ދިވެހިރާއްޖޭގެ މުސްތަގްބަލް ސަލާމަތް ކުރަން އޮތް ހަމައެކަނި ދޮރަކީ، މަސްވެރިކަން ދިވެހި އިގްތިސޯދުގެ ލޭނާރަށް ހެދުން ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

ވެބް ކޮންފަރެންސް މެދުވެރިކޮށް މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މިއަދު ވާހަކަދައްކަވަމުން ސައުދު ވިދާޅުވީ މިވަގުތު ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19 ގެ ހާލަތުން އަރައިގެނެވޭނެ ދުވަހެއްވެސް ދަންނަވަން ނޭނގޭ ކަމަށެވެ. އެހެންކަމުން ލަސްނުކޮށް، މަސްވެރިކަމުގެ ފްލީޓް ވަރުގަދަކޮށް، އިތުރު މަސްދޯނި ފަހަރު ސަރުކާރުން ބާޒާރަށް ނެރެގެން ނަމަވެސް މަސްވެރިކަން ރަނގަޅުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މަސްވެރިން ޒުވާނުން މަސް މަހަށް ދިއުމުގެ ޚާއްސަ ޕްރޮގްރާމްތަކެއް ފަށައިގެން ނަމަވެސް، މަސްވެރިކަމުން ދުވަހުން ދުވަހަށް ގޭބިސީތަކަށް މި ފައިސާ ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ، އަޅުގަނޑަނޑަށް ހީވަނީ މި ވަގުތު މަސްވެރިކަމަށް ޚާއްސަ އިސްކަމެއް ދީގެން ސަރުކާރުން ރާއްޖޭގެ ވަކި ރަށެއް އިސްތިސްނާ ނުކޮށް ހުރިހާ ރަށަަކަށް މަސައްކަތް ފެއްޓުމަށް އަޅުގަނޑު މި ފުރުސަތުގައި ފާހަގަކޮށްލަން." ސައުދު ވިދާޅުވިއެވެ.

މީގެ އިތުރުން، މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް މަސްވެރިން ބޭނި މަހަށް ލިބެންޖެހޭ ފައިސާ ލިބިފައިނުވާ ކަމަށް ފާހަގަކުރައްވާ ސައުދު ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"މަސްވެރިންނަށް މިވަގުތު އެންމެ ބޮޑަށް ދަތިވެފައިވަނީ ދުވަހުން ދުވަހަށް މަސްވެރިން ބާނައިގެން ކިރުވާ މަހަށް ފައިސާ ނުލިބޭ މައްސަލަ. މިމަހު 12 ވަނަ ދުވަހުން ފެށިގެން އަދި މިހާތަނަށް މަސްވެރިން ކިރުވާފައިވާ އެއްވެސް މަހަކަށް ފައިސާއެއް ނުލިބޭ."ސައުދު ވިދާޅުވިއެވެ.

ރާއްޖޭގެ މަސްވެރިން މަހަށް ނުގޮސް ނުތިބެ މާކަނޑުގައި ފެތުރިގަންނަންވީ ވަގުތަކީ މިއީ ކަމަށާއި، ވަޒީފާ ގެއްލޭ ޒުވާނުންވެސް ރަށުގައި ނުތިބެ މަސްވެރިކަމަށް ނިކުމެ ދުވަހުން ދުވަހަށް އާމްދަނީ ވެއްދުމަށާއި، ގައުމުގެ އިގްތިސާދު ކޮޅަށް ޖެހުމަށް މަސައްކަތްކުރަންވީ ވަގުތަކީ މިއީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މޫސަ

    މަސްވެރިކަމަކީ ލޭނާރުކަމަށްް އަލުން ހަދާކަށް ނުޖެހޭ! އެއީ ކުރިންވެސް މިހާރުވެސް "ލޭނާރު"

  2. ލުޓޭރުންގެ ސަރުކާރު

    ސަ އުދު އިހުގަ ރާ އްޖޭގެ މަސްވެރިކަމަކީ ލޭނާރުކަމަށް ހެދުނަސް މިހާރު ކިހިނެތް ލޭނާރުކަމަށް މަސްވެރިކަން ހަދާނީ...ޔޫރަޕުގެ ބާޒާރުރާ އްޖޭގެ މަހަށް ފުރުސަތެނެތް...ލަންކާ މީހުން މިހާރު ވަޅޯމަސް އުފަ އްދަނީ އެމީހުން އަމި އްލަޔަށް..ދެން އޮތީ ޗަ އިނާ ފްރީ ޓްރީޑް އެގްރިމަންޓް. އެކަމަކު ސަ އުދުމެން ގެނަ އި ސަރުކާރަށް އެފުރުސަތުގެ ބޭނުމެނުކުރެވޭނެ... އަޅުވެތިވެފަ އޮތް ސަރުކާރެމީ....

  3. މޯދީ

    ކިހާވަރެއްގެ ދިރާސާއެއް ކޮއްފާތޯ ތިޔަހެން ތިވިދާޅުވީ..

  4. އަސްޤަރު ސިއްދީޤް

    މިކަލޭގެ އަނެއްކާ ފާޅުވީދޯ! މިއީ ހިދުހިދުކޮޅުން ފާޅުވާ ޖައްޖާލެއް ކަނޑުކޮސް ވާހަކަ މުޅިންވެސް ދަށްކާނީ!