ކޮވިޑް-19 އިން ރާއްޖެ އަރައިގަތުމަށް ފަހު، ގައުމު އޮންނާނެ ގޮތުގެ ތަސައްވުރެއް އޮންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މަޖިލިހުގެ ޖަލްސާގައި މިއަދު ވިދާޅުވެއްޖެއެވެ.

އޮންލައިންކޮށް ފުރަތަމަ ފަހަރަށް ބޭއްވި ޖަލްސާގައި އާޒިމް އެގޮތަށް ވިދާޅުވީ ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަސް ރާއްޖެއިން ފެނިފައިވުމާ ގުޅިގެން އެ ވައިރަސް އިތުރަށް ރާއްޖޭގައި ފެތުރުނަ ނުދިއުމަށްޓަކައި އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒް ކުރުމަށް މަޖިލިހުން ދެކޭ ގޮތް ކަނޑައެޅުމަށް އޭނާ ހުށަހެޅުއްވި މައްސަލަ އަށް ބަހުސް ކުރައްވަމުންނެވެ.

އެ މައްސައަށް ބަހުސް ކުރައްވަމުން އާޒިމް ވިދާޅުވީ ކޮވިޑް-19 ފެތުރުނަ ނުދިނުމަށް ސަރުކާރާއި ޓާސްކް ފޯސް އިން ކުރަނީ ބުރަ މަސައްކަތެއް ކަމަށެވެ. އަދި ކޮވިޑް-19 އާ ދެކޮޅަށް އެ ހުރިހާ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

މި ނާޒުކު ދަނޑިވަޅުގައި އަމިއްލަ އިސް ނެގުމުގައި އާއި، އެހެނިހެން ގޮތްގޮ ތުން ވަރަށް ގިނަ ޚިދުމަތްތަކެއް ކުރާ ބަޔަކު ތިބި ކަމަށް ވެސް އާޒިމް ފާހަގަކުރެއްވިއެވެ. އާޒިމް ވަނީ ކަމާބެހޭ ފަރާތްތަކުން ދެމުން އަންނަ ލަފަ އާއި އިރުޝާދުތަކަށް ބޯލެނބުމަށް ވެސް އިލްތިމާސް ކުރައްވައިފައެވެ.

އެގޮތުން ޒަރޫރީ ބޭނުމަށް ނޫން ގޮތަށް ގެއިން ނުނިކުތުމަށާއި، ގެއަށް ކާޑު ބޭނުންވާ ވަރަށް ވުރެ ގިނައިން ގަނެ، ގުދަން ނުކުރުމަށް އާޒިމް އެދިވަޑައިގެންނެވިއެވެ.

"މި ރޯގާއިން އަރައިގަތުމަށް ފަހު އަޅުގަނޑުމެންގެ ވިސްނުމެއް، ސަރުކާރުގެ ވިސްނުމެއް، ސިޔާސީ މީހުންގެ ވިސްނުމެއް ތަސައްވުރެއް، މި ރާއްޖެ އޮންނާނޭ ގޮތާއި މެދު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެބަ އޮންނަން ޖެހޭ. އެގޮތަށް ނެތް ކަމަށް ވަނީ ނަމަ، އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެންގެ ވިސްނުން އަޅުގަނޑުމެންގެ ފިކުރު މިހުރީ ދާންވާ ދިމާލަކަށް ނޫނޭ،" އާޒިމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިހަށް އާޒިމް ހުށަހެޅުއްވި މައްސަލައިގައި ވަނީ ކޮވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން މަސައްކަތާއި އާމްދަނީ ގެއްލިފައިވާ މީހުނަށާއި ވިޔަފާރިތަކަށް އެހީތެރިވެދިނުމުގެ ގޮތުން ސަރުކާރުން އިއުލާން ކުރި ޕްރޮގްރާމް ހިންގުމުގައި ކޮވިޑް-19 އާއި ގުޅިގެން، ވަޒީފާ ގެއްލޭ ފަރާތްތަކާއި، ދުވަހު މުސާރައަށް އުޅޭ ފަރާތްތަކަށް އުޖޫރައެއް ދިނުމަކީ މުހިއްމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އެ މައްސަލައިގައި ވަނީ އެފަދަ ފަރާތްތަކަށް އުޖޫރަ ދޭން ވާނީ، އިގްތިސާދަށް ފައިދާވާ ބާވަތުގެ މަސައްކަތެއް ކުރުމަށް އެފަރާތްތަކަށް މަތި ކުރުމަށްފަހު އެ މަސައްކަތުގެ ސަބަބުން އިގްތިސާދުގެ އުފެއްދުންތެރިކަން އިތުރު ކުރެވޭނޭ ގޮތްތަކެއް ރޭވިގެން ކަމަށެވެ. އެގޮތުން އާޒިމް ވަނީ ބައެއް ކަންކަން ހުށަހަޅުއްވައިފައެވެ.

އެއީ ރާއްޖޭގެ ބޮޑެތި ރަށްރަށް ފާހަގަކޮށް، ފިޝަރީޒް މިނިސްޓްރީން ދަނޑުވެރިކަމުގެ ސިނާއަތު ފުޅާކުރުމަށް ކަނޑައަޅާފައިވާ ޕްރޮގްރާމްތައް އެ ރަށްރަށުގައި ހިންގުމަށާއި މަސްވެރިކަމުގެ ސިނާއަތަށް ދިނުމަށް ކަނޑައަޅާފައިވާ ޕެކޭޖުގެ ތެރޭގައި މަސް ރައްކާ ކުރެވޭނެ ގޮތް ހަދައި މަސް ކައްކައި ހިއްކައި ބާޒާރަށް އަދި ދުނިޔޭގެ ބާޒާރަށް ދިވެހި އުފެއްދުންތައް ފުޅާކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޕެކޭޖުތަކެއް ތައާރަފު ކުރުމެވެ.