުތަކަށް މިހާރު ފެތުރިފައިވާ މި ވައިރަސް، ދުނިޔޭގެ 199 ގައުމަކުން މިހާތަނަށް ފެނިފައިވާ އިރު، އެ ގައުމުތަކުން 600،876 މީހަކަށް މިހާތަނަށް މި ވައިރަސް ޖެހިފައިވާ ކަމަށް ކޮވިޑް-19 ގެ މައުލޫމާތުތައް ހާމަކުރާ ބައިނަލްއަގްވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ.

ބައިމިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 ގެ ޝިކާރައަކަށް ވެގެން ގޮސްފައިވާ އިރު މިހާތަނަށް މި ބަލީގައި 27،417 މީހަކު ވަނީ މަރުވެފައެވެ. އަދި މިހާތަނަށް މި ބަލިން ސަލާމަތްވެފައި ވަނީ 133،426 މީހެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޙަސަން

  ނެތް ޔަގީން ކަމެއް މިހާރަކު

  10
  2
 2. ޢަހުމަދު

  ފު ރައިގެން ދިޔަ ދެމީހުން ރާއްޖޭގެ އޮފިޝަލް ނަންބަ ރަށް ލާފަ އެހު ރީ ކީއްވެ. އެމީހުންނަށް ފަ ރުވާދިނުމުގެ ޒިންމާނަގަނީ ރާއްޖެއިންތަ؟

  17
  1
 3. ރޮޒައިނާ

  މެލޭޝިޔާގަ ތާށިވެފައި.. ނުވެސް އާދެވޭ ފްލައިޓެއްނެތް..

  އަތުގައި ލާރި ހުސްވަނީ.. އެމްބަސީން ބުނީ އަދި ވަކި ގޮތެއް ނުނިންމަޔޭ..

  ދެން ހަމަ އެކަނި އާއިލީ މީހުންގެ ހާލު ބެލިޔަސް ނުފުދޭ.. ދޯ..

  ޔޫކޭ އެމްބަސީން ދަރިޔަށް ވަޒީފާދީގެން ސަރުކާރުގެ ޚަރަދުގައި އުޅޭހެން ނުވާނެ ދޯ އާދައި ގެ މީހުންނަށް..

  މިތާގަ ބައިވަރު ދިވެހީން ނާދެވިފަ އެބަތިބި.. ވާނުވާ ނޭގޭ.. ވަރަށް ބާރަށް އެބަ ފެތުރޭ.. ނަސީބަކުން މިސަރަހައްދުގައި އަދިނެތް..

  • ކެތްތެރިވޭ

   ގިޔާމަތްދުވަހުގެ ބޮޑުއަލާމާތްތައް ފާޅުވާއިރު މިއަށްވުރެ ދަތިވާނެ. ކޮންމެ ކަހަލަ ހާލަތެއް މެދުވެރިވިޔަސް އޮތް އެންމެ ރަނގަޅު ގޮތަކީ ދުޢާކުރުން ގިނަކުރުން. ޤްރުއާންވެސް ކިޔުން ގިނަކުރަންވީ. ރޯދި ދެއްވަނީ މާތްﷲ. ރާއްޖެ އަޔަސް ނޭނގޭ އަދި ރާއްޖޭގެ ހާލަތުވެސް މެލޭޝިޔާއަށްވުރެ ގޯސްވެގެން ހިނގައިދާނެކަމެއްވެސް. ނޫނީ މާދަމާވެސް މެލޭޝިޔާގެ ހާލަތު ރަނގަޅުވާނެކަމެއްވެސް. ހާސްނުވޭ. މާތްﷲ އަށް އިތުބާރުކުރޭ. ކެތްތެރިވޭ. މަވެސް މިހުރީ ރާއްޖެއިން ބޭރުގައި. ސަރަހައްދުއޮތީ ލޮކްޑައުން ކޮށްފައި. ފިހާރައިން އެއްޗެހި ގަނެވެނީކީ ނޫން. އެކަމަކު އަދި ހާލަތު އޯކޭ އިންޝާﷲ.

 4. ސުރުޚީ

  ސުރުޚީ ޖައްސަވާއިރު ރަނގަޅަށް ވިސްނަވާ! ރާއްޖެއިން ކޮވިޑް ޖެހުނު ބައެއްތޯ؟ ނުވަތަ ރާއްޖެއަށް އައިއިރުވެސް ކޮވިޑް ޖެހިފައި ތިބި ބައެއްތޯ؟ ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބި ބަޔަކު ރަނގަޅުވީތޯ! ނުވަތަ ކޮވިޑް ޖެހިފައި ތިބި ބަޔަކު ރާއްޖެއިން ރަނގަޅުވީތޯ! ނުވަތަ ކޮވިޑް ރާއްޖޭގައި ފެތުރިގެން އެކަކު ގައިން އަނެކަކުގެ ގަޔަށް އަރަން ފެށީތޯ؟