ތަފާތު މަރުހަލާތަކުގައި ބަންދުގައި ތިބޭ މީހުންގެ ވަކީލުންނަށް އެފަރާތްތަކާއި ބައްދަލުކުރުމުގެ ފުރުސަތު އެކަށީގެންވާ ގޮތެއްގައި ދިނުމަށް އަމުރެއް ނެރޭނެ ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް އާރިފް ވިދާޅުވެއްޖެ އެވެ.

އާރިފް މިފަދައިން ވިދާޅުވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާއާއި ގުޅިގެން މިއަދު އިރު އޮއްސުނު ފަހުން ކްރިމިނަލް ކޯޓްގައި ބޭއްވި އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާއާއި ގުޅިގެން ބޭއްވި އަޑުއެހުމުގައި ތިން ބޭފުޅުންގެ ވަކީލުންވެސް ވަނީ އެކަށީގެންވާ މިންވަރަށް ވަގުތު ނުލިބޭ ކަމުގެ ޝަކުވާ ހުށަހަޅާފައެވެ.

އެކަށީގެންވާ މިންވަރަށް ވަގުތު ނުލިބޭ ކަމުގެ ޝަކުވާ ކުރައްވަމުން މައުމޫނުގެ ވަކީލު ވިދާޅުވީ ކުރީގެ ރައީސް މައުމޫނާ ދެކޮޅަށް ގިނަ މައްސަލަތަކެއް ކުރިއަށްދާ ދަނޑިވަޅެއްގައި، މައްސަލަތަކަށް ތައްޔާރުވެވަޑައި ގަންނަވާނެ ވަގުތު ލިބިވަޑައިނުގަންނަވާ ކަމަށާއި، ބައްދަލުވުމުގެ ފުރުސަތު ލިބިވަޑައިގަންނަވަނީ ހަފްތާގެ 5 ދުވަހު ދުވާލަކު ގަޑިއެއްހާ އިރަށް ކަމަށެވެ. އެހެން ކަމުން ކްރިމިނަލް ކޯޓު މެދުވެރިކޮށް އެވަގުތު އިތުރުކޮށްދެވޭނެ ގޮތެއް ހައްދަވައި ދެއްވުމަށް މައުމޫންގެ ވަކީލް އެދިވަޑައިގެންނެވި އެވެ.

އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާ އުފުލާފައިވާ 3 ބޭފުޅުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ވަކީލް، އަދި ފަނޑިޔާރު އަލީ ހަމީދުގެ ވަކީލްވެސް ވަނީ ބައްދަލުވުންތައް ކުރިއަށް ގެންދަން އެކަށީގެންވާ މިންވަރު ލިބިވަޑައި ނުގަންނަވާ ކަމުގެ ޝަކުވާ ހުށަހަޅުއްވާފައެވެ. އަދި އެކަމަށް ހައްލެއް ހޯއްދަވައި ދެއްވުމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ވަކީލުންގެ ޝަކުވާއާއި ގުޅިގެން ޖަވާބުދާރީވެ ވަޑައިގަންނަވަމުން، ގާޒީ އާދަމް އާރިފް ވިދާޅުވީ އެކަށީގެންވާ ގޮތެއްގައި ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ދެއްވުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރު ކުރައްވާނެ ކަމަށެވެ. އެހެން ނަމަވެސް އަމުރު ކުރައްވާނެ ވަގުތު ގާޒީ ވިދާޅުވެފައެއް ނުވެއެވެ.

ފަނޑިޔާރު އާދަމް އާރިފް ވިދާޅުވީ ވަކީލުންގެ ބައްދަލުވުންތައް ކުރިއަށްދާ ގޮތުގެ ކަންކަން ބައްލަވަން ކްރިމިނަލް ކޯޓުން ބޭނުންވެލައްވާ ކަމަށާއި، އަދި ވަކީލުންނަށް ލިބިވަޑައި ގަންނަވަނީ ކިހާ ވަގުތެއް ކަމާއި އެކަންކަން ހަމަޖެހިގެންދަނީ ކިހިނެއް ކަން އެ ކޯޓަށް ރިޕޯޓްކުރެވެން ވާނެ ކަމަށެވެ.

ވަކީލް ބައްދަލުވުންތައް އެކަށީގެންވާ ގޮތެއްގައި ދިނުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރަން ނިންމާފައި މިވަނީ ވަކީލުންގެ ބައްދަލުވުންތައް ދިނުމުގައި އަމަލު ކުރަމުން އައި ގޮތާމެދު ކުރެވުނު ޝަކުވާ ތަކާއި ގުޅިގެން އެކަމަށް ބަދަލު ގެނެސްފައިވާ ދަނޑިވަޅެއްގައެވެ. އަދި ކަރެކްޝަނަލް ސާވިސްގެ ދަށުގައި ބަންދުގައި ތިބޭ މީހުންނަށް ކޮންމެ ދުވަހަކު ވެސް ގާނޫނީ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ދިނުމަށް އެ އިދާރާއިން ނިންމައިފައިވާ ދަނޑިވަޅެއްގައެވެ.