ކޮވިޑް-19 އާއި ގުޅިގެން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ހިލާފަށް ސަފާރީއަކުން ލ. ކުނަހަންދުއަށް ފޭބި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މި އެންގުމާއި ހިލާފަށް ރޭ 22:14 އެހާކަންހާއިރު ކުނަހަންދޫ ކައިރީގައި އޮތް ސަފާރީއަކުން ދެ މީހަކު ފައިބައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަަމަށެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ 36 އަހަރާއި 39 އަހަރުގެ ދެ ދިވެހިން ފިރިހެނުން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ލ. ގަން މެޖިސްޓްރޭޓު ކޯޓަށް ގެންދިޔުމުން އެ މީހުންގެ ބަންދަށް ފަސް ދުވަސް މުއްދަތެއް ކޯޓުން ދީފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ވަނީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އާންމު ސިއްހަތު ރައްކާތެރިކުރުމަށް އާންމުންނަށް ވަކި ގޮތްތަކަށް އަމަލު ކުރުމަށް އެންގުމުގެ ގާނޫނީ ބާރު އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްއަށް ލިބިގެންވެއެވެ. މި އެންގުމާ ހިލާފުވާ މީހުންނާއި މެދު ގާނޫނުގެ ތެރެއިން ފިޔަވަޅު އެޅިގެން ދާނެއެވެ.

ފުލުހުން ވަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާންކޮށްފައިވާ މި ދަނޑިވަޅުގައި ހުރިހާ ފަރާތްތަކަކުން ވެސް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުންތަކަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ.