އިސްލާމް މިނިސްޓްރީގެ ދައުވަތަކަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޔޫސުފް އެސްޓަސް ރާއްޖެ ވަޑައިގެންފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވި ގޮތުގައި ޔޫސުފް އެސްޓަސްގެ މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި އިސްލާމްދީނާއި ބެހޭ ސައްހަ މައުލޫމާތު ދިނުން ކަމަށެވެ.

ޔޫސުފް އެސްޓަސްގެ މި ދަތުރުފުޅުގައި ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީސް އަށް ޒިޔާރަތް ކުރައްވާ އެ ފެކަލްޓީގެ ޑީން އައްޝައިހް އަލީ ޒާހިރު ބިން ސައީދު ގާސިމް އާއި މިއަދު ބައްދަލުކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މީގެއިތުރުން މާދަމާ ރޭ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީސްގެ ދަރިވަރުންނަށް "މިސްކޮންސެޕްޝަން" މި މައުޟޫއަށް ޔޫސުފް އެސްޓަސް ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީ އިން ވިދާޅުވިއެވެ.

ޔޫސުފް އެސްޓަސްގެ މި ދަތުރުފުޅުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް ޒިޔާރަތް ކުރެއްވުމާއި ރާއްޖޭގެ އިލްމުވެރިންނާއި މިސްކިތްތަކުގެ އިމާމުން އަދި ހަތީބުންނަށް ވޯކްޝޮޕެއް ކުރިއަށް ގެންދިޔުމާއި ހުކުރު ދުވަހުގެރޭ "ހުކުރު އުފާ" ފެސްޓިވަލްގައި ހާއްސަ ދަރުހެއް ދެއްވުމާއި އިސްލާމިކް މިނިސްޓްރީ އާއި އެޗްޑީސީ ގުޅިގެން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދަރުހެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީ އިން ހާމަކުރެއެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޔޫސުފް އެސްޓަސް އެނބުރި ގައުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.