މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާއި ގުޅިގެން ހޮސްޕިޓަލްތަކަށް މީހުން ޒިޔާރަތް ކުރާ މިންވަރު މަދުކުރުމަށް ދިގުމުއްދަތަކަށް ބޭސްކަމުން އަންނަ ފަރާތްތަކުން އިތުރަށް ޑޮކްްޓަރަށް ދެއްކުމަކާ ނުލައި ބޭސް ހުސްވުމުން ބޭސް ނެގޭ ގޮތަށް އުސޫލު ބަދަލުކޮށްފައި ވާކަމަށް އާސަންދަ ކުންފުނިން ވިދާޅުވެއްޖެއެވެ.

މިއަދު ނެރުނު ނޫސް ބަޔާނެއްގައި އާސަންދައިން ވިދާޅުވެފައި ވަނީ، މި އުސޫލު ގާއިމްކޮށްފައި ވަނީ މިހާރު ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ކަމަށާއި، ދިގު މުއްތަކަށް ބޭސް ކުރާ މީހުން ކުރިން ޑޮކްޓަރަކު ލިޔެދީފައިވާ ބޭސް ސިޓީއެއް ގެނައުމުން ބޭސް ނެގޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސައިފައި ކަމަށެވެ. އެގޮތުން އާސަންދަ ހިދުމަތްދޭ ކްލިނިކެއް ނުވަތަ ހޮސްޕިޓަލެއްގެ ތެރޭގައި ނޫން އެހެން ތަންތަނުގައި ހުންނަ ބޭސް ފިހާރަތަކުންވެސް މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން ވާނީ މި ހިދުމަތް ފަށާފައި ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

އާސަންދައިން ވަނީ ބޭސް ދޫކުރުމުގައި ބަލާ ކަންކަން މިއަދު ނެރުނު ނޫސް ބަޔާނުގައި ހިއްސާކޮށްފައެވެ.

އެގޮތުން ބަލިމީހާ އަށް ޑޮކްޓަރު ދެއްވާފައިވާ ބޭސް ސިޓީ އަކީ އެންމެފަހުން އެސިޓީ ދޫކުރިތާ ތިންމަސް ފުރިފައި ނުވާ ބޭސް ސިޓީ އަކަށް ވާން ޖެހޭނެ ކަމަށާއި، ސްކީމްގެ ހިދުމަތްދޭ ރާއްޖެއިން ބޭރުގެ ހޮސްޕިޓަލަކުން ދޫކޮށްފައިވާ ބޭސް ސިޓީއެއް ނަމަ ހަމަސް ނުފުރޭ ބޭސްސިޓީއަކަށް ވާން ޖެހޭ ކަމަށް އެކުންފުނިން ނެރުނު ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

އާސަންދައިން ވިދާޅުވީ މި އުސޫލުގެ ދަށުން މިވަގުތު ހުރި ބޭސް ހުސްވުމުގެ 15 ދުވަސް ކުރިން ބޭސް ހޯދުމަށް އެދެން ޖެހޭނެ ކަމަށާއި، އެސިޓީއަކީ ދިގު މުއްދަތަކަށް ބެސްކުރަން ޖެހޭ ކަމަކަށް ދޫކޮށްފައިވާ ބޭސް ސިޓީއަކަށް ވާން ޖެހޭނެ ކަމަށެވެ.

ބޭސް ސިޓީއެއްގައި ހުންނަން ޖެހޭ ހުރިހާ މައުލޫމާތެއް ހަމަވާން ޖެހޭނެ ކަމަށާއި، ބޭސް ދޫކުރާނީ ބަލި މީހާގެ އައިޑީކާޑު ދެއްކުމުން ކަމަށް އާސަންދައިން ވަނީ ވިދާޅުވެފައެވެ. އަދި ދިގު މުއްދަތުގެ ބައްޔެއް ނޫން އެހެން ބައްޔަކަށް ބޭނުންކުރާ ބޭހެއް ވަގުތީ ގޮތުން ބޭނުންކުރުމަށް ޑޮކްޓަރަކު ބޭސް ސިޓީގައި ލިޔެފައި އޮތް ކަމުގައި ވީނަމަވެސް އެބޭހެއް ދުލެއް ނުކުރާނެ ކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.

އާސަންދަ ހިދުމަތް ނުދޭ ތަނަކުން ދޫކޮށްފައިވާ ބޭސް ސިޓީއަކަށް ބޭސް ދިނުމުގައި ބަލާ ކަންކަމުގެ ތެރޭގައި، ބޭސް ލިޔެދީފައިވާ ތާރީހުން ފެށިގެން ތިން ދުވަސް ވެފައި ނުވުމާއި ބޭސް ސިޓީއަކީ ދިގުމުއްދަތަށް ފަރުވާދޭ ބައްޔަކަށް ބޭސްކުރުމަށް ދޫކޮށްފައިވާ ބޭސް ސިޓީއަކަށް ވުމުގެ އިތުރުން ބޭސް ސިޓީއެއްގައި ހުންނަންޖެހޭ ހުރިހާ މައުލޫމާތެއް ފުރިހަމައަށް ހުރުން ހިމެނެއެވެ.

އާސަންދައިން ވިދާޅުވީ މިގޮތަށް އަމަލު ކުރަމުން ގެންދާނީ ހަމައެކަނި ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކަމަށެވެ. އަދި އެކުންފުނިން މިފަދައިން ބޭސް ދޫކުރަން ފަށާފައި ވީނަމަވެސް މިހާރު ބޭނުން ކުރަމުން އަންނަ ބޭހަށް އެއްވެސް ބަދަލެއް ގެންނަން ޖެހޭ މީހެއް ކަމުގައިވާނަމަ ނުވަތަ ބައްޔަށް އެއްވެސް ތަފާތުކަމެއް އަތުވެފައިވާ ނަމަ ޑޮކްޓަރަށް ދެއްކައި، ޑޮކްޓަރުގެ ލަފަޔާއި އެކު ބޭސް ނެގުމަށް އެކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިވެހިސޮރު

    ހުސް ދޮގު މީހުން ހައްދާބައެއް