ދިވެހިންގެ ޒަރޫރީ އެއް ބޭނުމަކަށް މިއަދު ވެފައި އޮތީ އިންޓަނެޓެވެ. އެއީ ދިވެހިންގެ ދިރިއުޅުމާ ގުޅި ލާމެހިފައި އޮތް ވަސީލަތެކެވެ. އެކަމަކު، އިންޓަނެޓު ބޭނުން ކުރާ ގިނަ މީހުންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށްވެފައި އޮތީ އިންޓަނެޓުގެ އަގު ބޮޑުކަމުންނެވެ. އަގު ބޮޑު އިންޓަނެޓަށް ހެޔޮ ބަދަލެއް އަންނާނެ ކަމުގެ އުންމީދުގައި އެތައް ބަޔަކު އެބަތިއްބެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި އެއް ވައުދަކީ ވެސް އިންޓަނެޓުގެ އަގު ހެޔޮ ކުރުމެވެ.

އެކަމަކު، މި ސަރުކާރަށް ދޮޅު އަހަރެއްހާ ދުވަސް ވާން ކައިރިވެފައިވާ އިރު، އިންޓަނެޓުގެ އަގު ހެޔޮ ކުރެވިފައެއް އަދި ނުވެއެވެ. އަބަދުވެސް ދައްކާ ވާހަކައަކީ މަޝްވަރާ ކުރާ ވާހަކައެވެ. ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ މައިގަނޑު ތިން ކުންފުންޏަކީ ދިރާގާއި އުރީދޫ އާއި ރާއްޖެ އޮންލައިން (އާރުއޯއެލް)އެވެ.

ދުނިޔޭގައި 26 ގައުމެއްގެ އިންޓަނެޓުގެ ހިދުމަތުގެ އަގުތައް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީން ދިރާސާ ކުރިއިރު، ރާއްޖެ ހިމެނެނީ ހަތް ވަނަ އަށް އިންޓަނެޓުގެ އަގު ބޮޑު ގައުމުގެ ގޮތުގައެވެ. އިންޓަނެޓުގެ އަގު ހެޔޮ ކުރުމަށް މިއަދު ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ އެއް ބަޔަކީ ވެސް ޓެލެކޮމިއުނިކޭޝަން މިނިސްޓްރީއެވެ. މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ ކަމެއް ނިންމައި، އެ މިނިސްޓްރީގެ ހުރިހާ ލަފަޔަކާއި އިރުޝާދުތައް ރައީސް އޮފީހަށް ފޮނުވިތާ ކިތަންމެ ދުވަހެއްވެއްޖެ.

އެ ހުރިހާ ލަފަޔަކާއި އިރުޝާދުތައް ރައީސް އޮފީހަށް ފޮނުވީ ދިރާގާއި އުރީދޫ އާއި ރާއްޖެ އޮންލައިން ފަދަ ތަންތަނާ ވެސް މަޝްވަރާކޮށްފައެވެ.

އެކަމަކު، އިންޓަނެޓުގެ އަގު ހެޔޮ ކުރަން ސަރުކާރުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭންގައި ހިމަނާފައި އޮތީ 2021ގައެވެ.

ސަރުކާރުގެ ސްޓްރެޓިޖިކް ޕްލޭންގައި އެގޮތަށް އޮތުމުން، އިންޓަނެޓުގެ އަގު ހެޔޮކުރުމުގެ އަޑުތައް ވަރަށް ބޮޑަށް މަޑުވިއެވެ.

އެކަމަކު، ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖެ އިން ފެނިފައިވާތީ ދިވެހިންގެ ތެރޭގައި އަނެއްކާ ވެސް އިންޓަނެޓު އަގު ހެޔޮކުރުމުގެ އަޑުތައް ވަނީ ގަދަވެފައެވެ. އަދި އެކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އުފާވެރި ހަބަރުތަކެއް ދެއްވިއެވެ.

އިންޓަނޭޓްގެ އަގަށް ލުޔެއް ހޯދައިދޭނަން - ރައީސް

މިދިޔަ ބުދަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މި ދުވަސްވަރު އިންޓަނޭޓް ބޭނުން ކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި، އެކަމަށް ރަނގަޅަށް ލުޔެއް ހޯދައިދޭން ޖެހޭ ކަމަށެވެ. އެ ދުވަހު އެމަނިކުފާނު ވިދާޅުވީ ދެތިން ދުވަހުގެ ތެރޭގައި އެކަން އިއުލާން ކުރައްވާނެ ކަމަށެވެ. ރައީސް އެގޮތަށް ވިދާޅުވި ފަހުން، ހަތަރު ދުވަސްވީ އިރު، ވެސް އިންޓަނެޓު އަގުހެޔޮ ކުރުމާ ގުޅޭ ގޮތުން ސަރުކާރުން އެއްވެސް އެއްޗެއް ނުބުނެއެވެ.

އެކަމަކު، ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އިންޓަނެޓު އަގުހެޔޮ ކުރުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމާ ގުޅޭ ބައްދަލުވުންތަކެއް އިއްޔެ ވެސް ބޭއްވި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އަދި އެކަމާ ގުޅޭ ގޮތުން މިއަދު ޖަވާބެއް ލިބޭނެ ކަމަށް ބެލެވޭ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

"ދިރާގާއި އުރީދޫއާ އެކީގައި އެ މަސައްކަތް އެބަ ކުރެވޭ،" މަބްރޫކް ވިދާޅުވިއެވެ.

ގިނަ ބަޔަކު ކުރަމުން އަންނަ ސުވާލަކީ ނިމިފައި އޮތް ކަމަކަށް މަޝްވަރާ ކުރަން ޖެހޭބާއެވެ؟

ރައީސް އޮފީހަށް، ކޮމިއުނިކޭޝަން މިނިސްޓްރީން ފޮނުވާފައިވާ ރިޕޯޓުުގައިވާ ގޮތުން ދިރާގު، އުރީދޫ އަދި އާރްއޯއެލް އިން ވެސް ވަނީ އިންޓަނެޓްގެ އަގު މިހާރަށް ވުރެ 25 އިންސައްތަ ހެޔޮކުރަން އެއްބަސްވެފައެވެ. އިންޓަނެޓްގެ ޚިދުމަތްދޭ ފަރާތްތަކުން މިކަމަށް އެއްބަސްވެފައި ވަނީ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ކުރި މަޝްވަރާތަކުގައެވެ. އެ މަޝްވަރާތަކުގެ ނިންމުންތައް މިހާރު ހުރީ ރައީސް އޮފީހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރައްޔިތުމީހާ

    ގޭގެއަށްލާ އިންޓަރނެޓް މިނެކިރައިގެން ދޭ އުސޫލު ކަނޑުވާލަން އެބަޖެހޭ!

  2. ބްރޯ

    އަގު ހެޔޮކުރާނެ ކަމެއްނެތް . ބޭނުންކުރެވޭ ފެންވަރުގެ އާމްދަނީ ލިބެނަމަ ތިޔަ ނެޓް ބޭނުންކުރަންވާނީ ތިޔައީ ފަގީރުންގެ އެއްޗެއްނޫން.