ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް މިދިޔަ އަހަރުގެ ޑިސެމްބަރު 3 ވަނަ ދުވަހު ކ.މާފުއްޓަށް މުޒާހަރާ ކުރަން ދިޔަ ކަމަށާއި ނަމަވެސް މުޒާހަރާ އަށް ދިޔައީ ދަންނަ ބަޔަކާއި އެކު ނޫންކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

މަހުލޫފް މިހެން ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ނިރުބަވެރިކަމުގެ ދައުވާ އަށް މިއަދު ކްރިމިނަލް ކޯޓުގައި ޖަވާބުދާރީވަމުންނެވެ. މަހްލޫފްގެ މައްޗަށް އެދަކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ 3 ވަނަ ދުވަހު އާންމުންގެ ބަޔަކާއިއެކު މާފުށީ ޖަލު ކުރިމަތީ މުޒާހަރާ ކުރި މައްސަލާއާއި ގުޅިގެންނެވެ. މިއަދުގެ ބޭއްވި މި މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި މަހުލޫފްގެ ފަރާތުން 3 ވަކީލަކު ވަނީ ކޯޓަށް ވަޑައިގަންފައެވެ.

އިބްތިދާއީ އަޑުއެހުމުގައި ދައުވާ އިއްވަވަމުން ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް ވިދާޅުވީ މަހުލޫފުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ މިދިޔަ މަހުގެ 3 ވަނަ ދުވަހު އާންމުންގެ ބަޔަކާއިއެކު މާފުށީ ޖަލު ކުރިމަތީ މުޒާހަރާ ކުރި މައްސަލައިގައެވެ. އަދި އެއީ އާންމުންނަށް ނުރައްކާތެރި ހާލަތެއް ކުރިމަތިވެދާނެފަދަ އަމަލުތަކެއް ކަމަށް ދައުލަތުން ވިދާޅުވިއެވެ. ދައުލަތުން ވިދާޅުވީ މަހުލޫފް ޖަލުގެ ތެރެއަށް ވަދެފައިވާ ކަމަށެވެ.

ދައުވާ އިއްވެވުމުން ދިފާއީ ވަކީލުން ވަނީ ދައުވާއާ ގުޅޭ ގިނަ ލިޔެކިޔުންތަކެއް ނުލިބޭ ކަމަށް ބުނެފައި އެވެ. އަދި އެ ލިޔުންތައް ހާމަ ކޮށްދިނުމަށް ވަނީ އެދިފައި އެވެ.

އެކަމަށް ރައްދު ދެއްވައި ޕީޖީގެ ވަކީލު ވިދާޅުވީ ދައުވާ ފޯމްގައި ހިމަނާފައިވާ ލިޔުންތައް ވާނީ ހިމަނާފައި ކަމަށާއި ފޯލިޔޯ ނަންބަރު ތަކަކީ ޕީޖީގެ ބޭނުމަކަށް ޖަހާފައިވާ ނަންބަރުތަކެއް ކަމަށެވެ.

މަހުލޫފު ވިދާޅުވީ ފުރަތަމަ އެހެން ތުހުމަތެއްކޮށް މާފުށީ ޖަލަށް ގެންދެވި ކަމަށާއި ނަމަވެސް އެރޭގެ ވަގުތެއްގައި މާފުށީ ޖަލަށް ފުލުހުން ދުރުވެ ވިދާޅުވީ ޓެރަރިޒްމްގެ ކުށުގެ ތުހުމަތު އޭނާގެ މައްޗަށް ކުރި ކަމަށެވެ. މަހްލޫފް ވިދާޅުވީ ހަގަޑިއިރު އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި އިން ކަމަށާއި ޤާނޫނީ ވަކީލަކު ނުލިބުމުން ފުލުހުންނަށް ބަޔާން ދޭން ދެކޮޅު ހެދި ކަމަށެވެ. ނަމަވެސް ފުލުހުން ބަޔާނެއް ލިޔެ އޭނާ ލައްވާ ސޮއި ކުރުވި ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މި މައްސަލައިގައި އިތުރު އެއްވެސް ތަހުގީގެއް ކުރިއަށް ނުގެންގޮސް ދައުވާ ނުކުރެވޭނެ ކަމަށާއި ތަހުގީގު ކުރިއަށް ނުގެންގޮސް ދައުވާކޮށްފައިވަނީ ކީއްވެތޯ ތަކުރާރުކޮށް މަހްލޫފް ސުވާލު ކުރިއެވެ. އަދި ޖަލު ކައިރިއަށް އެއްވި އެހެން މީހުން ކޮބައި ކަމާއި ޖަލުގެ ގޭޓް އެހެން ބަޔަކު ތެޅުވިތާންގައި ހުންނަ މީހާއަށް ދައުވާ ކުރާއިރު، ގޭޓް ތެޅުވި މީހުން ކޮބައިތޯ މަހުލޫފް ވަނީ ދައުލަތަށް ސުވާލުކުރައްވާފައި އެވެ.

އެކަމުގެ ރައްދުގައި ދައުލަތުން ވިދާޅުވީ އެމައްސަލަ މިހާރުވެސް ތަހުގީގު ކުރަމުންދާ ކަމަށާއި ހެއްކާއި ގަރީނާ ލިބޭ މިންވަރަކުން އެމީހުން ހައްޔަރުކޮށް، ލިބެންޖެހޭ އަދަބު ދޭނެ ކަމަށެވެ.

މަހުލޫފް އިތުރަށް ވިދާޅުވީ ރަހީނުކޮށްފައިވާ ރިލްވާންގެ ކުންވެރިންނަށް ވެސް ކޮށްފައިވަނީ ޓެރަރިޒަމްގެ ދައުވާ ނަމަވެސް އެމީހުން ތިބީ ދޫކޮށްލާފައި ކަމަށާއި މިއީ ކަނޑައެޅިގެން ސިޔާސީ މަގްސަދެއްގައި ކުރަމުންދާ ކަމެއް ކަމަށެވެ. އަދި މާފުށީ ޖަލުގެ ގޭޓްް ހުޅުވުނަސް ޖަލުތަކާއި ހަމައަށް ނުވެސް ދެވޭނެ ކަމަށާއި ދައުލަތުން މިވަނީ ވާހަކަ ފުޅާކޮށް ދޮގު ތުހުމަތުތަކެއް ކޮށްފައި ކަމަށް އޭނާ ވިދާޅުވެފައި އެވެ.

އަދި ޓެރަރިޒަމް ދައުވާ އަކީ ބޮޑެތި ކުށްތައް ކޮށްފައި ތިބޭމީހުނަށް ކުރާ ދައުވާއެއް ކަމަށާއި މިފަދަ ކަމަކަށް ޓެރަރިޒަމް ދައުވާއެއް ނުއުފުލޭނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލުންވަނީ ގިނަ ހެކިތަކެއް މަހުލޫފްގެ ދެކޮޅަށް ހުށައަޅާފައި އެވެ. ބައެއް ހެކިތައް ވަނީ ދައުވާ ކުރި ފަހުން ލިބުމުގެ ސަބަބުން ޝަރީޢަތައް ހުށަހެޅުމުގެ ކުރިން ގާޒީގެ ހުއްދަ ހޯދާފައެވެ.

މަހުލޫފްގެ މައްޗަށް މިހާރުވެސް 4 ދައުވާއެއް އުފުލާފައި ވުމުގެ ސަބަބުން ދިފާއީ ވަކީލުންވަނީ ދައުލަތުގެ ކުރިން ހުށައަޅަންޖެހޭ ހުށައެޅުންތައް ހުށައެޅުމަށް 30 ދުވަހުގެ މުއްދަތަކަށް އެދިފައި އެވެ. ނަމަވެސް ގާޒީ ވިދާޅުވީ 30 ދުވަހުގެ މުއްދަތެއް ނުދެވޭނެ ކަމަށާއި 20 ދުވަހުގެ މުއްދަތުން ހެކި ހުށައެޅޭނެ ކަމަށް ކަނޑައަޅާ މެއި މަހުގެ 15 އަށް ޝަރީއަތް ބޭއްވުމަށް ތާވަލް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޚަލޯ

  ސިޔާސީ ގޮތުންކުރި މުޒާހަރާއެއް.ސިޔާސީ ދައުވާއެއް. ސިޔާސީ ހުކުމެއް. ހަމަ ބަރަާބަރު.

 2. ތަރާގަނޑު

  މަހޭ ކަލެޔަށް ތިނޫން ގޮތެއް ނޯންނާނެ ކަލޭގެ އަނގަ ތަންފުކެޢް ބޮޑީ ބުނާބަހަކާ އަމަލާ ދިމާނުވޭ މޮޅުކަންދަށްކަން މާފުށްޓައް ދިޔައީ ސަޅިވެއްޖެއެށްނު .

 3. ފޭލި

  ކަލޯ ވަރެއް ނެތިގެން އުޅުނުމީހެއް ތިޔައީ. ޢަމިއްލައައް ބޮނޑި ބޮނީ. ހައެއްކަ އަހަރައް ލާނަމަ ދޯ އިންތިހާައައް އުފާވާނެ

 4. ޔޔޔ

  އެހެން މީހުންވެސް ތިކަމުގައި ބާނާލާ. ތީވާ އިއްޒަތްތެރި މެމްބަރެއް.

 5. ރެޓޭ

  "ސިޔާސީ ދަޢުވާ" ކިޔާ ދަޢުވާ އެއް ނޯންނާނެ!

 6. ހަނާ

  މުޒާހަރާ ކުރުން މަނާތަނެއްގަ މުޒާހަރާ ކުރީމަ އެކަން ކުށްވެރިވާގޮތަށް ޤާނޫނުގައި އޮތްހާ ހިނދަކު ތިކަން ނުވާނެ ސިޔާސީ ކަމަކަށް.

 7. ދޮންކަލޯ

  މީހަކު މަރާފަވެސް މިސިޔާސީ ހޭބަލިން ބުނާނެ އެއީ ސިޔާސީ ކަމެކޭ. ކުށްވެރިއެއްނުވާނެއޭ، ޝަރީޢަތެއް ނުކުރެވޭނެއޭ.