ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ދަރިވަރުންނަށް އަމާޒުކޮށްގެން ރާވާފައިވާ ޓެލެކިލާސްތައް ވަގުތީ ގޮތުން މެދު ކަނޑާލުމަށްފަހު އެ ކްލާސްތައް އަލުން ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ މާދަމާ އަލުން އެ ކްލާސްތައް ފެށުމަށް ނިންމާފައިވާ ކަމަށެވެ. އެ ކްލާސްތައް މާދަމާ ފަށަނީ ގްރޭޑު 10އެއްގެ ދަރިވަރުންނަށެވެ. އެގޮތުން މާދަމާ ހެނދުނު 8:00އިން 10:00އާ ހަމައަށް އެ ކްލާސްތައް ނަގައި ދިނުމަށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ. މާދަމާ ޖުމްލަ ހަތަރު މާއްދާއެއް ނަގައި ދިނުމަށް ވަނީ ނިންމާފައެވެ. އެއީ ދިވެއްސާއި ފިޒިކްސްއާ ކެމިސްޓްރީ އަދި އެކައުންޓިންއެވެ. މީގެއިތުރުން މާދަމާ މެންދުރު ފިޒިކްސްގެ ސަބްޖެކްޓު ފޯރަމެއް ކުރިޔަށް ގެންދިއުމަށް ވެސް ވަނީ ނިންމާފައެވެ. ޓެލެކިލާސް ޕްރޮގްރާމުތައް ގެންނަނީ ޔެސްޓީވީ މެދުވެރިކޮށެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ދަރިވަރުންނަށް އަމާޒުކޮށްގެން ރާވާފައިވާ ޓެލެކިލާސްތައް ވަގުތީ ގޮތުން މެދު ކަނޑާލުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމީ މި މަހުގެ 18ވަނަ ދުވަހުއެވެ. އެގޮތަށް އެ މިނިސްޓްރީން ނިންމީ މި މަހުގެ 19އިން 26އަށް ސަރުކާރުން ބަންދު ކުރުމަށް ކުރިން ނިންމުމާއި ގުޅިގެންނެވެ. ނަމަވެސް ސަރުކާރުން ވަނީ އެ މުއްދަތު އިތުރު އެއް ހަފްތާއަށް އިތުރުކޮށްފައެވެ.

އެ ދުވަހު ނެރުނު ނޫސްބަޔާނުގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދަރިވަރުންނަށް ގޭގައި ކުރެވިދާނެ ކަންކަން ބަޔާން ކޮށްދީފައެވެ. މި ދަނޑިވަޅުގައި ބެލެނިވެރިން ދަރިވަރުން ދީނީ ކަންކަމަށް އަހުލުވެރިކުރުވާ، ގޭބިސީއަށް އެއްކޮށް ކުރެވޭ ކަންތައްތައް ރާވާ އާއިލީ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރުމާއި ދަރިވަރުންގެ ސްކުރީންޓައިމް މަދުކޮށް، ހެލިފެލިވެ އުޅެވޭނެ ހަރަކާތްތަކާއި ފިކުރީ ހިޔާލު ތަނަވަސް ކުރެވޭނެ ފަދަ ހަރަކާތްތަކުގައި އެކުދިން މަސްއޫލު ކުރުމަށް އޭޑިއުކޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

އޭގެއިތުރުން، ގޭތެރޭގަިއ ކުރާ މަސައްކަތުގައި ދަރިވަރުން ބައިވެރި ކުރުމާއި ފޮތްކިޔުމާއި ލިޔުންތެރިކަމުގެ ހުނަރު ކުރިއެރުވުމަގެ ހަރަކާތްތަކުގައި ދަރިވަރުން މަސްއޫލު ކުރުމާއި ކުދިންގެ ނަފްސާނީ އަދި ޖަޒްބާތީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަށާއި ކޮވިޑް-19 އާއި ގުޅޭ މައުލޫމާތު ދަރިވަރުންގެ އުމުރާއި ގުޅޭގޮތަށް އެކުދިންނާ ހިއްސާކުރުމާއި އެކަކު އަނެކަކަށް އަޅާލާ އޯގާތެރިވުމަށް ވެސް އެޑިއުކޭޝަނުން ލަފާ ދެއްވައެވެ. މީގެއިތުރުން ދަރިވަރުންގެ އަމިއްލަ ކަންކަމުގައި އެކުދިން ޒިންމާކުރުވާ ދަރިވަރުންނަށް އިސްތިސާދުކުރަން ދަސްކޮށްދިނުމަށްވެސް އެޑިއުކޭޝަން މިނިސްޓްރީއިން ވެސް ލަފާ ދެއްވައެވެ.

ޓެލިކިލާސްތައް އަލުން ފެށުމަށް ނިންމާފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކޮވިޑް 19 އިން ރައްކާތެރިވެ ތިބުމަށް ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކާ ގުޅިގެން ސްކޫލުތައް ދިގުމުއްދަތަކަށް ބަންދު ކުރަންޖެހުމުގެ ސަބަބުން މިއަހަރުގެ މޭ ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އިންޓަރނޭޝަނަލް އޭއެސް ލެވެލް އިމްތިހާނު މިއަހަރު އޮކްޓޯބަރު/ނޮވެންބަރުގައި ބޭއްވުމަށް ހަމަޖައްސާފައެވެ.