މުވައްޒަފުން ވަކިނުކުރާ ފަރާތްތަކަށް، ލުއިތައް ދިނުމުގައި އިސްކަންދޭނެ ލޭބާ ރިލޭޝަން އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

ލޭބާ ރިލޭޝަން އޮތޯރިޓީން ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ޙާލަތާ ގުޅިގެން، މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް ކުޑަކުރުމާއި، މުސާރައާއި ޢިނާޔަތް ނުދޭގޮތަށް ނޯޕޭ ލީވްގެ ގޮތުގައި، މުވައްޒަފުން ފޮނުވާލުމާއި، ވަޒީފާއިން ވަކިކުރުންފަދަ ކަންކަން، ވަޒީފާދޭ ފަރާތްތަކުން މިދުވަސްކޮޅު ކުރަމުންގެންދާތީ، މުވައްޒަފުންގެ ޝަކުވާތައް އެއޮތޯރިޓީއަށާއި ސަރުކާރުގެ ބައެއް މުއައްސަސާތަކަށް ލިބެމުން އަންނަ ކަމަށެވެ.

އަދި ކަންހިނގަމުން އަންނަގޮތް އެއޮތޯރިޓީން ބެލިއިރު، މުވައްޒަފުންގެ ކަންކަން ބައެއްފަރާތްތަކުން ނިންމާފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ކަމަށް ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

"ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ޙާލަތާ ގުޅިގެން، ވިޔަފާރިތަކަށްވެސް ވަރަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާތީ، މުވައްޒަފުންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ގޮތުން، ސަރުކާރުން ލޯނު ދޫކުރުމާއި އެނޫންވެސް ގިނަގުނަ ލުއިތައް ވިޔަފާރިކުރާ ފަރާތްތަކަށް ހަމަޖައްސައިދެއްވުމަށް ވަނީ ނިންމާފައެވެ. މިޢިނާޔަތް ދިނުމުގައި، މުވައްޒަފުން ވަޒީފާއިން ވަކިނުކޮށް، މުވައްޒަފުންގެ ޙައްޤުތައް ފުރިހަމަޔަށް އަދާކޮށްދޭ ފަރާތްތަކަށް ސަރުކާރުން އިސްކަން ދެއްވާނެއެވެ." ލޭބާ ރިލޭޝަން އޮތޯރިޓީގެ ބަޔާނުގައި ވެއެވެ.

ވީމާ، މިދަނޑިވަޅުގައި މުވައްޒަފުންގެ ވަޒީފާއާގުޅުންހުރި ކަންކަން ނިންމެވުމުގެ ކުރިން، އެކަންކަމާ ގުޅޭގޮތުން ލެބާ ރިލޭޝަން އޮތޯރިޓީއާއެކު މަޝްވަރާކުރެއްވުމަށާއި، އެއްވެސް މުވައްޒަފަކާމެދު ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް ބަޔާނުގައި އެއޮތޯރިޓީން ވަނީ އެދިވަޑައިގެންފައެވެ.

ވަޒީފާދޭ އެއްވެސް ފަރާތަކުން، 01 މާރިޗު 2020 އިން ފެށިގެން އެއްވެސް މުވައްޒަފެއްގެ ވަޒީފާގެ ޙާލަތަށް ބަދަލެއް ގެނެސްފައިވާނަމަ، އެފަރާތްތަކުން އެކަންކަން ނިންމެވިގޮތުގެ ތަފްޞީލް، ލޭބާ ރިލޭޝަން އޮތޯރިޓީގެ ވެބްސައިޓް ގައިވާ ޝީޓް ފުރިހަމަ ކުރެއްވުމަށްފަހު، 15 އެޕްރީލް 2020 ގެ މެންދުރު 12:00 ގެ ކުރިން، އޮތޯރިޓީގެ އީމެއިލް އަށް ފޮނުވައިދިނުމަށް ބަޔާނުގައި ވަނީ އެދިފައެވެ.

އަދި ކުރިއަށްއޮތް ތަނުގައިވެސް މުވައްޒަފުންގެ ވަޒީފާއަށް ބަދަލެއް ގެންނަނަމަ، މިގޮތައް އަމަލު ކުރުމަށާއި އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، އޮތޯރިޓީގެ ނަންބަރު 7208282 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ލޭބާ ރިލޭޝަން އޮތޯރިޓީން އެދެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ފަތުރުވެރިން ރާއްޖެ އައުން މަނާކޮށްފައި ވާތީ ވަރަށް ގިނަ ރިސޯޓްތަކުން ގެންދަނީ މުވައްޒަފުން ވަޒީފާ އިން ވަކިކުރަމުންނެވެ. އަދި މާލޭގެ ބައެއް ވިޔަފާރިތަކަށް ވެސް ކޮވިޑް-19 ގެ އަސަރު ކުރަމުން ދާތީ މުވައްޒަފުން ވަކިކުރާ ކަމުގެ ޝަކުވާ ދަނީ ލިބެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޝަ××އްތަަރު

    ޝަބަސް

  2. އެކްޓިވިސްޓް

    ސަރުކާރުން ޕްރައިވެޓް ސެކްޓަރ އަށް އަމާޒުކޮށްގެން އެފަރާތްތަކުންގެންގުޅޭ މުޥައްޒަފުން ވަކި ނުކުރުމަށް ބާރުއެޅުމުގެގޮތުން ކިތަންމެ ރަނގަޚު ފައިނެންޝަލް ޕެކޭޖްތަކެއް ތަޢާރަފްކުރިއެއްކަމަކު ހުރިހާ ރިސޯރޓްތަކުންހެންނާއި ގެސްޓްހައުސްތަކުންވަނީ އެތަންތަނުގެ މުޥައްޒަފުންގެ މުސާރަކުޑަކޮށް ޢިނާޔަތްތައް އެއްކޮށް ކަނޑާ އަދި މުސާރަނެތްގޮތަށް ވަޒީފާއިން ފޮނުވާފައެވެ. އެކަމަކު އޭގެ ޝަކްވާ މުޥައްޒަފުންނަކަށް ކުރާކަށް ނުކެރޭނެއެވެ. ޞަބަބަކީ މާދަމާވެސް އެމީހުން ވާޒީފާއަށް އެދި އާދޭސްކކުރަންދާންޖެހިފަތިބީ އެ ވިޔަފާރި މަހުޖަނުންކާރިއަށްވީމައެވެ. އެކަމަކު ހިތާމައަކީ ސަރުކާރުންދޭން ނިންމާފައިވާ ފައިނެންޝަލް އެހީތެރިކަން އެ އެއްމެންވެސް ހޯދާ އޭގެއިން ތަރައްޤީކުރާނީ އެމީހުންގެ ރިސޯރޓްތަކާއި ވިޔަފާރިތަކަށް ކަމަށްވާނެތީއެވެ.

  3. އަހްމަދު

    ތިޔަވިދާޅުވާގޮތަކަށްވެސް ކަންތަކެއްނުކުރެވޭނެ ސަބަބަކީ މުއައްޒިފުންނައް އެއަނިޔާދެމުންދާ ގިނަމަހުޖަނުންނަކީ މިސަރުކާރާ ގުޅިފަތިބިމީ މަހުޖަނުން ސަރުކާރުން އެއްޗެއްދޭނަމަ އެންމެފުރަތަމަ ބައިނަގަންތިބިމީހުންނަކީވެސްއެއީ