މާލޭގެ ގެސްޓްހައުސްއެއްގައި މިއަދު ނިޔާވެފައި އޮއްވާ ފެނުނު ބަންގްލަދޭޝް މީހާ ނިޔާވެފައި އޮއްވާ ފެނުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޭނާ ކޮވިޑް-19 އަށް ޓެސްޓް ކުރިކަމަށާއި އޭނާގެ ނަތީޖާ ނައްސި (ނެގެޓިވް) ވެފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ މަބްރޫކް އަޒީޒް ވިދާޅުވީ އޭނާ ކުރިން އޭޑީކޭ ހޮސްޕިޓަލަށް ދައްކާފައިވާ ކަމަށާއި އޭޑީކޭން ކުރި ޓެސްޓްތަކުން އޭނާއަށް ޑެންގޫ ޖެހިފައިވާކަމަށް ދައްކާފައިވާ ކަމަށެވެ.

"އެމީހާއަކީ އޭޑީކޭ ހޮސްޕިޓަލަށް ދިޔަ މީހެއް ކަމާއި، އޭނާ ޑައިގްނޯސްކުރެވިފައިވަނީ ޑެންގީއަށް ކަމަށް އަޅުގަނޑުމެންނަށް އެނގިފައިވޭ. އަދި ޑެންގީގެ އިތުރު ޓެސްޓުތަކެއް ފަހުން ހަދާ ގޮތައް އޮތީ. ނިޔާވުމާއެކު ޔަގީންކުރުމުގެ ގޮތުން ކޮވިޑް-19 ޓެސްޓު ހެދުނު. އެ ޓެސްޓުގެ ނަތީޖާ ނެގަޓިވް." މަބްރޫކް ވިދާޅުވިއެވެ.

ފުލުހުން ވެސް މިއަދު ވަނީ އޭނާ އޭޑީކޭ ހޮސްޕިޓަލަށް އިއްޔެ ދިޔަ ކަމަށް ވިދާޅުވެފައެވެ.

"ކާސިންޖީ މަގުގައި ހުރި ގެސްޓްހައުސްއެއްގައި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ނިޔާވެފައި އޮއްވާ ފެނިފައިވޭ. މިއަދު 09:10 ކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އަކީ މ.ކޮޅުފުށިން އައި މީހެއް. ބަނޑަށް ތަދުވާތީ އިއްޔެ އޭނާ އޭޑީކޭ ހޮސްޕިޓަލުން ޑޮކްޓަރަށް ދައްކާފައިވޭ. މިއަދު އޭނާ ޑޮކްޓަރަށް ދައްކަން ދާން ޖެހޭ ކަމަށް މައުލޫމާތު ލިބިފައިވޭ." ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ނިޔާވެފައި އޮތް މީހާ ހޮސްޕިޓަލަށް ގެންދަން އެންބިއުލެންސަށް އެރުވިއިރު އެކަމުގައި ހަރަކާތްތެރިވި މީހުން ތިބީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުން ކުރާ ހެދުން ލައިގެންނެވެ. އަދި މަގުމަތީގައި ފުލުހުންގެ ޔުނީފޯމްގައި ތިބި މީހުން ވެސް ތިބީ މާސްކް އަޅައިގެންނެވެ. ނިޔާވެފައި އޮތް މީހާ ހޮސްޕިޓަލަށް ގެންދިޔަ ފަހުން އެސަރަހައްދު ޑިސްއިންފެކްޓް ކުރި މަންޒަރު ވެސް ފެނިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކިޔުންތެރިޔާ

    އެކަމް ހާދަ އަވަހަށް ލިބުނު ނަތީއްޖާއެކޭ ތީ.

    15
    1
    • އަލީ

      އެހެންތާވާނީ މާލެއިންވީމަ މާކަ ދުރު ގެންނާކަން ނުޖެހޭނު