ރާއްޖޭގެ 3 ރިސޯޓަކުން ކޮވިޑް-19 އަށް ނެގި ސާމްޕަލްތައް ނައްސި (ނެގަޓިވް) ވެއްޖެއެވެ.

ސާމްޕަލްތައް ނަގާފައި ވަނީ ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް ރިސޯޓާއި ގްރޭންޑް ޕާކް ކޮށްދިއްޕަރާއި ޖޭއޭ މަނަފަރުންނެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ ޖުމްލަ 16 މީހަކު ފެނިފައި ވެއެވެ. މީގެ ތެރެއިން މިހާރު 11 މީހަކު ރަނގަޅު ވެފައިވާއިރު ފަރުވާދެމުން ދަނީ ތިން މީހަކަށެވެ. ބާކީ ތިބި ދެމީހުން މިހާރު ތިބީ ރަޝިޔާގެ ކަރަންޓީނު ފެސިލިޓީއެއްގަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ކަރަންޓީނު ފެސިލިޓީތަކުގައި ގިނަ ބަޔަކު އެބަތިއްބެވެ. އޭގެތެރޭގައި ރާއްޖެއިން ބޭރުން ދަތުރުކޮށްފައި އަންނަ މީހުން ހިމެނެއެވެ.

ކޮވިޑް-19 ގެ އަލާމާތްތަކެއް ހުރި ދިވެހިން ފެނިގެން އާކް ނޯބަލް ސަފާރީ އާއި ތާޖް އެގްޒޮޓިކާ ރިސޯޓު ވެސް ވަނީ މޮނީޓަރިން ހާލަތަށް ގެންގޮސްފައެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާނުކޮށްފައެވެ. އަދި ބަލި އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުންވެސް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

އެގޮތުން ސަރުކާރުގެ އޮފީސްތައް ބަންދުކޮށް، ކެފޭ ތަކާއި ސްކޫލްތަކުގެ އިތުރުން މީހުން އެއްވެ އުޅޭ ތަންތަން ވަނީ ބަންދު ކޮށްފައެވެ. މީގެ އިތުރުން އިއްޔެއިން ފަށައިގެން ވަނީ ރާއްޖޭގެ އޮން އެރައިވަލް ވިސާ ދިނުން މެދުކަނޑާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު